09 އޮކްޓޯބަރ 2024
(އާދިއްތަ ދުވަހާ ގުޅޭ)
(އާދިއްތަ ދުވަހާ ގުޅޭ)
"ކޮބާ ބަތްކެކުނީ؟" އަހަންނަށް ބަލައި ވެސް ނުލައި، މަައިދައިތަ އެހިއެވެ.
ނުސީދާކޮށް މައިދައިތަ ބުނީ މައިދައިތަ ކަންތައް ކުރަންވީ ގޮތް ކިޔައި ނުދީ، މައިދައިތަ ބުނި ކަންތައް ކުރެވޭތޯ އަހަރެން ބަލާށެވެ. އެއީ ވެސް ތެދެކެވެ. ތިރިން މައްޗަކަށް އަމުރެއް ނުހިނގާނެއެވެ. އަހަރެން މޮޔައީއެވެ. އެކަމަކު، އަޑުމަޑު ނުކޮށްފިއްޔާ ޒަލަފް ކުށްވެރި ކުރާނީ އަހަންނެވެ. ވީމާ، ބަތްއުދައިފައި ކޮޓަރިއަށް ވަނީމެވެ.
"މަންމަ އަތުގަ ރިމޯޓު އޮތީ،" ބުނެވޭނެ އެންމެ އޯގާތެރިކޮށް އަހަރެން ބުނީމެވެ. "ބުނެފިން އަޑު މަޑުކޮށްލާށޭ! ހިނގާ އެއްޗެއް ކަމާ ދޯ؟"
ޒަލަފް އެއްވެސް ޖަވާބެއް ނުދިނެވެ. ކުރިމަތީގައި ހުރި ފާރަށް ބަލަހައްޓައިގެން އޮތީއެވެ. އަހަރެން ނެތް ކަހަލައެވެ.
"ދީމާ!" މައިދައިތަ ނިކަން ބާރަށް ގޮވައިލިއެވެ.
އަހަރެން ހިތަށް އެރިއެވެ. ބަތް ހުރީ އުދައިފައެވެ. އަހަރެން ދިޔުމަކުން ވާނެ އަވަހެއް ނެތެވެ.
"ކޮން ކަމަކާ އަހަރެން ދެކެ ތިހާ ރުޅި އައިއްސަ ތި އޮންނަނީ؟" މަޑުމަޑުން އަހަރެން އެހީމެވެ. "ސަބަބު ބުނީމަތާ އަހަންނަށް އެ ކަމެއް ރަނގަޅު ކުރަން އެނގޭނީ. ކޮބާހޭ އަހަރެންގެ ކުށަކީ؟"
"ކޮބާ އަހަރެންގެ ކުށަކީ؟" ނިކަން ރުޅި އައިސްފައި ޒަލަފް ބުންޏެވެ. "ޑޮކްޓަރު އެ ބުނަނީ ކެއުމަށް ބަލާށޭ! އެވެނި އެއްޗެއް ކާށޭ! މިވެނި އެއްޗެއް ނުކާށޭ! ދީމާ ހަދާ އެއްޗެހި އަހަރެން ކެއީ. އެ ކައިގެން ވީ އެއްޗެއް މިވީ. އެހެންވެ ދީމާ ހަމަ ގަސްތުގަ އަހަންނަށް ދިން ލަނޑެއްނު މީ. ކޮން ކުށެއް އަހަރެން ކުރީ؟"
އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒަލަފް ގެއިން ކަނީ ހެނދުނާއި ރޭގަނޑުއެވެ. އެ ގަޑިތަކުގައި އަހަރެން ހަދަނީ ޒަލަފް ބުނާ އެއްޗެކެވެ. އެހެން އެއްޗެއް ހުރެއްޖެއްޔާ އަހަރެން ކުށްވެރި ވާތީއެވެ. ރައްޓެހިންނާ އެކުގައި ހޮޓާހޮޓަލުން ޒަލަފް ކަނީ ކޯޗެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. އެހެން ބުންޏަސް ގޯސް ވާނީ އަހަންނެވެ.
"ދީމާ!" އަޑުގައި ނެތްތަނަށް މައިދައިތަ ގޮވައިލިއެވެ.
އަހަރެން ކޮޓަރިން ނުކުތީމެވެ. ބަތް އެތި ކައިރީގައި ހުރި އިރު ވެސް އަހަރެންގެ ލޮލުން ކަރުނައެއް ނުހިކެއެވެ.
