Roadha Mihaaru
ފ. އަތޮޅަށް ދިޔަ ދެ ނޫސްވެރިއަކަށް ބިރުދައްކައިފި

ފ. އަތޮޅު މަޝްރޫއާ މެދު އާންމުން ދެކޭ ގޮތް ބަލަން ދިޔަ ނޫސްވެރިންނަށް ބިރު ދެއްކުމުން ހިމާޔަތް ދީފި

02 މާޗް 2017

ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކަކާ ހަވާލުކޮށްގެން ފ. އަތޮޅުގައި ހިންގަން ސަރުކާރުން ރާވާފައިވާ މަޝްރޫއުއާ މެދު ރައްޔިތުން ދެކޭގޮތުގެ ހިޔާލު ހޯދަން އެ އަތޮޅަށް ދިޔަ ދެ ނޫސްވެރިއަކަށް ރޭ ބަޔަކު ބިރުދެއްކުމުން، ފުލުހުން ހިމާޔަތް ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކަކާ ހަވާލުކޮށްގެން ފ. އަތޮޅުގައި ހިންގަން ސަރުކާރުން ރާވާފައިވާ މަޝްރޫއުއާ މެދު ރައްޔިތުން ދެކޭގޮތުގެ ހިޔާލު ހޯދަން އެ އަތޮޅަށް ދިޔަ ދެ ނޫސްވެރިއަކަށް ރޭ ބަޔަކު ބިރުދެއްކުމުން، ފުލުހުން ހިމާޔަތް ދީފި އެވެ.

ފ. އަތޮޅު މަޝްރޫއޫގެ ކަވަރޭޖް ހަދަން އެ އަތޮޅު ނިލަންދު އަށް ދިޔައީ މޯލްޑިވްސް އިންޑިޕެންޑެންޓުގެ ހަސަން މުހައްމަދާއި ހަސަން މޫސާ އެވެ. މި ދެ ނޫސްވެރިންނަށް ފާރަލައި، އެ މީހުންނަށް ބިރުދެއްކީ މަގުމަތިން ހުއްޓުވުމަށް ފަހު އެވެ.

ހަސަން މުހައްމަދު ބުނިގޮތުގައި އެ ދެ މީހުންނަށް ބިރުދެއްކި މީހުން ތުހުމަތުކުރީ، އެ މީހުން އެ ރަށަށް ދިޔައީ ފިތުނަފަސާދަ އުފައްދާށެވެ. އެހެންވެ ކެމެރާ އާއި އެހެން ވެސް ސާމާނު ހަލާލުކުކޮށްލާނެ ކަމުގެ އިންޒާރު ދިން ކަމަށް އޭނާ ބުންޏެވެ.

މި އިންޒާރަށް ފަހު އެ މީހުން ތިބި ގޭދޮށަށް ވެސް ބަޔަކު އެއްވި ކަމަށް އޭނާ ބުންޏެވެ.

"އެކަން ފުލުހުންނަށް ރިޕޯޓްކުރީމަ، އަޅުގަނޑުމެން ޕޮލިސް ސްޓޭޝަނަށް ގެންދިޔައީ. ދެން ވިދާޅުވީ ރައްކާތެރިކަމުގެ ދަށުގައޭ ބައިތިއްބާފައި ތިބީ،" ހަސަން ބުންޏެވެ.

ޕޮލިހަށް ގެންގޮސް ފޯނު އަތުލައި އެކަކު އަނެކަކާ ވާހަކަ ނުދެއްކޭ ގޮތަށް ތިންގަޑިއެއްހާއިރު ބޭތިއްބުމަށް ފަހު، ކާންދީ، ނިދާނެ ސޯފާއެއް ވެސް ދެއްކި ކަމަށް ހަސަން ބުންޏެވެ.

"އަޅުގަނޑުމެންނަށް ބަޔަކު ކުރި ތުހުމަތާ ގުޅިގެން ފުލުހުން ބަލަން ބޭނުންވުމުން، ނެގި އިންޓަވިއުތަކުގެ ނޯޓްސް ވެސް ބަލާ ހެދި،" ހަސަން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި ނިލަންދޫގައި ތިބި ދެ ނޫސްވެރިއަކަށް ނުރައްކާ އޮތް ކަމަށް ތުހުމަތު ކުރެވިގެން ހިމާޔަތާއި ރައްކާތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.