16 އޮކްޓޯބަރ 2024
(އާދިއްތަ ދުވަހާ ގުޅޭ)
(އާދިއްތަ ދުވަހާ ގުޅޭ)
ކަންތައް ވެގެންދިޔައީ އެންމެ ހީނުކުރާ ގޮތަށެވެ. މީހުން ބުނެއެވެ. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށެވެ. އަހަރެން ހިތަށް އަރައެވެ. އެ ކަމުގައި އަހަންނަށް އޮތް ރަނގަޅަކީ ކޮބައި ހެއްޔެވެ؟
ޗުއްޓީގެ ފުރަތަމަ ދުވަހެވެ. ރީތި ހުވަފެނެއް ނުފެނުނު ތަނުގައި، ހެނދުނު ގެއިން ބޭރަށް ނުކުމެލީމައި އެ ލިބޭ ހިތްހަމަޖެހުމުން ވެސް މަހުރޫމު ވެފައި އަހަރެން އިނީމެވެ. ޒަލަފްއަކީ ހެނދުނު ފެންވަރާ މީހެއް ނޫނެވެ. ހޮސްޕިޓަލުން އައިތާ ކައިރީގައި ފެންވެރުން ހުއްޓާލައިގެން ވެސް އެތައް ދުވަހަކު ޒަލަފް އުޅުނެވެ. އަހަރެން އޮފީހުން ޗުއްޓީ ނެގުމުން ހެނދުނު ފެންވަރަން ޒަލަފް ބޭނުންވިއެވެ. ފެންވަރުވައި ދޭން ޖެހެނީ އަހަންނެވެ. އޭނައަކީ އަހަރެންގެ ފިރިމީހާއެވެ. ފިރިމީހާއަށް ކަމެއް ކޮށްދޭން އަހަންނަކަށް ބޮޑެއް ނޫނެވެ. އެހެނަސް، ފެންވެރުމުގެ ނަމުގައި ޒަލަފް ކުރާ ކަންތައްތަކުގެ ވާހަކަ އެކަކު ގާތުގައި ވެސް ދައްކާކަށް ނެތީމެވެ. ވެދާނެއެވެ. އެއީ އަހަންނަށް ޒަލަފްދޭ ޓެސްޓު ނަންބަރު ދޭކެވެ.
ހެނދުނުގެ ވަގުތެވެ. ޒަލަފް އިނީ ސައިބޯށެވެ. ކަނާއަތުން ކަންތައް ކުރާކަށް ޒަލަފަކަށް ފަސޭހައެއް ނޫނެވެ. އުޅޭ ގޮތުން އަހަންނަށް ހީވަނީ އެހެންނެވެ. އެކަމަކު އެ ކަމުގައި އަހަރެންގެ އެހީއެއް ގަބޫލެއް ނުކުރިއެވެ. އުނދަގުލުން ވައަތް ބޭނުންކޮށްގެން ކަނިކޮށް ސަމީރާ ވަނެވެ. އެއީ އާއިލާގެ އެންމެ ދޮށީ މީހާއެވެ. އެ މީހަކާ ދެކޮޅަށް އެއްޗެއް ބުނަން ޒަލަފް އެންމެ ޖެހިލުންވާ ދައްތައެވެ.
"އަޅެ އެ ހާލުގަ ކާ އިރު ވެސް ދީމާ ތި އިންނަނީ އަޅާ ވެސް ނުލައި؟" ދައްތަ އެހިއެވެ.
"ދޭބަލަ ކާންދޭން."
ޒަލަފް ވަގުތުން ޗޮކެއް ކަނޑައިފައި، ނާންނާށޭ ބުނުމުގެ ގޮތުން ވައަތް ދިއްކޮށްލިއެވެ. އަހަރެން ސޯފާ އިން ނުވެސް ތެދުވަމެވެ. ވާނީ އެހެންކަން އެނގޭތީއެވެ. ބަލާ މީހާ އަށް ފެންނާނީ އަހަރެން ކަމެއް ނުކޮށް އިށީނދެލައިގެން އިން ތަނެވެ. އަހަރެން ކިހައި ކަމެއް ކޮށްދޭ ކަމެއް، އަހަރެން ލައްވައި ޒަލަފް ކުރުވަނީ ކޮންކޮން ކަންތައްތަކެއް ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ.
"މިއަދު ކޮން އިރަކުން ފިޒިޔޯ ހަދަން ދަނީ؟" ދައްތަ އެހިއެވެ.
