Roadha Mihaaru
"ބަހުބަލީ 2"ގެ ރެކޯޑް "ސްތުރީ 2" މުގުރާލައިފި

"ބަހުބަލީ 2"ގެ ރެކޯޑް "ސްތުރީ 2" މުގުރާލައިފި

09 ސެޕްޓެމްބަރ 2024

"ބަހުބަލީ 2"ގެ ހިންދީ ވާޝަން އިން އިންޑިއާގެ ބޮކްސް އޮފީހުގައި ހޯދާފައިވާ ރެކޯޑް ހިންދީ ހޮރޯ ކޮމެޑީ ފިލްމު "ސްތުރީ 2" އިން މުގުރާލައިފި އެވެ.

"ބަހުބަލީ 2"ގެ ހިންދީ ވާޝަން އިން އިންޑިއާގެ ބޮކްސް އޮފީހުގައި ހޯދާފައިވާ ރެކޯޑް ހިންދީ ހޮރޯ ކޮމެޑީ ފިލްމު "ސްތުރީ 2" އިން މުގުރާލައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ބަހުބަލީ 2"ގެ ހިންދީ ވާޝަން ފަހަތަށް ޖައްސާލައި "ސްތުރީ 2" މިހާރު ވަނީ މިހާތަނަށް ތިންވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ހިންދީ ފިލްމުގެ ޝަރަފު ހޯދައިފަ އެވެ.

މިދިޔަ އޯގަސްޓް މަހުގެ 15 ގައި ރިލީޒްކުރި "ސްތުރީ 2" އަށް އިއްޔެގެ ނިޔަލަށް ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 516.3 ކްރޯޑް ރުޕީސް (61.5 މިލިއަން ޑޮލަރު) ލިބިފަ އެވެ. "ބަހުބަލީ 2"ގެ ހިންދީ ވާޝަނަށް ލިބިފައި ވަނީ 511 ކްރޯޑް ރުޕީސް (61 މިލިއަން ޑޮލަރު) އެވެ.

"ސްތުރީ 2" އިން ވަނީ އެންމެ 22 ދުވަހުގެ ތެރޭގައި އިންޑިއާގެ ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސް (59.5 މިލިއަން ޑޮލަރު) ހޯދައިފަ އެވެ. އެއާ އެކު މި ފިލްމު ވެފައި ވަނީ 500 ކްރޯޑް ރުޕީސް އެންމެ އަވަހަށް ހަމަކުރި ދެވަނަ ހިންދީ ފިލްމަށެވެ. އެ ލިސްޓުގެ އެއްވަނަގައި އަދިވެސް އޮތީ ޝާހްރުކް ހާންގެ "ޖަވާން" އެވެ. "ޖަވާން" އަށް އެވަރުގެ އާމްދަނީއެއް ލިބުނީ 18 ދުވަހުންނެވެ.

"ސްތުރީ 2" ދެން ވާދަކުރާނީ ޝާހުގެ "ޖަވާން" އާއި "ޕަތާން"އާ އެވެ. ޝާހުގެ "ޖަވާން" އަކީ 640.3 ކްރޯޑް ރުޕީސް (76.2 މިލިއަން ޑޮލަރު)ގެ އާމްދަނީއަކާ އެކު، މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމުގެ ރެކޯޑް ދަމަހައްޓާ ފިލްމެވެ. އެ ލިސްޓުގެ ދެވަނަގައި އޮތީ 543.1 ކްރޯޑް ރުޕީސް (64.7 މިލިއަން ޑޮލަރު)ގެ އާމްދަނީއަކާ އެކު "ޕަތާން" އެވެ.

ޝްރައްދާ ކަޕޫރާއި ރާޖްކުމާރް ރާއޯ ލީޑު ރޯލު ކުޅޭ "ސްތުރީ 2" އަކީ 50 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

މި ފިލްމަށް ވަނީ އާންމުންނާއި ކްރިޓިކްސްގެ ފަރާތުން ވެސް ޕޮޒިޓިވް ރިވިއުތަކެއް ލިބިފަ އެވެ.

ހެއްވާ، މަޖާ އަދި ބިރުވެރި ގިނަ މަންޒަރުތަކެއް ހިމެނޭ "ސްތުރީ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2018 ގަ އެވެ. އެ ފިލްމަށް ވެސް ވަނީ ފޭނުންނާއި ކްރިޓިކްސްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފަ އެވެ.