Roadha Mihaaru
ރުއިޒް: ދިވެހި ކްލަބްތަކަށް ފަރިތަ ސްޕެއިނުގެ އޭޖެންޓް

ރުއިޒް: ދިވެހި ކްލަބްތަކަށް ފަރިތަ ސްޕެއިނުގެ އޭޖެންޓް

12 ޑިސެމްބަރ 2020

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ނިއު ރޭޑިއަންޓުން ވަރުގަދަ ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތްކުރި އިރު ދިމާވީ ސްޕެއިނުގެ އޭޖެންޓް އޭންހެލް ރުއިޒްއާ އެވެ. އޭނާގެ އޭޖެންސީގެ ދަށުގައި ހުރި ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން އާއި ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ ވަނީ ނިއުއާ ގުޅި ރާއްޖޭގައި ތަފާތު ދެއްކި އެވެ. އެއާ އެކު ރާއްޖޭގެ ކްލަބްތަކާ ރުއިޒްއާ ދެމެދު ރަނގަޅު ގުޅުމެއްގެ ބިންގާ އެޅުނީ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ނިއު ރޭޑިއަންޓުން ވަރުގަދަ ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތްކުރި އިރު ދިމާވީ ސްޕެއިނުގެ އޭޖެންޓް އޭންހެލް ރުއިޒްއާ އެވެ. އޭނާގެ އޭޖެންސީގެ ދަށުގައި ހުރި ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮން އާއި ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ ވަނީ ނިއުއާ ގުޅި ރާއްޖޭގައި ތަފާތު ދެއްކި އެވެ. އެއާ އެކު ރާއްޖޭގެ ކްލަބްތަކާ ރުއިޒްއާ ދެމެދު ރަނގަޅު ގުޅުމެއްގެ ބިންގާ އެޅުނީ އެވެ.

"ކަންޑޭލާ އާއި އޮސްކާ އައިސް މިތަނުގައި ތަފާތު ދެއްކީމަ މީހުންނަށް (އަހަންނާ މެދު) އިތުބާރު ކުރެވިއްޖެ. އެއީ އަހަންނަށް ރާއްޖޭން ފުރުސަތު ފެށުނު ގޮތަކީ. ހަގީގަތުގައި (ރާއްޖެ އަކީ) މިއީ ބިދޭސީ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތު އޮތްތަނެއް ކަމަށް ދެކެނީ،" ރާއްޖޭން ފުރުސަތު ލިބެން ފެށުނު ގޮތް ރުއިޒް "މިހާރު" އަށް ކިޔައިދިނެވެ.

ކުރިން ތައިލެންޑް ލީގުގައި ކުޅުނު ރުއީޒް 2013 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރުމަށް ފަހު ޝައުގުވެރިވީ ފުޓްބޯޅަ ކޯޗަކަށްވާކަށް ނޫނެވެ. އޭނާ މިސްރާބު ޖެހީ ފުޓްބޯޅަ އޭޖެންޓަކަށްވާށެވެ. އޭޝިއާގެ ގައުމުތަކުގައި އޭނާ ކުރި ތަޖުރިބާގެ އަލީގައި ދަސްވި ކަމަކީ މި ތަނުގައި ރަނގަޅު ފުޓްބޯޅަ ކުޅުންތެރިންނަށް މާކެޓެއް އޮތްކަމެވެ. އެ ގޮތުން ފަސް އަަހަރު ކުރިން ރުއިޒް އެންޑް ގޯމޭޒްގެ ނަމުގައި އޮތް އެޖެންސީއަކާ ގުޅި މަސައްކަތް ފެށިތާ ދެ އަހަރު ތެރޭ އޭނާ އަށް ރާއްޖޭގެ ކްލަބްތަކާ ގުޅުން ބަދަހިކުރަން ފުރުސަތު ލިބުނީ އެވެ.

ކަންޑޭލާ އާއި ކޯޗު އޮސްކާގެ އިތުރުން ދެން ރުއިޒްގެ އެޖެންސީ މެދުވެރިވެގެން ރާއްޖޭގައި ކުޅުނު ކުޅުންތެރިންނަށް ބަލާއިރު ނިއު އަށް ކުޅުނު ފޯވާޑް ކިޕްސަން އާއި ޑިފެންޑަރު ގޯޓޯރް އާއި މާޒިޔާ އަށް ކުޅުނު އިޓަލީ ކީޕަރު މައުރޯ ބޮއެޗިއޯ އާއި ވިކްޓްރީ އަށް ކުޅުނު ޔަކީން އާއި ޕެޑްރޯ ހެންރީކޭ ފަދަ ކުޅުންތެރިން ހިމެނެ އެވެ. މި ސީޒަނުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ވެލެންސިއާ އިން ރުއީޒްގެ އެޖެންސީ ދަށުން ގެނައި ދެ ކުޅުންތެރިން ކުޅޭނެ އެވެ.

