Roadha Mihaaru
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި

އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ނޫސްވެރިންނަށް ދައްކައިފި

03 ސެޕްޓެމްބަރ 2024

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ގޮޅީގައި އަމިއްލަ އަށް މަރުވާން ދަންޖެހޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުން ނޫސްވެރިންނަށް ރޭ ދައްކާލައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ގޮޅީގައި އަމިއްލަ އަށް މަރުވާން ދަންޖެހޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ފުލުހުން ނޫސްވެރިންނަށް ރޭ ދައްކާލައިފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ނޫސްވެރިންނާ އެކު، އިސްކަންދަރު ކޮށީގައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައި އެ ފުޓޭޖު ނޫސްވެރިންނަށް ދެއްކެވީ ކަން ހިނގި ގޮތް އޮޅުންފިލުވައި ދިނުމަށް ކަމަށް ވިދާޅުވި އެވެ. އެ ބައްދަލުވުމަށް ނޫސްވެރިން ވެއްދީ މޮބައިލް ފޯނާއި ކެމެރާ ވެސް ނުލަ އެވެ.

އަތުހަރު ބާއްވާފައި އޮތް ގޮޅީގެ ވީޑިއޯ ނޫސްވެރިންނަށް ދެއްކުމުގެ ކުރިން ހޯމް މިނިސްޓަރު ވަނީ އެ ވީޑިއޯ އަތުހަރުގެ އާއިލާއާ ވެސް ހިއްސާ ކުރައްވައިފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އަތުހަރު ބަންދު ކޮށްފައި ހުރި ގޮޅި ފެންނަ ހިސާބުގައި ފުލުހަކު ނެތެވެ. ނަމަވެސް، އެ ގޮޅި އެއްކޮށް ފެންނަ ގޮތަށް ކެމެރާ ހުރީ ހަރުކޮށްފަ އެވެ. އެ ކެމެރާގެ ފުޓޭޖުން ފެންނަ ގޮތުގައި، އަތުހަރު އޮތް ގޮޅި އަށް ފުލުހުން ވަދެފައި ވަނީ އޭނާ ދަންޖެހެން މަސައްކަތް ކުރިތާ ތިރީހަކަށް މިނިޓް ފަހުންނެވެ.

އަތުހަރު ދަންޖެހުނު ގޮތާއި އެކަން ކުރި ގޮތް ސީސީޓީވީ ފުޓޭޖުން ވަރަށް ސާފުކޮށް ފެނެ އެވެ. މިއީ އަމިއްލަ އަށް މަރުވުމުގެ އަމަލަކަށް ވާތީ، އޭގެ ތަފުސީލްތައް މީޑިއާގައި އާންމު ނުކުރަން ވަނީ ނިންމައިފަ އެވެ.

އަތުހަރު ބާއްވާފައި އޮތް ގޮޅި އަށް ފުލުހުން ދިޔައިރު، އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް، އޭނާއަށް ގޮޅީގައި އަވަަސް ފަރުވާދޭން އެތަނަށް ވަން ތިން ފުލުހުން މަސައްކަތް ކޮށްފައެއް ނުވެ އެވެ.

އަތުހަރު ގޮޅިން ނެރެގެން ސްޓްރެޗާއަކަށް ލައިގެން ގެންދިޔައީ ދޫނިދޫގެ މެޑިކަލް ސެންޓަރަށެވެ. އެ އަށް ފަހު ލޯންޗުގައި މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނީ އެވެ. ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވެފައިވަނީ މިއަދު ހަވީރު 4:08 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަތުހަރު ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި ތަން ފެންނަ ވީޑިއޯ ނޫސްވެރިންނަށް ދައްކަން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕޮލިސް

އަތުހަރު ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި ތަން ފެންނަ ވީޑިއޯ ނޫސްވެރިންނަށް ދައްކަން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕޮލިސް

ރޭގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި އަތުހަރު މަރުވި މައްސަލައާ ގުޅިގެން އެޗްއާރްސީއެމް އަދި އެންއައިސީ އިން އަންނަނީ ތަހުގީގު ހިންގަމުންނެވެ. ހޯމް މިނިސްޓްރީން ތަފުސީލްކޮށް ވާހަކަ ދައްކާނީ އެ ތަހުގީގުތައް ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލާގައި ފުލުހުން އަމަލު ކުރި ގޮތް ރިވިއު ކުރަން ފުލުހުންގެ އެތެރޭގެ ތަހުގީގެއް ވެސް ކުރިއަަށް ގެންދެ އެވެ.

އެ ކެމެރާގެ ފުޓޭޖުން ފެންނަ ގޮތުގައި، އަތުހަރު އޮތް ގޮޅި އަށް ފުލުހުން ވަދެފައި ވަނީ އޭނާ ދަންޖެހެން މަސައްކަތް ކުރިތާ ތިރީހަކަށް މިނިޓް ފަހުންނެވެ.

