Roadha Mihaaru
އަހަރެން ގެއްލުވައިލީ އަހަންނެވެ.

އަހަރެން ގެއްލުވައިލީ އަހަންނެވެ.

27 އޮކްޓޯބަރ 2024

(ބުދަ ދުވަހާ ގުޅޭ)

ބިންމާ އިބްރާހިމް ވަހީދު ބިންމާ އިބްރާހިމް ވަހީދު

(ބުދަ ދުވަހާ ގުޅޭ)

"އޭނަ ހިތަކަށް ނާރާނެ ތިހެނެއް." ބޭއިހުތިޔާރުގައި އަހަންނަށް ބުނެވުނެވެ.

"އޭނ؟" ޒަލަފް އެހިއެވެ.

އަހަންނަށް ބުނެވުނީ ބުނަން ނުވާ ކަހަލަ އެއްޗެކެވެ. އެހެނަސް، ބުނެވިއްޖެއެވެ. އޮޅުވައިލަން ހިތަށް އެރިއެވެ. ދޮގު ހަދަން ވެސް ހިތަށް އެރިއެވެ. އެހެނަސް ކީއްވެގެން ކަމެއް ނޭނގެއެވެ. ހަގީގަތާ ކުރިމަތިލާނެ ކުޑަ ހިތްވަރެއް އަހަންނަށް ލިބުނެވެ. އެއީ އެހެންޏާ ނުވާ ގޮތެކެވެ.

"އޭނަ ހިތަކަށް ނާރާނޭ ތިހެނެއް؟" އަޑަށް ބާރުލައިފައި ޒަލަފް ބުންޏެވެ. "އެހެންތަ ތި ބުނީ؟"

"އާނ! އެހެން މި ބުނީ،" އަހަރެން ބޭނުންވީ ކުރިމަތިލާށެވެ. "އެންމެން އެއްގޮތަކަށް ވިސްނާކަށް ނުޖެހޭނެ. އަހަންނަށް ފެނޭ ޒަލަފް ވެސް ތަންކޮޅެއް ނައިސްކޮށް ވިސްނަން. އެއްވެސް އަގެއް ނުކިޔާ، ހިލޭސާބަހަށް މީހަކު ކަމެއް ކޮށްދޭ އިރު ތިހެނެއް ނޫން ކަންތައް ކުރާނީ."

ފުރަތަމަ ފަހަރަށް އަހަރެން ޒަލަފަށް ވިސްނައިދިނީމެވެ.

"އަސްތާ!" ޒަލަފް ހައިރާންވެފައި ބުންޏެވެ. "މިހާރު އަހަންނަށް ނަސޭހަތްދޭ ހިސާބަށް ދިޔައީ؟ ހާދަހާ ކުރިއަކަށޭ ތި ޖައްސާލީ. ފިރިމީހާގެ މޫނުމަތީގައި ތި ފާޑަށް ޒުވާބު ކުރާކަށް ލަދެއް ނުގަނޭ؟"

ދެން އަހަރެން އެއްޗެއް ނުބުނަމެވެ. އެކަމަކު ހިތަށް އެރިއެވެ. ކޯޗު ދިފާއު ކުރާނެ ހިތްވަރު އަހަންނަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އޭނައަކީ އަހަރެންގެ ކާކު ހެއްޔެވެ؟ ގެއަށް ދެވެންދެން ވެސް އަހަރެން ވިސްނީ އެ ކަމާއެވެ. އަހަންނަށް އެނގެއެވެ. މައްސަލަ އަދި އެ ހިސާބަކުން ނުނިމޭނެއެވެ. އަހަރެންނަށް ކުރެވުނީ "ނުފުއްސަވާ ވަރުގެ" ފާފައެކެވެ.

އަހަރެން ޒުވާބުކުރި ވާހަކަ މައިދައިތަ ގާތުގައި ޒަލަފް ބުންޏެވެ. ހީވީ ކުޑަކުއްޖަކު އޭނަގެ މަންމަ ކައިރީގައި ޝަކުވާ ކުރާ ހެންނެވެ. މައިދައިތަ ވަގުތުން ޒަލަފް ކޮޅަށް ޖެހިލާފައި، މިހާރުގެ އަންހެނުންގެ ވިޔާނުދާ ވާހަކަ ދައްކަން ފެށިއެވެ. އަހަރެން އިވޭ ކަމަށް ވެސް ނަހަދަމެވެ. ހިތާހިތުން ކޯޗަށް ޝުކުރު އަދާކޮށްލަކޮށްލާ ހުރީއެވެ. އަހަރެންގެ ދިރިއުޅުން ކީއްކުރަން ހެއްޔެވެ؟ ހުވަފެނަށް އައުމާ އެކު ވެސް އަހަންނަށް ހިތްވަރު ލިބިއްޖެއެވެ. ހީކޮށްގެން ހުރީ ކޯޗު އަހަންނަށް ގުޅާނެ ކަމަށެވެ. އަހަރެން ހުރީ އެ ކަމަށް ތައްޔާރު ވެގެންނެވެ. ފޯނުގެ އަޑު ކަނޑައިލައިގެންނެވެ. އެއީ ހަމަ ނަސީބެކެވެ.