ކަންޑޭލާ (ކ) ނިއުގެ ނުހާދުއާ އެކު ލީގުގެ އައްޑަނަ ހިފައިގެން. -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ކަންޑޭލާ (ކ) ނިއުގެ ނުހާދުއާ އެކު ލީގުގެ އައްޑަނަ ހިފައިގެން. -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ރުއިޒް ބުނީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި މަޝްވަރާތައް ފަށަނީ ރަނގަޅު އުސޫލުން ކަމަށާއި މީގައި މައްސަލަ ދިމާވަނީ ނުދެވޭ ވަރުގެ މުސާރަ ބައެއް ކްލަބްތަކުން ކިޔާތީ ކަމަށެވެ. އެ ގޮތުން ފުރަތަމަ އަހަރު ނިއުއާ އެކު ރަނގަޅަށް ދިޔަ ނަމަވެސް ފަހުން ނިއު އާއި ވިކްޓްރީއާ އެކު ކުރަން ޖެހުނީ އެންމެ ރަނގަޅު ތަޖުރިބާއެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"އަހަރެން މަސައްކަތްކުރަނީ ހަގީގަތުގައި އެންމެ ރަނގަޅު ގޮތުގައި ކަންތައްތައް ހައްލުކުރަން. އެހެން ނަމަވެސް މުސާރަ ނުލިބި ގިނަ ދުވަސްވެ ކުޅުންތެރިޔާ އަށް ހުރިހާ ގެއްލުމެއް ކުރިމަތިވާން ފެށުމުން ދެން އެ ހިސާބުން އިތުރު ގޮތެއް ނެތިގެން އަހަރެމެން މައްސަލަ ފީފާ އަށް ގެންދަނީ. ކަންޑޭލާ އާއި ކިޕްސަންގެ މުސާރަ ކަންތައް ވީ އެހެން،" ރުއިޒް ކިޔައިދިނެވެ.

"އަހަންނަށް ރަނގަޅީ މާޒިޔާގެ މޮޑެލް އަށް ކްލަބްތަކުން ބެލިއްޔާ. ބަޖެޓެއް ހަދާފައި އެ ދެވޭނެ އަގެއް ސީދަލަށް ބުނުން ރަނގަޅު ގޮތަކީ. އެއީ ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތް. އަހަރެން ބުނާނީ މާޒިޔާއާ އެކު ކުރިއަށްދާން ފަސޭހަވަނީ އެހެންވެޔޭ."

އޭޝިއާގެ ގައުމުތަކަށް ހާއްސަވެގެން މި ބައްރުގެ ގަައުމުތަކުގެ ކްލަބްތަކަށް ކުޅުންތެރިން ފޮނުވުމުގައި މިދިޔަ އަހަރުތަކުގެ ތެރޭގައި ރުއިޒް ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެގޮތުން ފަސް އަހަރު ތެރޭ ރުއިޒްގެ އެޖެންސީ މެދުވެރިވެގެން އޭޝިއާގެ 12 އަށް ވުރެ ގިނަ ގައުމުތަކުގައި ކުޅުންތެރިން އަންނަނީ ކުޅެމުންނެވެ. ނެޓްވޯކް ކިތަންމެ ބޮޑުވި ނަމަވެސް ރުއިޒް ހުރީ އަދިވެސް ރާއްޖޭގެ ކްލަބްތަކާ އެކީ ކުރިއަށްދާށެވެ.

"އަހަރެން އަދިވެސް ބުނަނީ ރާއްޖެ އަކީ ބިދޭސީ ކުޅުންތެރިންނަށް ރަނގަޅު ލީގެކޭ. އެއީ ފުރަތަމަ ފަހަރަށް އޭޝިއާ އަށް އަންނަ ކުޅުންތެރިއެއް ވިޔަސް އަހަރެން ބުނަން ރާއްޖޭގައި ރަނގަޅު ފެންވަރަކަށް ކުޅެފިނަމަ މާލީ ގޮތުން ވެސް އެހެން ގޮތްގޮތުން ވެސް ރަނގަޅު އެހެން ފުރުސަތުތައް ހުޅުވިގެންދިއުމުގެ ފުރުސަތު އެބައޮތޭ. އެއީ ރާއްޖޭގެ ކްލަބްތަކަށް ކުޅެފައި ފަހުން އޭޝިއާގެ އެހެން ގައުމުތަަކަށް ބަދަލުވެފައި ވެސް އެބަހުރި ރަނގަޅު ކުޅުންތެރިން،" ރުއިޒް ބުންޏެވެ.

