Roadha Mihaaru
ބޭރުގެ ބޯޓުތަކަށް އުލިގަމަށް ވުރެ ފަރިތަ ބައެއް ނެތް

ބޭރު ބޯޓުތައް ކައިރި ކުރުން އުލިގަމަކަށް އަލެއް ނޫން، އުމުރުން ދުވަސްވީ މީހުންގެ އެތައް ހަނދާންތަކެއް

23 ސެޕްޓެމްބަރ 2024

ރާއްޖޭގައި އަލަށް ބަންކަރިންގެ ހިދުމަތް ސިނާއަތެއްގެ ގޮތުގައި ފަށަން ހއ. އުލިގަމުގައި އައިއެސްޕީއެސް ގޭޓް ހުޅުވައި އެ ހިދުމަތުގެ މައި ދޮރާއްޓަށް އެތަން މިދިޔަ ހަފްތާގައި ބަދަލުވީ އެވެ. އެކަމަކު ބޭރުގެ އުޅަނދުފަހަރަށް ބޭނުންވާ އެކި ހިދުމަތްތައް ދިނުމުގެ މި މަސައްކަތް ރަސްމީކޮށް އުލިގަމުގައި މި ފެށި އިރު އެ ރަށުގެ ފެންވަރުން މިކަން އެކި ސިފަސިފައިފައި ނުކުރާ ޒަމާނެއް ހަނދާނުގައި ހުރި މީހަކު އެ ރަށުގައި ނެތެވެ. ކޮންމެ މީހެއްގެ ވެސް އޮތީ މީގެ އެކި ހަނދާންތަކެވެ.

ފާތިމަތު ޝަނާ މުހައްމަދު ހއ. އުލިގަމުން ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި އަލަށް ބަންކަރިންގެ ހިދުމަތް ސިނާއަތެއްގެ ގޮތުގައި ފަށަން ހއ. އުލިގަމުގައި އައިއެސްޕީއެސް ގޭޓް ހުޅުވައި އެ ހިދުމަތުގެ މައި ދޮރާއްޓަށް އެތަން މިދިޔަ ހަފްތާގައި ބަދަލުވީ އެވެ. އެކަމަކު ބޭރުގެ އުޅަނދުފަހަރަށް ބޭނުންވާ އެކި ހިދުމަތްތައް ދިނުމުގެ މި މަސައްކަތް ރަސްމީކޮށް އުލިގަމުގައި މި ފެށި އިރު އެ ރަށުގެ ފެންވަރުން މިކަން އެކި ސިފަސިފައިފައި ނުކުރާ ޒަމާނެއް ހަނދާނުގައި ހުރި މީހަކު އެ ރަށުގައި ނެތެވެ. ކޮންމެ މީހެއްގެ ވެސް އޮތީ މީގެ އެކި ހަނދާންތަކެވެ.

އެއީ 1980 ގެ ދުވަސްވަރެވެ. ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކު ނޮވެމްބަރު 3، 1988 ގައި މާލެ އަރައި ވެރިކަން ބަދަލުކުރަން ދިން ލޭއޮހޮރުވުން ބޮޑު ހަމަލާތަކަށް ފަހު ބޭރުން އަންނަ ބޯޓުތަކަށް ކައިރި ނުވާން ސަރުކާރުން އޮތީ އަންގައިފަ އެވެ. އެކަމަކު ރާއްޖޭގެ އެންމެ އުތުރުން ދަތުރުކުރާ ބޭރުގެ އުޅަނދުތައް އޭރު ވެސް ރާއްޖޭގެ ރަށްތަކުގެ ކައިރިން ދަތުރުކުރެ އެވެ.