ރޭގަނޑު ނުވަގަޑި ބައިވާން އުޅެނިކޮށް ކޯޗު ގުޅިއެވެ. އަހަރެން ފޯނު ހިފައިގެން ދުރަށް ޖެހިލީމެވެ. އޭނަ ވާހަކަ ފެށީ ވަރަށް ދުރުންނެވެ.

"ޒަލަފްގެ ފޯނު އެންގޭޖުވެފަ ހުރީމަ ތި ނަންބަރަށް މި ގުޅާލީ،" ކޯޗު ބުންޏެވެ. "އޭނަ އޯކޭތަ؟"

ހަގީގަތުގައި ޒަލަފްގެ ފޯނަށް ކޯޗު ގުޅި ހެއްޔެވެ؟ އަހަންނަކަށް ޔަގީނެއް ނޫނެވެ. އަނެއްކޮޅުން ޒަލަފް އޯކޭތޯ ބަލަނީ ކީއްކުރަން ހެއްޔެވެ؟ ކަސްރަތު ފެށުނީކީ ވެސް ނޫނެވެ.

"އާނ!" އަހަރެން އެހައި ކުރު ޖަވާބެއް ދިނީ ވަކި ބޭނުމަކުއެވެ.

"މާދަމާ ވެސް ޖެހޭނެ މި ކަން ބާއްވަން،" ކޯޗު ބުނީ ކޮންމެހެން ބުނަން މުހިންމު އެއްޗެއް ނޫނެވެ. "ހަމަ އެ ތަނުގަ އެ ގަޑީގަ."

"އޯކޭ!" އަނެއްކާ ވެސް އަހަރެން ދިނީ ކުރު ޖަވާބެކެވެ.

ކޯޗު އުޅުނީ ވާހަކައެއް ފެށޭތޯއެވެ. އެ ކަން ނުވާން ފެށުމުން އޭނަ އަށް އުނދަގޫވިއެވެ. އެއްޗެއް ނުބުނެވި އިރުކޮޅެއް ދިޔައެވެ. އަހަރެން ނޭނގިފައި ހުރީމެވެ. ހިނިގަނޑު އެތެރެއަށް ހިންދައިލައިގެންނެވެ. އެ ވަގުތު މައިދައިތަ ގޮވަން ފެށުމުން ފޯނުކޯލު ނިންމައިލީމެވެ. ހިތް ބުންޏެވެ. ކޯޗު ހިތަށް އަރާނެއެވެ. އޭނަޔާ ވާހަކަ ދައްކާކަށް އަހަރެން ހަމަ އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. އެހެންވެ ފޯނު ބޭއްވީއެވެ. ހަގީގަތަކީ ދިމާ އިދިކޮޅެވެ. ވަރަށް ގިނަ ސުވާލުކުރަން އަހަރެން ބޭނުމެވެ. ކޯޗުގެ އަނބިމީހާޔާ ބެހޭ ގޮތުންނެވެ. އެ ކަމުގެ ހަގީގަތް އަހަންނަށް އެނގެން އެބަ ޖެހެއެވެ. އަހަރެން ނުވެސް އެދެނީސް ޒަލަފް އަށް އެހީވާން ކޯޗު އައި ސަބަބު ވެސް އޮޅުންފިލުވައިލާ ހިތްވެއެވެ. އަހަންނާ ދޭތެރޭ ކޯޗު ދެކޭ ގޮތް ވެސް އަހައިލަން ބޭނުމެވެ. އަހާނަމެކޭ ނޫނެވެ.

