Roadha Mihaaru
ޕްރައިމަރީން ފާސްވާ ކުދިން އިތުރުކުރަންޖެހޭ: މިނިސްޓަރު

ސެކަންޑްރީން ފާސްކުރުވަން، ޕްރައިމަރީ ގްރޭޑްތަކުން ފާސްވާ ކުދިން އިތުރުކުރަންޖެހޭ: މިނިސްޓަރު

12 ސެޕްޓެމްބަރ 2024

އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ފާސްވާ ކުދިންގެ އަދަދު އިތުރުކުރުމަށް، ޕްރައިމަރީ ގްރޭޑްތަކުން ފާސްވާ ކުދިންގެ ނިސްބަތް އިތުރުކުރަން ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އޯލެވެލް އަދި އޭލެވެލް އިމްތިހާނުން ފާސްވާ ކުދިންގެ އަދަދު އިތުރުކުރުމަށް، ޕްރައިމަރީ ގްރޭޑްތަކުން ފާސްވާ ކުދިންގެ ނިސްބަތް އިތުރުކުރަން ޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 2022-2023 ގައި މިނިސްޓަރު ވިދާޅުވީ އިލްމީ ގޮތުން ރާއްޖެއަށް ތަރައްގީ ގެނައުމަށް ވަރަށް ގިނަ މަސައްކަތްކުރަންޖެހޭ ކަމަށެވެ.

ޕްރައިމަރީ ގްރޭޑްތަކުން ފާސްވާ ކުދިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ގްރޭޑް 3 ގެ ދިވެހި މާއްދާއިން ފާސްވާ ކުދިންގެ ނިސްބަތް 40 ޕަސެންޓަށްވުރެ ދަށްވެފައިވާކަމަށެވެ. އަދި ގްރޭޑް 6 ގައި ކިޔަވާ ދަރިވަރުންގެ އިނގިރޭސި އާއި ހިސާބު އަދި ދިވެހި މާއްދާ އިން ފާސްވާ ކުދިންގެ އަދަދު 50 ޕަސެންޓަށްވުރެ ދަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެއީ ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވާ އިސްމާއިލް ވިދާޅުވީ އޭލެވެލް އާއި އޯލެވެލްއިން ގިނަކުދިން ކުރުވަން ބޭނުންވާ ނަމަ ޕްރައިމަރީ ގްރޭޑުން ފާސްވާ ކުދިންގެ ނިސްބަތް އިތުރު ކުރަންޖެހޭކަމަށެވެ.

"ޕްރައިމަރީ ގްރޭޑްތަކަށް ނިސްބަތުން، ހަރަދުކުރެވޭ ފައިސާގެ އަދަދު ވެސް މަދު، ސެކަންޑްރީ ގްރޭޑްތަކަށްވުރެ. ޒަމާނުއްސުރެ ޕްރައިމަރީ ގްރޭޑަށް ދެވިފައި އޮތް އަހަމިއްޔަތުކަން ވެސް ކުޑަވެފައި އޮތީ. އަޅުގަނޑު އަރުވަން ބޭނުންވާ ޔަގީންކަމަކީ ޕްރައިމަރީ ގްރޭޑުން ފާސްވާ ކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށް މިނިސްޓްރީން ގިނަގުނަ މަސައްކަތްތަކެއް ކުރާނެކަން،" އޭނާ ވިދާޅުވި އެވެ.

ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެެރިވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދަރުބާރުގޭގައި ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެެރިވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލައި ކަންކަން ހައްލު ކުރުމަށް 9.5 މިލިއަން ޑޮލަރުގެ ހިލޭ އެހީއާ އެކު ބޮޑު މަޝްރޫއެއް މިދިޔަ މަހު ވަނީ އިފުތިތާހު ކޮށްފަ އެވެ. މިނިސްޓަރު ވިދާޅުވީ އެ ޕްރޮޖެކްޓުގައި ހިމެނޭކަންކަން ހާސިލްކުރެއްވުމާއެކު ޕްރައިމަރީ ގްރޭޑުތަކުން ފާސްވާ ކުދިންގެ ނިސްބަތް ވެސް އިތުރުކުރަންޖެހޭ ކަމަށެވެ.

ގައުމު އާރާސްތު ކުރެވޭނީ ތައުލީމީ ފެންވަރު ރަނގަޅުކޮށްގެންކަން ކަމަށާއި އެކަން ހާސިލްކުރަން އެންމެން އެކުގައި މަސައްކަތްކުރަން ޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.