ށ. މިލަންދޫ، ހެޕީލޭންޑް، އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ރޭގެ 7:02 ގަ އެވެ. ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނިޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށް ވެސް އެ ޓައިމްލައިނުން ދައްކަ އެވެ.

އޭގެ 8 މިނިޓް ފަހުން 7:14 ވީއިރު އަތުހަރު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި 7:17 ގައި އެމްބިއުލާންސަށް އަރުވައި 7:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައި ވެ އެވެ.

އެހެންވެ، އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުމާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ދެމެދު ހޭދަވީ 23 މިނިޓެވެ.

އެކަމަކު، ފުލުހުން އާންމުކުރި ޓައިމްލައިންގައި، އަތުހަރު އެންމެ ފަހުން ސަލާމަތުން ހުއްޓާ ފެނުނު ވަގުތެއް ބުނެފައެއް ނުވެ އެވެ.

އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ އެކުގައި ދިރިއުޅޭ ގޭގެ ކުލީގެ މައްސަލައިގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކައި ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމުންނެވެ. އަތުހަރުގެ ލޯބިވެރިޔާ އަކީ ޕޮލިސް ރެކްރޫޓެކެވެ. ފުލުހުން ސީނަށް ދިއުމާ އެކު އަތުހަރު ވަނީ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި މަރުގެ އިންޒާރު ދީފަ އެވެ. އަދި އަތުގައި އޮތް އެހެން ވަޅިއަކުން އަތުހަރު ހުރީ އޭނާގެ އަމިއްލަ ކަރުގައި ވެސް ޖައްސައިގެންނެވެ.

އަތުހަރު: އޭނާގެ އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުމެއް ނުވޭ

އަތުހަރު: އޭނާގެ އޮޓޮޕްސީ ހަދަން އާއިލާއިން ބޭނުމެއް ނުވޭ

މަގުމައްޗަށް ލޯބިވެރިޔާ ނެރެ އެ ތަނުން ދާން މަސައްކަތް ކުރިއިރު، އަތުހަރު އެއް އަތުން އަމިއްލަ ކަރުގައި ވަޅި ޖައްސައިގެން ހުރި މަންޒަރު އާއްމުވި ވީޑިއޯއަކުން ފެނެ އެވެ. އޭރު އޭނާ ހުރީ އަނެއް އަތުން އޭނާގެ ލޯބިވެރިޔާ ކަރުގައި ވެސް ވަޅި ޖައްސައިގެންނެވެ.

ކަރުގައި ވަޅި ޖައްސައިގެން ހުރެ ލޯބިވެރިޔާ ސައިކަލަށް އަރުވައި، އަތުހަރު އޭގެ ފަހަތުގައި އިނދެގެން ދަނިކޮށް ސަލާމަތްކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ. އޭނާ ޖަލަށް ގެންދިޔައީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އެވެ.

އޭގެ ފަހުން އަތުހަރުގެ ހާލަތު ގޯސްވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނެވެ. ފުލުހުން ބުނެފައިވަނީ އައިޖީއެމްއެޗްގައި ހެދި މެޑިކަލް ޓެސްޓުތަކާއި ސީޓީ ސްކޭންގެ ނަތީޖާ ވެސް ނޯމަލް ކަމަށެވެ. އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުނީ އައިޖީއެމްއެޗްގައި ފަރުވާދިނުމަށް ފަހު ދޫނިދު އަށް ގެންދިޔަ ފަހުންނެވެ. ފުލުހުން ވަނީ އަތުހަރު މަރުވެފައިވާ ގޮތް ކަށަވަރު ކުރަން އޮޓޮޕްސީއެއް ހަދަން ނިންމައިފަ އެވެ.

ނަމަވެސް، އާއިލާ އިން އެކަމަށް ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ވީ އެންމެ އަވަހަކަށް އަތުހަރުގެ ޖަނާޒާ ބާއްވަން ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އާއިލާ އިން ބޭނުން ނުވި ނަމަވެސް. ޖަލުގައި މަރުވާ ކޮންމެ މީހެއްގެ ވެސް އޮޓޮޕްސީ ހަދަން ހޯމް މިނިސްޓްރީން މީގެ ކުރިން ވަނީ ނިންމައިފަ އެވެ.

އަތުހަރަކީ އަކީ މީގެ ކުރިން ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ. ނަމަވެސް، މާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަތުހަރުގެ ހުކުމް ލުއިކޮށް އޭނާ މިނިވަން ކޮށްފައި ވަނީ ސެޕްޓެމްބަރު 2، 2022 ގަ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.