ޒަލަފް އެއްޗެއް ނުބުންޏެވެ. އަހަރެން އެ ސުވާލުކުރި ނަމަ ކުރެވުނު މޮޔަ ހިތަށް އަރާ ވަރުގެ ޖަވާބެއް ދިނީހެވެ.
"ދައްތާ އޭނައެއް ނުދާނެ،" އަހަރެން ބުނީމެވެ.
"ބޭހެއް ވެސް ނުކައި. މިހެން ބުނީމަ ވެސް އަހަރެންހާ ގޯސް މީހަކު ނުހުންނާނެ. އެކަމަކު އޭނަ ބޭނުމެއް ނޫން ރަނގަޅުވާކަށް."
"އުހޫ! ތިހެނެއް ކަމަކުނުދާނެ،" ދައްތަ ހިތްހަމަނުޖެހިފައި ބުންޏެވެ.
"ކޮބާ ބޭސް؟ ގެނޭ!"
އަހަރެން ބޭސްތައް ގެނެސްދިނީމެވެ. ހަފުތާގެ ދުވަސްތަކަށް ބޭސްތައް ބަހައިލެވޭ ކަހަލަ ފޮށްޓަކާއި ކަތުރެއް ވެސް ދިނީމެވެ. ދައްތަ އެ މަސައްކަތް ފެށިއެވެ. ގާތުގައި ހުރެގެން އަހަރެން އެހީވީމެވެ.
"ނުކާނަން ބޭހެއް." ޒަލަފް މަޑުމަޑުން ބުނެލިއެވެ.
"އޭ! މާ ވައްތަރު ދައްކާނެ ކަމެއް ނެތް!" ދައްތަ ރުޅި އައިސްފައި ބުންޏެވެ.
"ކޮން ކަމަކާ، ކާކު ދެކެ ރުޅި އައިއްސަ ތި އިންނަނީ؟ ކޮންމެ މީހަކު ވެސް ބަލިވާނެ. ދެން ޖެހޭނީ ފަރުވާކުރަން."
"ދައްތަ ވެސް ދީމާގެ ސައިޑަށްތަ އަރަނީ؟" ޒަލަފް ޝަކުވާ ކުރިއެވެ.
"އަހަރެން ނޫޅެން އެއްވެސް މީހެއްގެ ސައިޑަށް އަރާކަށް،" އެ ވަގުތު ކާންޖެހޭ ބާސްތައް ޒަލަފް ކައިރީގައި ބަހައްޓަމުން ދައްތަ ބުންޏެވެ.
"ޒަލަފް އެއްކޮށް ރަނގަޅު ވާން އަހަރެން ބޭނުމީ. ދެން މައްސަލައެއް ނެތް. ހޮސްޕިޓަލަށް ނުދާނީ. މޫދަށް ދެވޭނެއްނު. ވެލިމޮޑެވޭނެ. އެ ކަހަލަ ކަންކަން ކޮށްދޭ މީހުން ވެސް އުޅޭނެ. އޭގެ މީހަކު ހޯދަމާ ހިނގާ!"
އަހަރެންގެ މެޔަށް ހީވީ ފެން އެއްޗެއް އޮއްސައިލި ހެންނެވެ. ހިތަށް އެރިއެވެ. އެންމެ ފަހުން އެ ކަން ނިމޭނީ ކިހިނެއް ބާއެވެ؟ ނަސީބަކުން ޒަލަފް އެއްޗެއް ނުބުނެއެވެ. އަހަންނަށް އެންމެ ރަނގަޅީ އެ ގޮތެވެ. ދުނިޔޭގައި ލެއްވި ހުރިހައި ކަމަކަށް ޒަލަފް އެއްބަސް ވިޔަސް، މޫދު ކަސްރަތަށް އެއްބަސް ނުވާން އަހަރެން ބޭނުމެވެ. ކޯޗު ގެނެސްދޭން އަހަރެން ގާތުގައި ބުނަން ޒަލަފް ހިތަށް ވެސް ނާރާތޯ، އަހަރެން ހިތާހިތުން ދުއާ ކުރީމެވެ. ދައްތަ ދިޔައީ ބޭސް ކާން ދީފައެވެ. ކޮންމެ ފަހަރަކު ވެސް ބޭސް ކާން ދޭން އަންނާނެ ވާހަކަ ބުނެފައެވެ. އެ ކަމެއް ނުވާނެކަން އަހަންނަށް ކަށަވަރެވެ.