އަނެއްކާ ވެސް ކޯޗު ގުޅިއެވެ. އޭރު އަހަރެން ހުރީ، ކައި ނިންމައިފައި ތަށިތައް ނަގާށެވެ. ދެން ވެސް ކޯޗު ދައްކަން ފެށީ، އެ ވަގުތަށް އެއްވެސް މުހިންމު ވާހަކައެއް ނޫނެވެ. ކަސްރަތު ކުރަން ފެށުމުން ޒަލަފް ރަނގަޅުވާން ފުރަތަމަ ފަށާނީ ކޮން ދިމާއަކުން ކަމާއި މޫސުން ގޯސްވެގެން ކަސްރަތުކުރަން ނާދެވިއްޖެ ނަމަ ދެން ކުރާނީ ކީއްކަމާއި އެހެން ކޯޗަކު ހޯދަން ބޭނުމިއްޔާ ދެން ކަންތައް ކުރާނީ ކިހިނެއް ކަމެވެ. އެއީ ކޮން ހައި ބޭކާރު ހާސަރުތަކެއް ހެއްޔެވެ؟

"އަސްލު ކީއްކުރަން ތި ގުޅާލީ؟" އަހަރެން ވަރަށް ސީދާކޮށް އެހީމެވެ.

ކޯޗު ހުރީ އެ ފަދަ ސުވާލަކަށް ތައްޔާރު ވެގެނެއް ނޫނެވެ. އޭނަ ވަގުތުން އަނގަ ބެދުނެވެ. އެ ހަމަހިމޭންކަން އަހަރެން ގަސްތުގައި ދަންމައިލީމެވެ. ކޯޗުގެ ނުތަނަވަސްކަން ބޮޑުކޮށްލުމަށް ޓަކައެވެ.

"ޖަވާބު ދޭން އެއް މިނެޓު ދެވޭނީ،" އަހަރެން ބުނީމެވެ. "ދެން މި ރެއަކު އަހަންނަކާ ނުގުޅޭނެ."

"ޓައިމަރު ޖެއްސީ ދޯ؟" ހީނގެންފައި ކޯޗު ބުންޏެވެ. "އަނެއްހެން މާ މުހިންމު ވާހަކައެއް ދައްކާކަށް ނޫން މި ގުޅީ. މިއަދު ހަސްބަންޑު ކަންތައް ކުރި ގޮތުން..."

"ކީއްވެގެންތަ އޭނަ އެހެން އުޅުނީ؟" ލިބުނު ފުރުސަތުގައި އަހަރެން އެހީމެވެ. "އެ ވާހަކަ އަހާލަން ބޭނުން އަހަރެން ވެސް. ވަރަށް ލަދު ވެސް ގަތް."

"އެހެންވީމަ އަހަރުމެން ދެ މީހުން ވެސް އެއް ޕޭޖެއްގަތާ މި އުޅެނީ. ކިޔައިދޭކަށް އެހައި ފަސޭހައެއް ނޫން އެކަމަކު މި ކިޔައި ދެނީ ވާ ގޮތް،" ކޯޗު އޮޅުންފިލުވައިދިނެވެ. "ހަސްބަންޑު އެ ބުނަނީ ތީ ހަސްބަންޑުގެ.. ކީކޭ ބުނާނީ.. މިލްކެކޭ! ވިސްނިއްޖެތަ މި ބުނާ އެއްޗެއް؟"

އަހަރެން ވަރަށް ހައިރާންވިއެވެ. އަންބަކަށް ވުމުން ދެން އިތުރަށް ފިރިމީހާ ސާބިތުކޮށްދޭން ޖެހޭ މިލްކުވެރިކަމެއް އޮންނާނެ ހެއްޔެވެ؟ އެހެނަސް އެ މައުލޫގެ އިތުރު ފަށެއް ނިއުޅައިލާ ހިތްވިއެވެ. ކޯޗާ ދިމާއަށް އަހަރެންގެ ހިތް ލެނބެމުންދިޔައީ ވައި ގަދަ ވަގުތެއްގައި އޮނުގަހެއް ލެނބޭ މިސާލުގައެވެ.

"ހަސްބަންޑު އެ ބުނަނީއޭ؟" އަހަރެން ސުވާލުކުރީމެވެ. "އެ ތާ ނެތެއްނު އެހެން މީހެއް. ދެން ކާކު ކައިރީގަ ބުނާނީ؟"

"އަހަރެން ކައިރީގަ." ކޯޗު ބުންޏެވެ.