އެއީ އުލިގަމުގެ ތަޖުރިބާކާރު ކެޔޮޅު ހަސަން އަހުމަދުފުޅު، 72، އާދައިގެ މަތިން އޭނާގެ ކެޔޮޅުކަމުގައި މަހަށް ނުކުމެ އުޅުނު ދުވަހެކެވެ. އޭނާއަށް މާ ދުރުން ފެނުނީ ކޮންޓެއިނާ ބޯޓެއްގެ މީހަކު އަތުން ހަނާއަޅައި ގޮވާ ތަނެވެ. އެ ހިސާބުގެ މަސްވެރިން ފަރިތަވެފައި ތިބި ގޮތަށް އޭނާ އެ ބޯޓަށް އިޖާބަދީ ކައިރިކޮށްލީ ބޯޓުން އެއްލި ވަލެއްގައި ހިފައިގެންނެ އެވެ. އެކަމަކު އެ ދުވަހު އެ ބޯޓުން ބޭނުންވީ އެހީތެރިކަމެއް ނޫނެވެ. ހަސަނުބެ ބުނި ގޮތުގައި އެ މީހުން ދިނީ ޑަސްބިން ގޯންޏެއް ފުރާ ހުރި އަންނައުނާއި ސިނގިރޭޓާއި 300 ޑޮލަރެވެ. އޭނާ ބުނީ މިއީ ރަށު ކައިރިއަށް އަންނަ ބޯޓުތަކާ ގުޅޭ ގޮތުން އޭނާ ވަރަށް ހަނދާނުގައި ހުންނަ ދުވަހެއް ކަމަށެވެ.

ފަޅޯ، ދޮންކެޔޮ ކުރުނބާ އެއްޗެހި ގަނެ ހަދާނެ. އެހެން ރަށަށް އެރީމާ އަޅުގަނޑުމެން ބައެއް ފަހަރު ގޮސް ބުނަން، އެ ތަކެތި ބޭނުންހޭ. އަޅުގަނޑު ހަދާންވޭ. މިގޭ ރުކުން އެއް ދުވަހު ފަސް ޑޮލަރަށް ކުނރުބާއެއް ގަނެގެން ވެސް ދިޔަ.

އުލިގަމު އޮންނަނީ ބޯޓު ފަހަރު އެންމެ ގިނައިން ދަތުރު ކުރާ އެއް މަގު ކަމަށްވާ އެއިޓް ޑިގްރީ ޗެނަލް ސަރަހައްދުގައި ކަމަށް ވާތީ އެ ސަރަހައްދުން ދާ ބޯޓު ފަހަރު، އެ ރަށަށް ގާތް ކުރުމަކީ، އެރަށުގެ ރައްޔިތުންނަށް އާ ކަމެއް ނޫނެވެ. އާގުބޯޓުތަކާއި ޔޮޓުތައް ނާންނަ އިރެއް އެ މީހުން ރަށަށް ފައިބައިގެން ނޫޅޭ ދުވަސްވަރެއް ރަށު މީހުން ތަޖުރިބާއެއް ނުކުރެ އެވެ. އެހެން އަންނަ މީހުން ރަށުގެ މޫދަށް އެރި، ރަށުން މޭވާ އާއި ތަރުކާރީ ގަނެ ހަދަ އެވެ.

އުލިގަމުގެ ތަޖުރިބާކާރު ކެޔޮޅު ހަސަން އަހުމަދުފުޅު، އެ ރަށަށް އަންނަ ބޭރުގެ އުޅަނދުތަކުގެ އެކި ހަނދާންތައް ކިޔައިދެނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

އުލިގަމުގެ ތަޖުރިބާކާރު ކެޔޮޅު ހަސަން އަހުމަދުފުޅު، އެ ރަށަށް އަންނަ ބޭރުގެ އުޅަނދުތަކުގެ އެކި ހަނދާންތައް ކިޔައިދެނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ހަސަނުގެ ބުނީ، ރަށަށް ބޯޓުތައް ކައިރި ނުކުރާ ދުވަސްވަރެއް ނެތް ކަމަށެވެ. އެރަށުގެ އުމުރުން ދުވަސްވީ މީހުން ބުނާ ގޮތުން އެރަށަށް ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ވެސް ބޯޓުތައް އައިސް މަޑު ކުރެ އެވެ. އޭރު ހަނގުރާމަވެރި މަނަވަރުތައް ވެސް އެރަށަށް ގާތްކުރެ އެވެ. އެހެން އަންނަ މީހުން ރަށަށް ފޭބުމުން މީހުން ބިރުން ފިލައި އުޅުނު އިރެއް ދިޔަ ނަމަވެސް މިހާރު އެންމެން ތިބީ އެކަމަށް ހޭނިފަ އެވެ. އެއީ މިހާރު ރަށުގެ އެންމެ ހާއްސަ އެއް ކަންތަކަށް ވަނީ ވެފަ އެވެ.