ޒަލަފް ފަދަ ބަލި މީހުން މޫދުގައި ކަސްރަތު ކުރުވާ ކަހަލަ މީހަކު އަތުޖެހޭތޯ ދައްތަ މަސައްކަތް ކުރިއެވެ. އެ މަސައްކަތް ޒަލަފް ވެސް ފެށިތަން އަހަންނަށް ފެނުނެވެ. އަހަރެން ވަރަށް ހައިރާންވިއެވެ. ޒަލަފްއަކީ ރަނގަޅު ވާން ބޭނުން މީހެއް ނޫނެވެ. އެކަމަކު ފޯނުން އެކި މީސްމީހުނާ ގުޅައިގެން ވާހަކަ ދެއްކި ތަން އަހަރެން ދުށީމެވެ. އެ ފަދަ ކުލާސްތައް ހުރެއެވެ. އަހަރެން ހިތަށް އެރިއެވެ. ކޯޗަށް ގުޅަންވީއެވެ. ފަހަރެއްގައި ވެސް ޒަލަފް ގުޅައިފި ނަމަ، އިންކާރު ކުރަން ބުނަންވީއެވެ. ހިތާމައަކީ އަހަންނަށް ދެއްކޭނެ ބަހަނާއެއް ނެތުމެވެ. ކަމެއް ވާން ވެއްޖެއްޔާ އެ ކަމެއް ހުއްޓުވޭނެ ހަމަ އެއްވެސް ގޮތެއް ނޯވެއެވެ. ކޯޗަށް ފިލަން ޗުއްޓީ ނަގައި، އޭނަގެ އެހީތެރިކަން ޒަލަފަށް ބޭނުންވި ވަގުތު އެ ކަމަށް ވެސް ބީރު ކަންފަތް ދީގެން އަހަރެން ހުރީމެވެ. އެއްދުވަހަކު މައިދައިތައަށް ޓީވީ ހުޅުވައިލެވުނީ ކޯޗުގެ އިންޓަވިއުއަކަށެވެ. ޓީވީ ބަލަން ޒަލަފް އިނެވެ. އިއްތިފާގުން ދައްތަ އަށް ވެސް އެ ވަގުތު އިނދެވުނީ ގޭގައެވެ.
"އޭނައަށް ގުޅަންވީނު،" ދައްތަ ލަފާދިނެވެ. "ހީވޭ ވަރަށް މޮޅު މީހެއްހެން."
އަހަރެން ހިތަށްއެރިއެވެ. އަހަރެން ދިޔައީ އޭނަގެ މޫދު ކުލާހަކަށްކަން އެކަކަށް ވެސް ނޭނގެނީ ހެއްޔެވެ؟ ކޯޗު ގެއަށް އައި ދުވަހު ޒަލަފް ގެއަކު ނޫޅެއެވެ. އެކަމަކު އެހެން މީހަކަށް ވެސް ނުފެންނަނީ ހެއްޔެވެ؟ ފެނިފައި ހަނދާން ނެތުނީ ހެއްޔެވެ؟ އަހަރެން ހަމަ ނުވެސް ދެނަހުރި ކަމަށް ހަދައިގެން އިނީމެވެ. ކޯޗުގެ ނަންބަރު ހޯދަން ދައްތަ މަސައްކަތް ފެށިއެވެ.
"އޭ! ދީމާ ވެސް މޫދުކުލާހަކަށް ދިޔަ ވާހަކަ ޒަލަފް ބުނީމެއްނު!" ކުއްލިއަކަށް ހަނދާން ވެގެން ދައްތަ ބުންޏެވެ. "އެ މީހާ ހޯދަންވީނު،" އެ ހިސާބުން ދައްތަ އެނބުރުނީ އަހަންނާ ދިމާއަށެވެ. "އެބަ އޮތްތަ ނަންބަރު؟"
އޭރު ވެސް ޓީވީއިން ކޯޗު ފެނެއެވެ. ބޭނުން ނަމަ އަހަންނަށް އޮޅުވައިލެވުނީހެވެ. އެކަމަކު ފަހުން އެ ކަން ފަޅާއަރައިފިއްޔާ ދެން އަހަރެން ހަދަން ޖެހޭ ދޮގު މާ ގިނަވާނެއެވެ. އެހެން ހިތަށް އަރާފައި ތެދަށް ބުނީމެވެ.
