Roadha Mihaaru
ކޯކު ފުޅި އާއި ދަޅުގައި މާވެލްގެ އެކި ކެރެކްޓާތައް!

ކޯކު ފުޅި އާއި ދަޅުގައި މާވެލްގެ އެކި ކެރެކްޓާތައް!

12 ސެޕްޓެމްބަރ 2024

ކޮކާ ކޯލާއިން މާވެލްއާ އެކު ފެށި ހާއްސަ ކޮލަބަރޭޓިވް ކެމްޕެއިނުގެ ދަށުން މާވެލް ޔުނިވާސްގެ ކެރެކްޓާތައް ހިމެނޭ ޕެކެޖިންގައި ކޯކު ފުޅިއާ ދަޅު މާކެޓަށް ނެރެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކޮކާ ކޯލާއިން މާވެލްއާ އެކު ފެށި ހާއްސަ ކޮލަބަރޭޓިވް ކެމްޕެއިނުގެ ދަށުން މާވެލް ޔުނިވާސްގެ ކެރެކްޓާތައް ހިމެނޭ ޕެކެޖިންގައި ކޯކު ފުޅިއާ ދަޅު މާކެޓަށް ނެރެފި އެވެ.

ރާއްޖޭ ހިމެނޭ ގޮތަށް 50 އަށް ވުރެ ގިނަ ގައުމުގައި މި ޕެކެޖިންގެ ޕްރޮޑަކްޓުތައް މިހާރު ވަނީ ވިއްކަން ފަށައިފަ އެވެ. މި ޕެކެޖިން ހިމަނައި ނެރެފައި ވަނީ ކޯކާއި ކޯކު ޒީރޯގެ ފުޅި އާއި ދަޅެވެ.

"ކޮކާ ކޯލާ އެކްސް މާވެލް: ދަ ހީރޯސް" ގެ ނަމުގައި ކުރިއަށް ގެންދާ މި ކެމްޕެއިނުގެ ދަށުން ތައާރަފްކުރި ޕެކެޖިންގައި 13 ކެރެކްޓާއެއް ހިމެނެ އެވެ. އޭގެ ތެރޭގައި މި ދުވަސްކޮޅު އެންމެ މަގުބޫލު ޑެޑްޕޫލް އާއި ވުލްވަރިންގެ ކެރެކްޓާ ޖެހި ޕެކެޖިން ވެސް ހިމެނެ އެވެ. އަދި މާވެލްގެ ގިނަ ފޭނުންގެ މެދުގައި މަގުބޫލު އަޔަން މޭން، ޑރ. ސްޓްރޭން އަދި ކެޕްޓަން އެމެރިކާ ފަދަ ކެރެކްޓާތައް ވެސް ހިމެނެ އެވެ.

ކޮކާ-ކޯލާގެ ޑިޒައިންތަކުގައި އާއްމުކޮށް ހުންނަ ރަތާއި ހުދާއި ކަޅު ހިމަނައިގެން ކެރެކްޓާތަކާ އެކު ޑިޒައިންކޮށްފައިވާ މި ޕެކެޖިންތަކުގެ އެންމެ ހާއްސަ އެއް ކަމަކީ އޭގައި ހިމެނޭ ކިއުއާރު ކޯޑު ސްކޭންކޮށްލުމުން ފޯނަށް އަންނަ އެނިމޭޓަޑް އޭއާރު ކެރެކްޓާގެ އެނިމޭޝަނެވެ. މި ކޮލަބަރޭޝަންގެ ދަށުން މި ހާއްސަ ޕެކެޖިންގެ އިތުރުން ބައެއް ފިހާރަތަކުން ބޮޑު ދެ ކޯކު ފުޅި ގަތުމުން މާވެލް ކެރެކްޓާގެ ފްރިޖް މެގްނެޓު ވެސް ލިބޭނެ އެވެ.

ކޮކާ ކޯލާގެ ސްރީ ލަންކާ އާއި ރާއްޖޭގެ ކަންޓްރީ ޑިރެކްޓަރު ކައުޝާލީ ކުސުމާޕާލާ ވިދާޅުވީ ދުނިޔޭގެ ބޮޑު ދެ ބްރޭންޑެއް އެކުވެ ފެށި މި ކެމްޕެއިނަކީ ކަސްޓަމަރުންނަށް ކަމުދާނެ ކޮލަބަރޭޝަނަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މި ކޮލަބަރޭޝަނުގެ ދަށުން ކަސްޓަމަރުންނަށް އެންމެ ގަޔާވާ މާވެލްގެ ހީރޯޒް އާއި ވިލަންސްގެ އޭއާރު ތަޖުރިބާއާ އެކު އެ ކެރެކްޓާތަކާ އެކު އިންޓަރެކްޓުކުރަން ލިބުމަކީ ކަސްޓަރުންނަށް ކަމުދާނެ ފީޗާއަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ މަގުބޫލު އެއް ބްރޭންޑް ކޮކާ ކޯލާ އަކީ 138 އަހަރުވީ ބްރޭންޑެކެވެ. ރާއްޖޭގައި ކޮކާ ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރަކީ މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އެވެ. ކޮކާ ކޯލާ ކުންފުނިން ވަނީ ރާއްޖޭގައި އެ ކުންފުނީގެ ސީއެސްއާރުގެ ޕްރޮގުރާމުގެ ދަށުން ރާއްޖޭގައި އެކި ޕްރޮޖެކްޓުތައް ހިންގައިފަ އެވެ.