Roadha Mihaaru
ދެން ފެންނާނީ ޑިމޮކްރެސީގެ އާ ބާބެއް: ޕީއެންސީ

ރައީސްގެ އިސްލާހީ ބަދަލުތަކާއެކު ފެންނާނީ ޑިމޮކްރެސީގެ އާ ބާބެއް: ޕީއެންސީ

15 ސެޕްޓެމްބަރ 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ އިސްލާހީ ފިޔަވަޅުތަކާ އެކު ރާއްޖޭގައި ދެން ފެނިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއް ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ނިންމަވާފައިވާ އިސްލާހީ ފިޔަވަޅުތަކާ އެކު ރާއްޖޭގައި ދެން ފެނިގެންދާނީ ޑިމޮކްރެސީގެ މުޅިން އާ ބާބެއް ކަމަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ބުނެފި އެވެ.

ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް ތައާރަފް ކުރިތާ މިއަދު 16 އަހަރު ވެގެން ދިޔައިރު، ގެންނަންޖެހޭ މުހިއްމު ބަދަލުތައް ހުރީ ނުގެނެވި ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އެ ބަދަލުތައް ގެނައުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާއި އިންތިހާބުތައް އެއްކޮށް ބާއްވާ ގޮތަށް ނިޒާމު ބަދަލު ކުރުން ފަދަ މަސައްކަތްތައް ފަށާފައިވާ ކަމަށާއި އަދި ބަދަލުތަކާ އެކު ޑިމޮކްރަސީގެ އާ ބާބެއް ރާއްޖެއިން ފެނިގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ދިވެހިރާއްޖޭގެ ތާރީހުގައި ފެށިގެންދާނީ ޑިމޮކްރަސީގެ މުޅިން އާ ބާބެއް ކަމާ މެދު މި ޕާޓީން ޝައްކެއް ނުކުރަމެވެ." އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ކަންކަން ނިންމަނީ ދިވެހިންގެ އަމިއްލަ ވިސްނުމާއި އެއްގޮތަށް ކަން ކަށަވަރު ކުރުމަށްޓަކައި "މޯލްޑިވްސް ފަސްޓު" ސިޔާސަތު ތައާރަފް ކުރައްވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކޯޓުތައް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ ކަން ކަށަވަރުކޮށް ދެއްވާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރު ކޮށްދެއްވައި، ޖުޑީޝަރީގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވުން ނިމުމަކަށް ގެންނެވި އެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރައްވައި ލޯކަލް ކައުންސިލުތަކަށް އާމުދަނީ ހޯދައި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުތައް ފަހި ކުރެއްވި އެވެ." އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ސިޔާސީ ވާދަވެރިން ޖަލަށްލުމުގެ ސަގާފަތް މިހާރު ވަނީ ނިމުމަކަށް އައިސްފަ އެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ އެ ބަދަލުތަކަކީ ދުރު ރާސްތާގައި ރާއްޖޭގެ ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، ދައުލަތުގެ ހިންގުން އިސްލާހުވާނެ ކަންތައްތަކެއް ކަމަށެވެ. އަދި ޑިމޮކްރަސީ ހަރުދަނާކޮށް، އިސްލާމީވަންތަ އުސޫލުތަކާ އެއްގޮތަށް އެ ބަދަލުތައް ގެންނަމުންދާތީ އެކަމަށްޓަކައި އެ ބަޔާނުގައި ރައީސަށް ޝުކުރު އަދާކޮށްފައިވެ އެވެ.