"ތި އަވަސް ކޮށްބަލަ!" މައިދައިތަގެ އަޑުއިވުނެވެ. "ބަތްކޮޅެއް ކައްކާލަދޭށޭ ބުނީމަ ޖެއްސުން ކުރަން ވިއްޔަ ތި އުޅެނީ. ދެނެއް ނުބުނާނަމޭ! ނިމުނީނު! ތިހާ ފޫހިވަންޏާ އަހަރެން މި ތަނަށް ނުގެނައި ނަމަ ނިމުނީނު."
އަހަރެން ރޯލަރޯލަ ހުރީއެވެ. އެއްވެސް އެއްޗެއް ނުބުނަމެވެ. އަހަރެން ކަހަލަ މީހަކަށް އޮންނާނީ ވެސް އެހެން ކޮން ގޮތެއް ހެއްޔެވެ؟ ތަޅުންގަނޑު މަތީގައި ކޮޅަށް ހުރީތީ ބަރުވެގެން ބިންގަނޑު ޝަކުވާ ނުކުރާކަން ނަސީބެކޭ ހިތަށް އެރިއެވެ. ބަތް ކެކުމުން އަތްލައި ބަލައި، އެތިކޮޅެއް ކައިފައި، ތަށްޓަށް އެޅީމެވެ. ހިހޫވަންދެން މަޑުކުރީމެވެ.
"މަންމާ!" އަހަރެން ބުނީމެވެ. "އާދޭ!"
ފޫހިވެގެން މަރުވާ ވަރު ވެފައި ހުރި މައިދައިތަ އައެވެ. ގޮނޑީގައި އިށީނެވެ.
"އައްޗި! މީ ބޮނޑިބަތްގަނޑެއްނު!" ބަތްކޮޅެއްގައި އަތް ވެސް ނުލައި މައިދައިތަ ބުންޏެވެ.
ޖެހިގެން އައި ދުވަހެވެ. ވާރޭވެހި ގަތުމާ އެކު އަހަރެން ފިހާރައެއްގެ ތެރެއަށް ވަނީމެވެ. އޭރު މެންދުރު ވަނީއެވެ. ހެނދުނު އޮފީހަށް ދިޔަ އިރު ވެސް، މާ ގިނަ އިރު އޮފީހުގައި ނީނދެވޭނެކަން އަހަންނަށް އެނގެއެވެ. ވީ ވެސް އެހެންނެވެ. ގުޅަނީ މައިދައިތައެވެ. ވަކި ކަމެއް ޖެހިގެންނެއް ނޫނެވެ. އަހަރެން ގޭގައި ނީނދެ އޮފީހުގައި އިންނާތީއެވެ. އެކަމަކު ޒަލަފްގެ އަންހެން ކޮއްކޮ ހަނާ ވެސް ޒަލަފް ކައިރީގައި އިނެވެ. ހެނދުނު ސައި ހަދައިދިނީ އޭނައެވެ. ހީވާ ކަހަލައެވެ. އަހަރެން ސައި ހަދައިފިއްޔާ ޒަލަފަށް ދޭނީ ވިހައެކެވެ. މައްސަލައެއް ނުޖައްސަމެވެ. ޒަލަފް އުފާވަންޏާ އެ ގޮތް ވެސް އަހަންނަށް ރަނގަޅެވެ. އަހަންނަށް އެނގޭ ކަމަކީ، ކޮންމެ ދުވަހަކު ޒަލަފަށް ސައި ދޭން ހަނާ އަށް ނާދެވޭނެކަމެވެ. މެންދުރުފަހު އޮފީހަށް ދާ ދުވަހެއްގައި އާދެވިދާނެއެވެ. އަނެއްކާ މައިދައިތަ ގުޅަން ފެށިއެވެ.
"މެންދުރަށް ފިޔާތެއްލީންތަ؟" މައިދައިތަ އެހިއެވެ.
"މޭޒުމަތީގަ ހުންނާނެ ފުޅިއަށް އަޅާފަ،" ކެތްތެރިކަމާ އެކުގައި އަހަރެން ބުނީމެވެ. "އަލުވިރިހަ ވެސް ކައްކާފަ ހުންނާނީ. ވާރޭ ހިޔާވާން ފިހާރައަކަށް ވަދެ މީނީ. ހަމަ ހުއްޓާލާ އިރަށް ދާނަން."