އަހަންނަށް ހުޅުވައިލެވުނީ ހަޔާތުގެ އާ ބާބެކެވެ. ހިތުގައި ފޮރުވައިގެން އުޅުނު ސިއްރު، އަހަރެންގެ ބާރަކާ ނުލައި، މީރު ވަހެއްހެން ފެތުރެން ފެށީއެވެ. އަހަންނަށް އިންކާރު ކުރެވުނީހެވެ. އެ ކަމާ ހައިރާން ވެސް ވެވުނީހެވެ. އެކަމަކު ނުވަމެވެ. އެ އިން ކޯޗު ނަގާނެ މާނައެއް ނަގަން ދޫކޮށްލީއެވެ. ކޯޗަކީ، ހިކިފައިވާ އަހަރެންގެ އަރުތެރެއަށް ފާއްދައިލި ފެންފޮދެއް ފަދައެވެ. ދިރުވަން ކިތަންމެ އުނދަގޫވިޔަސް، ދިރުވޭތޯ މަސައްކަތް ނުކުރަންވީ ސަބަބެއް ނެތެވެ.

ފަލީހަތާއި ހިތްދަތިކަމުގެ ދުނިޔެ އެކަކަށް ވެސް މަގުބޫލެއް ނުވާނެއެވެ. އަހަންނަށް އިރުއަރައި އޮއްސެނީ ހިނިތުންވެލަން ބަހަނާއެއް ނުލިބިއެވެ. ވަރުބަލި ހިތަށް ފަރުވާއެއް ނުލިބިއެވެ. އަހަންނަށް ކެތްކުރެވިއްޖެއެވެ. މަރަށް ތެޅެވިއްޖެއެވެ. ނޭވާލުމަކީ ކޮންމެ އިންސާނެއްގެ ވެސް އަސާސީ ހައްގަކަށް ވާ އިރު، އަހަރެން ވެސް އެ ހައްގު ނުހޯދަންވީ ކީއްވެގެން ހެއްޔެވެ؟

ވަގުތެއް ލިބުމުން އަހަރެން ކޯޗަށް ގުޅައިލަމެވެ. ހިތްހަމަޖެހެންދެން ވާހަކަ ދައްކަމެވެ. އެކަމަކު ދުވަހަކު ވެސް ލޯބީގެ ވާހަކައެއް ނުދައްކަމެވެ. ޒަލަފް ގޮވައިގެން ކަސްރަތު ކުރަން ބަރާބަރަށް ދަމެވެ. ޒަލަފްގެ މިޒާޖަކަށް ކުޑަ ވެސް ބަދަލެއް ނާދެއެވެ. ކުރެވުނު ހުރިހައި ޖެއްސުމެއް އަހަންނަށް ކުރިއެވެ. އަހަރެން ވަރުބައްޔެއް ނުވިއެވެ. ކޯޗު ވެސް ވަރުބައްޔެއް ނުވިއެވެ. ކޯޗުގެ ހިތެއް އަހަންނަކަށް ދަހެއް ވެސް ނުމެވިއެވެ. ބައެއް ފަހަރު ހީވެއެވެ. އެ ހިތުގައި ލޯބީގެ ކުލަޖެހިއްޖެއެވެ. އަނެއްބައި ފަހަރު ހީވެއެވެ. އެއީ ކުލުނެވެ. ރަހުމަތްތެރިކަން ނޫން އެހެން އެއްޗެއް އެ ހިތަކު ނެތެވެ. އެ ވަރުން ވެސް، ކަސްރަތު ހުއްޓައިލާކަށް އަހަރެން ނުބުނަމެވެ. ކިތަންމެ ބޭކާރުހެން ހީވިޔަސް، ޒައްރެއްގެ މިންވަރު ރަނގަޅު ނުވިޔަސް ވެހެވެ. ކޯޗު ފެނުމަކީ އަހަންނަށް ލިބޭ ހިތްހަމަޖެހުމަކަށް ވީތީއެވެ.

އެއްދުވަހަކު ކަސްރަތަށް ދާން ތައްޔާރުވަނިކޮށް ކޯޗުގެ މެސެޖެއް ޒަލަފަށް ލިބުނެވެ. "މިއަދު ކެންސަލުކޮށްލާ އިނގޭ!" އެ މެސެޖުގައި އޮތެވެ. "ސޮރީ!"

ޒަލަފް ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

"މިހާ ގަޑި ކައިރިވީމަތަ ކެންސަލުކުރަންވީ؟" ޒަލަފް ބުންޏެވެ. "ޑިސިޕްލިންގެ ކަންފުޅެއް ވެސް ނެތް."