"އެހެރީ އޭނަ." ޓީވީ ދައްކާލައިފައި އަހަރެން ބުނީމެވެ.
"އަޅެ އެ ވަރުން ވެސް ނުބުނެ ތި ހުންނަނީ؟" ދައްތަ ބުންޏެވެ.
"ނަންބަރު އެބަ އޮތްތަ؟ ގުޅާބަލަ!"
ގުޅުމުގެ ބަދަލުގައި އަަހަރެން ބަލައިލީ ޒަލަފަށެވެ. ބޭނުންވީ ޒަލަފް އިންކާރުކުރާށެވެ. ދައްތަ އިނުމުން އެ ހިތްވަރެއް ޒަލަފަކަށް ނުލިބުނެވެ.
"ގުޅާބަލަ ގުޅާބަލަ!" ޒަލަފް އެދުނެވެ.
ހިތަށް އެރިއެވެ. ޒަލަފް އެ އުޅެނީ އަހަންނަށް ތިންވަނަ ޓެސްޓު ދޭން ހެއްޔެވެ؟
"ނަންބަރު ހޯދަން ޖެހޭނީ،" އަހަރެން ބުނީމެވެ.
"އެ ކަމާ އުޅެލާނަން."
އަހަރެން އެ ކަމަކާ ނޫޅެމެވެ. ކޯޗަކަށް ނުވެސް ގުޅަމެވެ. ދައްތަ ދިޔުމުން ޒަލަފް ވެސް އެ ކަމަކާ ނޫޅޭނެއޭ ހިތަށް އެރިއެވެ. ކަންތައްވީ ދިމާ އިދިކޮޅަށެވެ.
"ކީކޭ އޭނަ ބުނީ؟" ނިދަން އޮވެފައި ޒަލަފް އެހިއެވެ.
"ކާކު؟" އަހަރެން ނޭނގޭ ކަމަށް ހެދުނީމެވެ.
"ކޯޗު!" ޒަލަފް ރާގެއް ލައިފައި ބުންޏެވެ. "ދީމާގެ ސްވީޓްހާޓް!"
ޒަލަފް އެހެން ބުނީ ސަމާސަޔަކަށެވެ. އަހަރެން ދުށީ އެ ގޮތަށެވެ. އަހަރެންގެ ހިތުގަ އޮތް އެއްޗެއް، އަހަންނަށް ފެންނަ ހުވަފެންތަކެއް ޒަލަފަކަށް ނޭނގޭނެއެވެ.
"އަދި ނޫޅެން އެ ކަމަކާ!" އަހަރެން ބުނީމެވެ.
"ނޫޅޭނެ!" ޒަލަފް ހިތްހަމަނުޖެހިފައި ބުންޏެވެ.
"އަހަރެން ރަނގަޅު ވެދާނެއްނު! ދީމާ ބޭނުމެއް ނުވާނެ އަހަރެން ރަނގަޅުވާކަށް. އެނގެޔޭ އެ ކަން. ތި އުޅެނީ އަހަރެން މަރާލާފަ ގޯތި ކަޓުވާލަންތަ؟"
ތޫނު ތީރުތަކެއް ފަދައިން އެ ލަފުޒުތައް ވެސް އަހަރެންގެ ހިތަށް ހެރުނެވެ. ހިތް ފޫއަޅުވައިލިއެވެ. އެހެނަސް، އަހަރެން ހެދީ އެހެންޏާ ވެސް ހަދާ ގޮތެވެ. އިވުނު ކަމަށް ނެހެދީއެވެ. ތަދު އޮއްބައިލީއެވެ. ފިކުރު ކުރަން އިތުރު ކަމެއް އަނެއްކާ ވެސް ކޮނޑުމަތީގައި ބެހެއްޓީއެވެ.
"ހަމަ އަސްލު ވެސް ނަންބަރު ހޯދަންވީތަ؟" އަހަރެން ޔަގީން ކުރީމެވެ.
"ފައިނަލް ޓެސްޓު!" މާނައިން ފުރިގެންވާ ރާގަކަށް ޒަލަފް ބުންޏެވެ.