ޒަލަފް ކުރީބައިގައި ތެއްލިފިޔާގެ ވާހަކަ ބުނެފައި އޮތީމައި، އެ ހުންނާނީ ފުޅިއަކަށް އަޅާފައި ފެންނަ ހިސާބުގައި ބަހައްޓައިފައެވެ. ކާ ގަޑި ނުވެސް ޖެހެނީސް އެ ހޯދަން ޖެހޭބާއޭ ހިތަށް އެރިއެވެ. ވަނީ އެހެނެއް ނޫނެވެ. މައިދައިތަ ހޯދަނީ އަހަންނަށް ނުވެ އޮތް ކަމެކެވެ. އެ ކަން ކާމިޔާބެއް ނުވާނެއެވެ. ހިޔާލުގައި ހުއްޓައި މީހަކު ކުޑައެއް ދިއްކޮށްލިއެވެ. ބަލައިލި އިރު އެއީ މޫދުކުލާހުގެ ކޯޗެވެ.
"ހިފައިގެން ނައްޓާލާ! މި ވާރޭ އަވަހަކަށް ނުހުއްޓާނެ." ކޯޗު ބުންޏެވެ.
ކުޑައިގަ ހިފާކަށް އަހަންނަކަށް ނުކެރުނެވެ. އެހެނަސް، ކޯޗު ފެނުމުން އުފާވި ވާހަކަ އަހަރެންގެ ހިތް އަހަރެންގެ ކަންފަތްދޮށުގައި ސިއްރުން ބުނެލިއެވެ. ސިކުނޑި މާ ލާނެތެވެ. ކުޑަ ހިފަން ކަމަށް ހެދިފައި އަތުގައި ވެސް ހިފައިލަން ލަފާދިނެވެ. އަހަންނަށް ބަލައިލެވުނީ މަގުމައްޗަށެވެ.
"ހަސްބަންޑު ކުޑަ ހިފައިގެން އަންނަނީތަ؟" ހިނިތުންވެލާފައި ކޯޗު ބުންޏެވެ. "ނޫނީ އެހެން މީހުންގެ ކުޑައިގަ ނުހިފަން ކޯޓުއަމުރެއް އޮތީތަ؟"
"ނޫން!" އަހަރެން ބުނީމެވެ. "ކޯޗު ދެން ކިހިނެއް ގެއަށް ދަނީ؟"
"ކޯޗު ހިނގައިދާނެ ފަތާފަ ވެސް،" އަނެއްކާ ވެސް ކުޑަ ދިއްކޮށްލަމުން ކޯޗު ބުންޏެވެ. "ހިފާބަލަ! މީ ބޫޓު ވިއްކާ ތަނެއް. މި ތަނަކުން ކުޑައެއް ނުލިބޭނެ. ވާރޭ ހައްތަހާ ބޯކުރަނީ."
އަނެއްކާ މައިދައިތަ ގުޅަން ފެށިއެވެ. އަހަރެން ފޯނު ނެގީމެވެ. އެއްފަހަރު ވެސް ނުނަގައެއް ނުކެރެއެވެ. "ބޭސްކާ ގަޑި އެބަ ޖެހޭ!" މައިދައިތަ ބުންޏެވެ. "ކޮން ބޭހެއް ކާންވީ؟"
"މި ދަނީ މަންމާ!" އަހަރެން ބުނީމެވެ.
އަމިއްލަ އަށް ބޭސްކާން ހަދައިގެން ނުބައި ބޭހެއް ކެވިއްޖެއްޔާ ވާނެ ގޮތް އަހަންނަށް އެނގެއެވެ. ހިތަށް އެރިއެވެ. އެހެން ގޮތެއް ނެތެވެ. ކޯޗަށް ޝުކުރު އަދާކޮށްފައި ކުޑަ ހިފައިގެން ނުކުތީމެވެ. ތަންކޮޅަކަށް ދިޔަ ތަނާ ހިތަށް އެރިއެވެ. ދެން ކޯޗާ ކުޑަ ހަވާލު ކުރާނީ ކިހިނެއް ހެއްޔެވެ؟ އެހެން ސުވާލެއް ވެސް ހިތަށް އެރިއެވެ. އަހަރެން ފިހާރަ އަށް ވަނީ ވާރޭވެހިގަތީމައެވެ. ކުރިން ވާރޭ ނުވެހޭތީ، އެކަކު ވެސް ކުޑަ ހިފައިގެނެއް ގެއަކުން ނުނިކުންނާނެއެވެ. ކޯޗު އަތުގައި ކުޑަ އޮތީ ކީއްވެގެން ހެއްޔެވެ؟ ދެން ވިސްނައިލެވުނެވެ. ކޯޗު ހުރީ ކުޑަކޮށް ތެމިފައެވެ. އަހަރެން ފެނިގެން ކޯޗު ކުޑައެއް ގަނެގެން އައިބާއެވެ؟ ނޫނެކެވެ. އަހަރެންގެ ހިތް ބުންޏެވެ. އަހަންނަކީ އެ ވަރުގެ މީހެއް ނޫނެވެ.
