Roadha Mihaaru
މެސީ އެނބުރި އައިސް މަޔާމީ މޮޅުކޮށްދީފި

މެސީ އެނބުރި އައިސް މަޔާމީ މޮޅުކޮށްދީފި

15 ސެޕްޓެމްބަރ 2024

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރެފައި ލިއޮނަލް މެސީ އެނބުރި އައި މެޗުގައި ދެ ގޯލު ޖަހައި އެމެރިކާގެ މޭޖާ ލީގުގައި ފިލަޑެލްފިއާ ޔޫނިއަން އަތުން 3-1 އިން އިންޓަ މަޔާމީ މޮޅުކޮށްދީފި އެވެ.

އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރެފައި ލިއޮނަލް މެސީ އެނބުރި އައި މެޗުގައި ދެ ގޯލު ޖަހައި އެމެރިކާގެ މޭޖާ ލީގުގައި ފިލަޑެލްފިއާ ޔޫނިއަން އަތުން 3-1 އިން އިންޓަ މަޔާމީ މޮޅުކޮށްދީފި އެވެ.

ކޮލަމްބިއާ އަތުން މޮޅުވެ އާޖެންޓީނާ އިން ޖުލައި މަހު ކޮޕާ އެމެރިކާ ކާމިޔާބުކުރި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން މެސީ އަށް ވަނީ މަޔާމީގެ 8 މެޗު ގެއްލިފަ އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި އާޖެންޓީނާ އަށް ވެސް ކުޅެވޭ ގޮތެއް ނުވި އެވެ.

އެކަމަކު ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނުއިރު އަނިޔާގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ. ފެނިގެން ދިޔައީ މުޅިން ފިޓްވެފައި، މެސީ އެކެވެ.

މަޔާމީގައި ކުޅުނު މި މެޗުގެ 2 ވަނަ މިނެޓުގައި މިކައެލް އޫރޭ ވަނީ ފިލަޑެލްފިއާ އަށް ލީޑު ނަގައިދީފަ އެވެ. މެސީ މަޔާމީ މޮޅުކޮށްދިނީ 26 ވަނަ މިނެޓާއި 30 ވަނަ މިނެޓުގައި ޖެހި ގޯލްތަކުންނެވެ. އެ ޓީމުގެ ތިން ވަނަ ގޯލް މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖެހޭ ލުއިސް ސުއަރޭޒެވެ. މި ގޯލު ޖަހަން އެސިސްޓްކުރީ ވެސް މެސީ އެވެ.

މެޗަށް ފަހު މެސީ ބުނީ ނުކުޅެ ގިނަ ދުވަހު ހުރެފައި އައިސް ކުޅުމުން ވަރުބަލިކަން އިހުސާސްވި ކަމަށާއި މަޔާމީ މި ދުވަސްވަރު ހޫނުވުމުން އިތުރަށް އުނދަގޫވި ކަމަށެވެ.

މި މޮޅާ އެކު މަޔާމީ އޮތީ 10 ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނައިގަ އެވެ. މެސީ ބުނީ މިއީ ހައްގު ލީޑެއް ކަމަށާއި އުއްމީދަކީ މިގޮތުގައި ސީޒަން ނިންމާލުން ކަމަށެވެ.

"ހަގީގަތަކީ މި ސީޒަނުގައި މުޅި ޓީމަށް ވެސް އަނިޔާގެ މައްސަލަތައް ބޮޑުކަން. އަބަދުވެސް ކޮންމެވެސް ކުޅުންތެރިންތަކެއް ތިބެނީ އަނިޔާގައި. އެކަމަކު އެކަން ފޫބައްދަން އެހެން ކުޅުންތެރިން މަސައްކަތްކުރޭ،"