އަބަދު ވެސް ޒަލަފް ހަދާނީ އެހެންނެވެ. ދެން އަހަރެން ޖެހޭނީ ވިސްނާށެވެ. އެ އުޅެނީ އަހަންނަށް ކިހިނެއް ހަދަން ހެއްޔެވެ؟ އެ ފިކުރު ވެސް ނަގައި ކޮނޑަށްލީމެވެ. އެކަމަކު އެ މަޅިއަކަށް ނުމެހޭނަމޭ ހިތަށް އެރިއެވެ. ކޮންމެ ދުވަހަކު ޒަލަފް ސުވާލު ކުރެއެވެ. ނަންބަރު ލިބިއްޖެތޯ އަހައެވެ. އެއީ މައްސަލައެކެވެ. ބަލިން ރަނގަޅުވާން ޒަލަފް ކުއްލިއަކަށް ޝައުގުވެރިވީ ކީއްވެގެން ހެއްޔެވެ؟ އެ ކަމާ ވިސްނަން އިންދައި ނަބާހާ ގުޅިއެވެ.
"ކިހިނެއް ހަދައިގެން ތި އުޅެނީ؟" ފުރަތަމަ ވެސް ނަބާހާ އެހީ އެހެންނެވެ.
"މާނައަކީ؟" އަހަރެން އެހީމެވެ.
"ކޯޗުގެ ނަންބަރު ހޯދަން ޒަލަފް ގުޅައިފި. ޒަލަފްގެ ދައްތަ ގުޅައިފި،" ނަބާހާ ބުންޏެވެ.
"ބުނީ ދީމާ ގާތުގަ ބުނެގެން އުޅޭތާ ކިތަންމެ ދުވަހެކޯ! އެހެން ބުނާ އިރަށް އަހަރެންގެ ބޮލުގަ ރިއްސާލައިފި.
"އަހަންނަށް އެނގޭ ދީމާ އަތުގަ ކޯޗުގެ ނަންބަރު އޮންނާނެކަން. ކޮބާ މައްސަލައަކީ؟"
"ޒަލަފްގެ ޝައްކުބަލި!" އަހަރެން ބުނީމެވެ. "މޫދުކުލާސް ވެސް ޒަލަފް ހުއްޓުވައިލީނު. ދެން ދިމާވީ ކުޑައިގެ މައްސަލަ. އޭނަ އަސްލު އެ އުޅެނީ ކޯޗު ގެނެސްގެން އަހަރެން ކުރިމަތީގަ ކޮންމެވެސް ޑުރާމާއެއް ކުޅެން. މިޔޮއް ހުރިހާ ދުވަހު އޭނަ ބޭހެއް ކެއިކީ ނޫން. ފިޒިޔޯ އަށް ދިޔައީކީ ނޫން. މިހާރު ބުނެފިޔޭ ފައިނަލް ޓެސްޓޯ ވެސް. އަހަރެން ބޭނުމެއް ނޫން ޒަލަފަށް އެ ޗާންސް ދޭކަށް."
އެންމެ ބޮޑު މައްސަލަ އަހަރެން ނަބާހާއަށް ސިއްރު ކުރީމެވެ. މައްސަލައަކީ ކޯޗާއި އަހަންނާ ދެމެދުގައި އޮތް ހުވަފެނީ ގުޅުމެވެ. ކޯޗު ކުރިމައްޗަށް އަރަން އަހަރެން ހަމަ ޖެހިލުން ވަނީއެވެ. އަމިއްލަ ނަފުސަށް އަހަރެންގެ އިތުބާރު ނެތީއެވެ.
"ތި ވެދާނެ ދީމާގެ ޝައްކުބައްޔަށް ވެސް،" ނަބާހާ އަށް އަހަރެންގެ ބަހަނާ ގަބޫލެއް ނުކުރެވުނެވެ.
"ކޯޗު އަންނަނީ ދީމާ ގައިގަ ވެލިމޮޑޭކަށް ނޫނެއްނު! އަހަންނަށް ފެނޭ ކޯޗުގެ ހެލްޕު ހޯދަން."
ދެކޮޅަށް އަހަރެން ވަރަށް ގިނަ ވާހަކަ ދެއްކީމެވެ. ސާޅީސް ފަސް މިނެޓަށް ކޯލު ދެމިގެންދިޔަ އިރު ވެސް ނަބާހާގެ ވިސްނުން ބަދަލެއް ނުކުރެވުނެވެ.
"މިރޭ ކޯޗު ފޮނުވާނަން ތި ގެއަށް." އެހެން ބުނެފައި ނަބާހާ ފޯނުކަނޑައިލިއެވެ. (ނުނިމޭ)
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.