ގެއަށް ވަން އިރު އެކަކު ވެސް ފެންނާކަށް ނެތެވެ. ވާރޭ ހައްތަހާ ބޯކުރިއެވެ. އަހަރެން ކޮޓަރި ބަލައިލީމެވެ. އެއްވެސް ކޮޓަރިއަކު އެކަކު ވެސް ނެތެވެ. ހިތަށް އެރިއެވެ. ދާނީ ކޮންމެވެސް އެހެން ބަޔަކަށެވެ. އެއް ގޮތަކުން ރަނގަޅެވެ. ޒަލަފް ހިނގަން ޖެހެއެވެ. ބަދިގެ ބަލައިލި އިރު އަހަރެން ކެއްކި އެއްޗެހި ހުރި ގޮތަށް ހުއްޓެވެ. ހެދުން ކުޑަކޮށް ތެމިފައިހުރުމުން، ކޮޓަރި އަށް ވަދެ ހެދުން ބަދަލުކޮށްލައިގެން ނުކުތީމެވެ. އެ ވަގުތު ސަމީރާ ގުޅިއެވެ.
"ރިހާކުރު އެބަ ހުރިތަ؟" ޒަލަފްގެ ދައްތަ އެހިއެވެ. "މި މީހުން އަހަރެންގެ ރިހާކުރުފުޅި އެއްކޮށް ހުސްކޮށްލައިފި. މަސްބަތް ހަދައިގެން މި އުޅެނީ. އާދެ ކާން. މަންމަ ބުނީ ތެއްލިފިޔާ ވެސް ހުންނާނޯ! ގެންނައްޗޭ!"
އަހަރެން ކެއްކި އެއްޗެހި ހުރީމައި، މަސްބަތް ކާ ހިތެއް ނެތެވެ. ދައްތަގެ ބަޔަށް އަހަރެން ދިޔައީ ވަކި އެއްޗެހިތަކެއް ގެންނަން ދައްތަ ބުނީމައެވެ. ނޫން ނަމަ، އެކަނި އިނދެގެން ކާން ޖެހުނަސް އަހަރެންނެއް ނުދިޔައީމުހެވެ. އެ ބަޔަށް ދިޔުމުން އަހަންނަށް ފެނުނީ މުޅީން އެހެން ޒަލަފްއެކެވެ. ދައްތަމެންނާއި މަންމަޔާ އެކުގައި، އަމިއްލަ އަތުން މޮޑެގެން ކާން އިން އިރު ޒަލަފް ވަރުގެ އުފާވެރި މީހަކު ނެތެވެ. އަހަރެން ހަމަ ފެނުމާ އެކު ޒަލަފްގެ މޫޑު އެއްކޮށް ބަދަލުވިއެވެ. ދައްތަ އާއި ދައްތަގެ ފިރިމީހާ އާއި ޒަލަފްގެ ކޮއްކޮމެންނަށް ވެސް އެ ކަން ފާހަގަކުރެވުނެވެ. ނަތީޖާއަކަށް ވީ އެ މީހުން ވެސް ހިތްހަމަނުޖެހުމެވެ. އަހަންނަށް މަރުހަބާ ނުކިޔުމެވެ. ފިޔަ އާއި ރިހާކުރު ފުޅި ބެހެއްޓުމުން ދައްތަ އެ ނެގިއެވެ. އަހަރެން ގާތަކު އިށީންނާކަށް ވެސް ނުބުނެއެވެ. އިށީންނާނެ ގޮނޑިއެއް ނުމެ ނެތް ވެސް މެއެވެ. ހަމަ އެކަކު ވެސް އަހަރެން ފެންނަ ކަމަށް ނެހެދިއެވެ. އިރުކޮޅެއް ވަންދެން އާގަމަވެފައި އަހަރެން ހުރީމެވެ. ވަރަށް ގިނަ އެއްޗެހި ހިތަށް އެރިއެވެ. ނުކުމެގެން ހިނގައްޖެއްޔާ ގޯސް ވާނީ އަހަންނެވެ. އެކަމަކު އެ ކަހަލަ ކުދި އަނިޔާ މީހަކަށް ދޭން ވާނީ އެ މީހާގެ ވެސް ކޮންމެވެސް ކުށެއް އޮވެގެންނެވެ. އަހަރެން ވައިވެގެން ގޮސް ސޯފާގައި އިށީނދެލީމެވެ.