"ފަޅޯ، ދޮންކެޔޮ ކުރުނބާ އެއްޗެހި ގަނެ ހަދާނެ. އެހެން ރަށަށް އެރީމާ އަޅުގަނޑުމެން ބައެއް ފަހަރު ގޮސް ބުނަން، އެ ތަކެތި ބޭނުންހޭ. އަޅުގަނޑު ހަދާންވޭ. މިގޭ ރުކުން އެއް ދުވަހު ފަސް ޑޮލަރަށް ކުނރުބާއެއް ގަނެގެން ވެސް ދިޔަ. އާންމުކޮށް އެގޮތަށް އަންނަ މީހުން ވަރަށް ރަނގަޅުވާނެ،" އޭނާ ބުންޏެވެ.

އުލިގަމުގެ ކުރީގެ ކަތީބު އަދި ރިޓަޔާޑް މެޖިސްޓްރޭޓް އިދުރީސް އާދަމް ރަށުގެ ކުރީގެ ވާހަކަތައް "މިހާރު" އާ ހިއްސާކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އުލިގަމުގެ ކުރީގެ ކަތީބު އަދި ރިޓަޔާޑް މެޖިސްޓްރޭޓް އިދުރީސް އާދަމް ރަށުގެ ކުރީގެ ވާހަކަތައް "މިހާރު" އާ ހިއްސާކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

އެރަށުގެ ރިޓަޔާޑް މެޖިސްޓްރޭޓް އިދުރީސް އާދަމް ވިދާޅުވީ، ރަށަށް ބޯޓު ފަހަރު ކައިރި ކުރަން ފެށުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒަމާނުގައި އެ ބޯޓު ފަހަރަށް އަރައި އެ ބޯޓުތަކުގެ މައުލޫމާތު ނަގަން ފެށި ކަމަށެވެ. ރަށުގެ ކަތީބުކަމުގައި އޭރު އިދުރީސް ހުންނެވި އިރު އޭރު އެ ރަށަށް އަދި މުޅި އެ ސަރަހައްދަށް ދިޔަ ބޯޓުތަކުގެ މައުލޫމާތު އޭރު ނަގަމުން ދިޔަ އެވެ.

"ރަށަށް އަރައި ފައިބާނެ. އެ މީހުން އެކި ބޭނުންތަކުގައި ގޭގެއަށް ދާނެ. ޔޮޓު ފަހަރުން މީހުން އައިސް ބައެއް ސާމާނު ވެސް ގަންނާނެ. މަނަވަރުން އަންނަ މީހުން އެހެން މާ އެއްޗެހި ގަނެއެއް ނޫޅޭ. ބޮލި އެއްޗެހި ފަހަރެއްގައި ގަނެފާނެ،" އޭނާ ވިދާޅުވި އެވެ.

ބައެއް ބޯޓު ފަހަރު އައިސް މަހެއްހާ ދުވަސްކޮށްފައިވެސް ދެ އެވެ.

