Roadha Mihaaru
އިގްތިސާދަށް އޮތް ދަތިކަމަކީ ވަގުތީ ކަމެއް: ޒަމީރު

އިގްތިސާދަށް އައީ ވަގުތީ ދަތިކަމެއް، އައިއެމްއެފްގެ އެހީ ބޭނުންވާނެ ކަމަކަށް ނުފެނޭ: ޒަމީރު

14 ސެޕްޓެމްބަރ 2024

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިކަމަކީ ވަގުތީ މައްސަލަތަކެއް ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދަންޖެހޭ ހިސާބަށް ދާންޖެހިދާނެ ކަމަށް ނުފެންނަ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ދަތިކަމަކީ ވަގުތީ މައްސަލަތަކެއް ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދަންޖެހޭ ހިސާބަށް ދާންޖެހިދާނެ ކަމަށް ނުފެންނަ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ އެކު ސްރީ ލަންކާގެ ސެންޓްރަލް ބޭންކާއި އެހެން ބައެއް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޒަމީރު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވާ ކަންކަމުގައި ވަރަށް ހާއްސަ އިސްކަމެއް ދީގެން އެހީތެރިވާ ބައިނަލްއަގުވާމީ ބައިވެރިން އެބަތިބި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވާ ކަންކަމާއި ހާލަތަށް ވަރަށް ބޮޑު އިސްކަމެއްދޭ ބައިނަލްއަގުވާމީ ބައިވެރިން އެބަތިބި،" ރޭގެ ވަގުތެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވި އެވެ.

"ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިއީ އައިއެމްއެފްއާ އެކު މަސައްކަތް ފަށަންވީ ވަގުތު ކަމަކަށް ... އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައި މި އޮތީ ވަރަށް ވަގުތީ މައްސަލައެއް. އެއީ ރިޒާވްއަށް އައި ދަށްވުމާ ގުޅިގެން."

އޭނާ ވިދާޅުވީ ޓެކްސް ނެގުމުގެ ކަންކަމަށް ގެންނަ ބަދަލުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކޮށް އެފިޝެންޓް ކުރުމަށް ފަށާފައިވާ މަސައްކަތް ތަންފީޒުކުރަން ފެށުމުން ލިކުއިޑިޓީ އިތުރުވާނެ ކަމަށެވެ.

"އިންޑިއާއާ އެކު ވެސް މިހާރު އޮތީ ރަނގަޅު ގުޅުމެއް"

ޒަމީރު ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ފަހު މިހާރު ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް "މިސްއަންޑަސްޓޭންޑިން" ނައްތާލެވިފައި ކަމަށެވެ.

"މި ސަރުކާރު ފެށިއިރު، އެނގިވަޑައިގަންނަވާނެ ފަދައިން، [އިންޑިއާއާ ދެމެދު ގުޅުން] ގޯސް،" ޒަމީރު ވިދާޅުވި އެވެ.

"ޗައިނާ އާއި އިންޑިއާއާ އެކު ވެސް އޮތީ ވަރަށް ރަނގަޅު ގުޅުމެއް ... ދެ ގައުމުން ވެސް އެ ދަނީ ރާއްޖެއަށް އެހީވަމުން."

ފޮރިން މިނިސްޓަރު ލަންކާއަށް ވަޑައިގަތީ ރޭޓިން އެޖެންސީ މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން އެއް ދަރަޖަ ދަށްކޮށް، ހައި ކްރެޑިޓް ރިސްކް ކަމަށް ބެލެވޭ ސީއޭއޭ2 އަށް ދަށްކޮށްފައި ވަނިކޮށެވެ.  ރޭޓިން އެޖެންސީ ފިޗުން ވެސް މިދިޔަ ޖޫން މަހު ރާއްޖޭގެ ރޭޓިން ވަނީ ދަށްކޮށްފަ އެވެ. އެކަމަކު ސަރުކާރުން ވަނީ ރިޒާވް ރަނގަޅުކޮށް ރާއްޖޭގެ ދަރަނިތައް އަދާކުރަމުން ގެންދެވޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މިވަގުތު ރާއްޖޭގެ ރިޒާވްގައި ހުރީ 444 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރީ 61 މިލިއަން ޑޮލަރެވެ.