އަހަންނަށް ހީވީ އެ ތަނުގައި ހުރި ހުރިހައި ފަރުނީޗަރުތައް ވެސް އަހަންނަށް މަލާމާތް ކުރާހެ ންނެވެ. އެ ބައިގައި ބުޅަލެއް ގެންގުޅެއެވެ. އަހަރެންގެ ފައިތިލައިގައި ޖެހޭ ހިސާބުގައި ބުޅާ ބަނޑުޖަހައިލިއެވެ. ކިރިޔާ ވެސް ކުލުނު ވަނީ އެ ޖަނަވާރުގެ ހިތަށް އެކަންޏެވެ. އަހަރެން ހިތަށް އެރިއެވެ. އިތުރަށް އެންމެ މިނެޓަކު ވެސް މި ތަނުގައި މަޑުކޮށްފިއްޔާ މަންޒަރު މާ ރީއްޗެއް ނުވާނެއެވެ. ނަތީޖާ މާ ރަނގަޅެއް ވެސް ނުވާނެއެވެ. އެ ތަނުން ނުކުމެގެން، ދުވަމުން ކަހަލަ ގޮތަކަށް ގޮސް އަހަރެން އުޅޭ އެޕާޓުމަންޓަށް ވަދެވުނީ ކިރިޔާއެވެ. ބަޑިފަޅައިގެން ދިޔައެވެ. ހިތް ފުރެންދެން ރުއީމެވެ. އެކަމަކު ހިތުގަ ޖެހުނީ މައިދައިތައެވެ. ޝަކުވާތައް ބަންޑުންކޮށްލީ ވެސް އޭނާއެވެ. އަހަރެން ކާން އިންދައި މައިދައިތަ ވަނެވެ. ދިޔަ ގޮތަށް ދިޔައީ ކޮޓަރިއަށެވެ. ފަހަތުން ޒަލަފް ވެސް ދިޔައެވެ. ދެއްކި ވާހަކައެއް ދެއްކީ ވަރަށް މަޑުންނެވެ. އިރުކޮޅަކުން ޒަލަފް ނުކުތެވެ.
"ދައްތަ ކައްކާ އެއްޗެހި ކިތަންމެ ނުބައިވިޔަސް އެހާ އާޓު ބޮޑުކޮށްލާކަށް ނުޖެހޭ!" ރުޅި އައިސްފައި ޒަލަފް ބުންޏެވެ. "ދީމާއަކީ މޮޅު މީހެއް. ކައްކަން އެނގޭ މީހެއް. އެންމެނަށް ވެސް އެ ކަން އެނގެޔޭ! އެކަމަކު ތިހާ ބޮޑާވާކަށް ނުވާނެ. އެހާ ރޫޑުކޮށް ނުކުމެގެން ދިޔައިމަ ދައްތަ ވަރަށް ދެރަވެފަ ހުރީ. މަންމަ ވެސް ހަމަ އެ ވާހަކަ އެ ދެއްކީ."
އަހަރެން ހައިރާން ވެގެން ބަލަހައްޓައިގެން އިންދައި ޒަލަފް ގޮސް ކޮޓަރިއަށް ވަނެވެ. ހަމަ އެހައިމެ އަވަހަށް ނުކުތެވެ. ފާހާނާގައި އަހަރެން ބެހެއްޓި ކުޑަ ހިފައިގެންނެވެ.
"މީ ކާކު ކުޑައެއް؟" ޒަލަފް ސުވާލު ކުރިއެވެ. (ނުނިމޭ)
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.