ޓެކްނިކަލީ ބަލާއިރު ރާއްޖޭގައި ވެސް ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އެ ކުޅުންތެރިންނަކީ ބޭރުގެ އެކި ގައުމުތަކުގެ ލީގުތަކުގައި ކުޅެވޭ ފެންވަރުގެ ކުޅުންތެރިން ކަމަށް ރުއީޒް ގަބޫލުކުރެ އެވެ. އެ ފުރުސަތު ބޭނުންވާ ކުޅުންތެރިންނަށް އެހީވެދޭން ވެސް އޭނާ ތައްޔާރެވެ.

ރުއިޒް "މިހާރު" އަށް އިންޓަވިއުދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރުއިޒް "މިހާރު" އަށް އިންޓަވިއުދެނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުނިޔޭގެ ކޮންމެ ގައުމެއްގެ ފުޓްބޯޅަ ކުރިއެރުމުގައި ވެސް އެ ގައުމަކަށް ކުޅެން އަންނަ ބިދޭސީ ކުޅުންތެރިން މުހިއްމު ރޯލެއް އަދާކުރެ އެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ކްލަބެއްގެ އޮފިޝަލަކު ބުނީ ރުއިޒްއާ އެކު މަޝްވަރާކުރަން ނޫނީ އޭނާ މެދުވެރިވެގެން ކުޅުންތެރިއެއް ހޯދަން އެންމެ ބޮޑަށް ފަސޭހަވާ އެއް ސަބަބަކީ އޮޅުވާލުމެއްނެތި ކްލަބުން ބޭނުންވާ ބަޖެޓަށް ފައްތައިގެން ރަނގަޅު ކުޅުންތެރިން ފޯރުކޮށްދޭތީ ކަމަށެވެ.

"ބޭނުންވަނީ މި އަގުގައި ހުރި ކުޅުންތެރިއެކޭ ބުނީމަ ރުއިޒް އެބަދޭ އެ އަގުގައި ކުޅޭނެ އެންމެ ރަނގަޅު ކުޅުންތެރިޔާ. ރާއްޖެ އަށް ކުޅުންތެރިން ފޮނުވާ އެހެން އޭޖެންޓުން ބޭނުންވަނީ ކޮލިޓީ އަށް ވުރެން އަގު. ރުއިޒް އަށް ފުރަތަމަ މުހިއްމީ ބަޖެޓް ދެން ކޮލިޓީގެ ބަޔަށް ވިސްނައި ރަނގަޅު ކުޅުންތެރިޔާ އޭނާ ދައްކާނެ،" އޮފިޝަލް ބުންޏެވެ.

ބިދޭސީ ކުޅުންތެރިން ހޯދަން މިހާރު ދިވެހި ކްލަބްތަކުން އެންމެ ބޮޑަށް އިތުބާރު ކުރާ އެއް އެޖެންޓަކީ ރުއިޒް އެވެ. އޭނާ ހުރީ މި ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދަން ތައްޔާރަށެވެ.

އިންޑޮނީޝިއާ އާއި މެލޭޝިއާ ފަދަ އަގުބޮޑުކޮށް ބިދޭސީ ކުޅުންތެރިން ގެންނަ ލީގުތަކުގައި ރުއިޒް އަންނަނީ ކުޅުންތެރިންގެ އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. ދާދި ފަހުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އަށް ކުޅުނު ކޮސްޓަ ރިކާގެ ފޯވާޑް ޑެނިއަލް ކޮލިންދްރެސް (2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކޮސްޓަ ރިކާ އަށް ކުޅުނު) އަކީ ވެސް ރުއިޒްގެ އޭޖެންޓް ކަމުގައި ގެނައި ކުޅުންތެރިއެކެވެ. އޭއެފްސީ ކަޕްގެ އެންމެ ގިނަ ލަނޑު ޖަހާފައިވާ ބިއެންވެނީޑޯ މަރަނޯން އަކީ ވެސް ރުއިޒްގެ އެޖެންސީގެ ދަށުގައި ރަޖިސްޓްރީވެފައިވާ ކުޅުންތެރިއެކެވެ. ފެންވަރަށް ބަލާއިރު ވެސް އަގަށް ބަލާއިރު ވެސް އޭނާ އަތުގައި ކުޅުންތެރިން އެބަތިއްބެވެ. ބަޖެޓަށް ފައްތައިގެން ވިޔަސް އަގުބޮޑުކޮށް ވިޔަސް އޭޝިއާގެ ކޮންމެ ހިސާބަކަށް ކުޅުންތެރިން ފޯރުކޮށްދޭން އޭނާ ހުރީ ތައްޔާރަށެވެ.