Roadha Mihaaru
ޑިޖިޓަލް ނިޒާމު ހަރުދަނާކުރަން 10 މިލިއަން ޑޮލަރު

ޑިޖިޓަލް ނިޒާމު ހަރުދަނާކުރަން ވޯލްޑް ބޭންކުން 10 މިލިއަން ޑޮލަރުގެ އެހީ

18 ސެޕްޓެމްބަރ 2024

އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އިންޓަނެޓް ފަދަ ވަސީލަތްތައް ރެގިއުލޭޓް ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި ޓެކްނިކަލް ސެޓްއަޕް ގާއިމް ކުރަން ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ) ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އިންޓަނެޓް ފަދަ ވަސީލަތްތައް ރެގިއުލޭޓް ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި ޓެކްނިކަލް ސެޓްއަޕް ގާއިމް ކުރަން ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ) ދީފި އެވެ.

ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) ގެ ގޮތުގައި ފެށި އެ މަޝްރޫއުގެ ދަށުން ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ސަރުކާރުގެ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ޑިޖިޓަލް އައިޑީގެ ނިޒާމު ގާއިމުކުރުން ހިމެނެ އެވެ. އަދި މޫސުމީ ޑޭޓާއަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރެވޭ ވަސީލަތްތައް ހެދުމަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން މޫސުމީ އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ޑޭޓާ ރައްކާކުރެވޭ ނިޒާމެއް ގާއިމު ކުރުން ވެސް އެ މަޝްރޫއުގެ ދަށުން ހިމެނެ އެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީން ބުނީ މި ސަރުކާރުން އިދާރާތަކަށް ގެނައި ބަދަލުގެ ދަށުން މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަޝްރޫއު ހިންގަމުންދަނީ އެ މިނިސްޓްރީގެ ދަށުން ކަމަށެވެ. އެ މަޝްރޫއަކީ 2022 ވަނަ އަހަރު ސޮއިކޮށް، މިދިޔަ އަހަރު ފަށާފައިވާ މަޝްރޫއުއެކެވެ.

ފަސް އަހަރު ދުވަހުގެ އެ މަޝްރޫއުއާ ގުޅިގެން ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު ވިދާޅުވީ ރެގިއުލޭޓާގެ ހައިސިއްޔަތުން އިންޓަނެޓް ފޯރުކޮށްދޭ ކޮލިޓީ ޔަގީން ކުރުމަށްޓަކައި ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ އޮޕަރޭޝަނަލް ފެންވަރު މަތިކޮށް މަސައްކަތް ކުރުމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ފަންނީ މީހުން ތަމްރީން ކުރުން ވެސް އެ މަޝްރޫއުގައި ހިމެނޭ ކަމަށެވެ.

އޭނާ ވިދާޅުވީ ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް އޮންލައިންކޮށް ދޭއިރު ހިދުމަތް ހޯދާ ފަރާތްތައް ޔަގީން ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންވެ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން 2022 ވަނަ އަހަރުން ފެށިގެން އުފައްދައި، ބޭނުން ކުރަމުން އަންނަ "އީފާސް" އިތުރަށް ތަރައްގީކޮށް، އައިޑީއެއްގެ ގޮތުގައި ތައާރަފް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑިޖިޓަލް އައިޑީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ ނިޒާމަކަށް ހެދުމަށް ބޭނުންވާ ޑޭޓާ ޕްރައިވެސީ އާއި ޑިޖިޓަލް އައިޑެންޓިޓީ އާއި ސައިބާ ސެކިއުރިޓީ ފަދަ ގާނޫނުތަކެއް ވުޖޫދަށް އަންނަން ޖެހެ އެވެ. އަދި ޑިޖިޓަލް އައިޑެންޓިޓީ ބިނާވެފައިވާ ފައުންޑޭޝަނަލް އައިޑެންޓިޓީ ސިސްޓަމް ބެލެހެއްޓުން ހަރުދަނާ ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ރާއްޖޭގެ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކާރިސާތައް ކުރިމަތިވަމުން، އެކަމާ ގުޅޭ ބަދަލުތައް ގެނައުމަށް ސާވޭކޮށް ޑޭޓާ އެއް ކުރުމަކީ ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް އެކަމަށް ހައްލެއް ގެނައުމަށް މި މަޝްރޫއުގެ ދަށުން ކުދި ޕައިލެޓް މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށާއި އަދި އޭގެ ނަތީޖާއަށް ބަލައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަޝްރޫއު ފުޅާ ކުރާނެ ކަމަށް ވެސް ކިނާނަތު ވިދާޅުވި އެވެ.