އަހަންނަށް އެއްޗެއް ނުބުނެވުނީ ހަމަ ކިރިޔާއެވެ. އެންމެ ފަހަރަކު ކޯޗު ކަސްރަތު ކެންސަލުކޮށްލުމުން ޒަލަފް އެހައި ރުޅިއައި އިރު، ކޮންމެ ދުވަހަކު ޒަލަފް ކަންތައް ކުރާ ގޮތް ހަނދާން ނެތުނީ ކީއްވެގެން ހެއްޔެވެ؟

"ދެން މިއަދު އަހަރުމެން ދެ މީހުން ހިނގާލަންދަމާ!" އަހަރެން ބުނީމެވެ.

"ކުރާނެ ކަންތައް ހުސްވެގެންތަ މި އުޅެނީ؟" މަލާމާތުގެ ރާގަކަށް ޒަލަފް ބުންޏެވެ.

ޖެހިގެން އައި ދުވަހު ވެސް ކޯޗުގެ މެސެޖު އައެވެ. ތިންވަނަ ދުވަހު އައީ ވަރަށް އެހެން ކަހަލަ މެސެޖެކެވެ.

"ކުޑަ ބްރޭކެއް ނަގަން އެބަ ޖެހޭ،" އެ މެސެޖުގައި އޮތެވެ. "ކުޑަކޮށް ރޯގާޖެހިގެން މި އުޅެނީ."

"ވަރުބަލިވީ!" ވަރަށް އުފާވެފައި ޒަލަފް ބުންޏެވެ. "ވަރުބަލިވީ! ވަރުބަލިވީ!"

އެއީ އުފާވާންޖެހޭ ކަމެއްހެއްޔެވެ؟ ޒަލަފް ބޭނުންވަނީ އުމުރު ދުވަހު އެ ހާލުގައި އުޅެން ހެއްޔެވެ؟ ހިތަށް އެރިއެވެ. ރަނގަޅުވާނީ އެއްވެސް އެއްޗެއް ނުބުނިއްޔާއެވެ. އެކަމަކު، ކޯޗަށް ވީ ކިހިނެއް ހެއްޔެވެ؟ ރޯގާ ޖެހުނެކޭ ކިޔައިފައި އޭނަ ނައިހެއް ނުހުންނާނެއެވެ. ކޯޗަކީ އެ އަށް ވުރެ މާ މުރާލި، ހީވާގި މީހެކެވެ. ކޮންމެވެސް ބޮޑު ކަމެއް ވީއެވެ. އަހަރެން މެސެޖެއް ފޮނުވައިލީމެވެ.

"ފޫހިވީތަ؟" އަހަރެން މެސެޖުގައި ލިޔުނީމެވެ.

ޖަވާބެއް ނައެވެ. ނަބާހާ އަށް ގުޅީމެވެ. ވެގެން އުޅޭ ގޮތެއް އޭނައަކަށް ވެސް ނޭނގެއެވެ. ދެން އަހަރެން އަހާނެ އެހެން މީހަކު ނެތެވެ. އެއް ދުވަސް ވީ އިރު ވެސް މެސެޖުގެ ޖަވާބު ނައުމުން އަނެއްކާ ވެސް މެސެޖެއް ފޮނުވީމެވެ.

"އާ ޔޫ އޯކޭ؟" މެސެޖުގައި ލިޔުނީމެވެ.

"ނޯ!" ވަގުތުން ޖަވާބު އައެވެ. "އެކަމަކު މާދަމާ އަލުން ފަށަމާ ހިނގާ!"

ޖެހިގެން އައި ދުވަހު ކަސްރަތު ފެށުނެވެ. އަހަންނަށް ފެނުނީ ކުރީގެ ކޯޗެއް ނޫނެވެ. އޭނަ އައީ އެހެން މުވައްޒަފަކު ވެސް ގޮވައިގެންނެވެ. ކުރަންވީ ކަންތައް ކިޔައިދީފައި ކޯޗު އިންނަނީ ތަންކޮޅެއް ދުރުގައެވެ. އެހައި ދުރުން އުޅޭތީ ކައިރި އަށް ގޮސް ވާހަކަ ދައްކާކަށް އަހަންނަކަށް ނުކެރުނެވެ.

"ވެގެން އުޅޭ ގޮތް ޝެއާ ކޮށްލަފާނަން؟" ލިބުނު ދަނޑިވަޅެއްގައި އަހަރެން މެސެޖެއް ފޮނުވީމެވެ.

"ކުދިން ގޮވައިގެން އެކްސް ފުރައިފި." ވަގުތުން ޖަވާބުއައެވެ. (ނުނިމޭ)