އުލިގަމުގެ މަގަކުން ސައިކަލުގައި މީހަކު ދަނީ. އެ ރަށަކީ ބޯޓު ފަހަރު ވަރަށް ގިނައިން މަޑުކުރަ ރަށެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު

އުލިގަމުގެ މަގަކުން ސައިކަލުގައި މީހަކު ދަނީ. އެ ރަށަކީ ބޯޓު ފަހަރު ވަރަށް ގިނައިން މަޑުކުރަ ރަށެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އަހަރެއްގެ މައްޗަށް ސަތޭކައެއްހާ ބޯޓު އާދޭ. މިހާރު އޮންނަނީ އެކަން މަނާކޮށްފައި. ހުއްދަ ނަގަން ފެށީ 90ގެ އަހަރުތަކުގެ ފަހުން،" އޭނާ ވިދާޅުވި އެވެ.

އިދުރީސް ވިދާޅުވީ ބޯޓުތަކުން އަންނަ މީހުން ރަށަށް ވަރަށް ފައިދާ ހުރި ކަންކަން ވެސް އޭރު ކުރާ ކަމަށެވެ. ރަށުގެ ބަލި މީހުންނަށް އެހީވެ، އޭރު ރާއްޖޭގައި ލިބެން ނެތް ޑޮކްޓަރީ ބޭހާއި ފަރުވާ ހިލޭ ފޯރުކޮށްދެ އެވެ. އެ ރަށަށް ދެ ފަހަރަކަށް އައިސްފައިވާ ސްވިޑަންގެ އަސްކަރީ މަނަވަރެއް އައިސް ރަށުގައި މެޑިކަލް ކޭމްޕެއް ބޭއްވި ދުވަހެވެ. އެ ބޯޓުން އައި ޑޮކްޓަރުންގެ ޓީމަކުން، މީހުންގެ ދަތް ނެގުމާއި އެ ނޫން ބަލި މީހުންނަށް ވެސް ބޭސް ފަރުވާގެ ހިދުމަތްތައް ވަނީ ފޯރުކޮށްދީފަ އެވެ.

"ދަތް ނެގުމާއި އެހެން ބަލިތަކަށް ބޭސްކޮށްދިނުމާއި ސްކޫލަށް ތަކެތި ހަދިޔާ ކުރުމާއި. އެއީ ވެސް ހުއްދަ ނަގަން ފެށުމުގެ ކުރިން އެކަންކަން ވަނީ،" އޭނާ ވިދަޅުވި އެވެ.

އަހަރެއްގެ މައްޗަށް ސަތޭކައެއްހާ ބޯޓު އާދޭ. މިހާރު އޮންނަނީ އެކަން މަނާކޮށްފައި. ހުއްދަ ނަގަން ފެށީ 90ގެ އަހަރުތަކުގެ ފަހުން.

އޭރު އޮންނަ ގޮތުން، ބޯޓެއް އެރަށަށް ކައިރި ކުރުމުން ސަރުކާރަށް ރަށު އޮފީހުން އަންގަނީ އެވެ. އަދި އެ ބޯޓުފަހަރުގެ މައުލޫމާތު ނަގަން ހަދާފައިވާ ހާއްސަ ފޯމު ހިފައިގެން، އެ ބޯޓު އޮންނަ ސަރަހައްދަށް ގޮސް ހަވާލުކުރުމުން ފޯމު ފުރާފައިވެ އެވެ. އެ ފޯމުގައި އެ ބޯޓު އައީ ކޮން ބަނދަރަކުން ކަމާއި އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމާއި ބޯޓުގައި އުޅޭ ކްރޫއިންގެ އަދަދާއި ބޯޓުގައި ދަތުރުކުރާ މީހުންގެ އަދަދު ފަދަ އާންމު މައުލޫމާތުތައް ނަގަ އެވެ.

އުލިގަމުގެ މީހުން ދިރިއުޅޭ ސަރަހައްދު. އެރަށުގައި 500 އެއްހާ މީހުން ދިރިއުޅޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އުލިގަމުގެ މީހުން ދިރިއުޅޭ ސަރަހައްދު. އެރަށުގައި 500 އެއްހާ މީހުން ދިރިއުޅޭ -- ފޮޓޯ: ނިޝާން އަލީ / މިހާރު

މިހެން ބޯޓުތައް އައުން އާންމު ކަމަކަށްވެފައި ވާއިރު އެހެން އަންނަ ބޯޓުތަކުގެ މީހުންނަށް ބޮޑެތި ކެއުންތައް ހެދުމާއި ސަގާފީ ކުޅިވަރުތައް ދައްކާލުން ފަދަ ކަންކަން ބާއްވާއިރު ރަށުގައި ހާއްސަ ކަމެއް ފާހަގަކުރާ ދުވަސްވަރެއް ނަމަ އެ ކަންކަމުގައި ވެސް ބޭރު މީހުން ބައިވެރިވެ އެވެ.

އެ ރަށު މުހައްމަދު އާދަމް، 76، ވެސް ބުނީ އެހެން އަންނަ ބޯޓު ފަހަރަށް އެހީވުމަކީ ވަރަށް އާންމު ކަމެއް ކަމަށެވެ. އޭނާ ބުނީ، ވިއްސާރަވެ ކަނޑު ގަދަ ދުވަސްވަރު ހާލުގައި ޖެހޭ ބޯޓުތަކަށް ވެސް އެހީވާ ކަމަށެވެ. އެހެން އަންނަ ބޯޓު ފަހަރަށް ކާބޯތަކެތި ފޯރުކޮށްދީ، ފެނާއި އެ ނޫން ސާމާނު ވެސް ފޯރުކޮށްދެ އެވެ.

މަލިކުން ވިއްސަކަށް މީހުންނާ އެކު އައި ބޯޓެއް ރޭގަނޑު އުލިގަމުގައި މަޑުކުރި ވާހަކައެއް އޭނާ ކިޔައިދިނެވެ.

އެރަށުގެ ދުވަސްވީ ކޮންމެ މީހެއްގެ ވެސް މިފަދަ ތަފާތު ހަނދާނެއް އެރަށަށް ކައިރި ކުރާ ބޯޓުތަކާ ގުޅޭ ގޮތުން އޮވެ އެވެ. އެއީ އެހާ ވެސް އާންމު ކަމެކެވެ. ރަށު މީހުން ބުނަނީ ރަށުގެ ބަނދަރުގެ ފަސޭހަކަމާއި އެހެން އަންނަ މީހުންނަށް ރަށުން ލިބޭ ރައްކާތެރިކަން އެއީ ބޭރު މީހުންގެ މެދުގައި ރަށް މަގުބޫލުވި ސަބަބެއް ކަމަށެވެ. ރަށު ބޭރުގައި ބަނދަރުކޮށް ޑިންގީތަކުގައި އެއްޗެހި ހިފައިގެން ރަށަށް ފައިބައި، އަގުބޮޑު އެއްޗެހި ބަހައްޓާފައި ހުއްޓަސް އެ އެއްޗެހި ނުގެއްލުން ފަދަ ކަންކަން އަބަދުވެސް ދަތުރުވެރިން ފާހަގަކުރާ ކަމަށް މުހައްމަދު ބުންޏެވެ.

"އެހެން ޑީންގީގައި އައިސް ގޮނޑުދޮށުގައި ނިދައި ވެސް އުޅޭނެ. އެ މީހުންގެ އެއްޗެއްގައި އަތްލާނެ ކުދިންނެއް މިރަށުގައެއް ނޫޅޭނެ. އެ މީހުން އެހެން އުޅެފައި ދާނީ،" އޭނާ ބުންޏެވެ.

އުލިގަމުގައި އައިއެސްޕީއެސް ގޭޓް ހުޅުވައި ހިދުމަތް ފެށުމަކީ އެ ރަށު މީހުން ޒަމާނުންސުރެ ކުރަމުން އައި ކަންކަމަށް އައި ބޮޑު ބަދަލެކެވެ. އެ ރަށަށް މުޅިން އާ ކަމެއް ނޫނެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން ބަންކަރިން އަށް އެންމެ ފަރިތަ ރަށަކީ އުލިގަން ކަން ތާރީޚުން ފެންނަން އެބައޮތެވެ.