Roadha Mihaaru
ފ. އަތޮޅުން މީހުނެއް ނުބާލާނެ: ޚަލީލު

ފ. އަތޮޅުގައި ބިޔަ ދެ މަޝްރޫއެއް ހިންގިޔަސް މީހުނެއް ނުބާލާނެ: ޚަލީލް

22 ފެބުރުއަރީ 2017

ފ. އަތޮޅުގައި ސަރުކާރުން ހިންގަން އުޅެނީ ރާއްޖެ ދުވަހަކު ވެސް ނުދެކޭ ފަދަ ތަރައްގީގެ ބިޔަ މަޝްރޫއެއް ކަމަށާއި އެހެން ވިޔަސް އެ އަތޮޅުން މީހުން ނުބާލާނެ ކަމަށް ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފ. އަތޮޅުގައި ސަރުކާރުން ހިންގަން އުޅެނީ ރާއްޖެ ދުވަހަކު ވެސް ނުދެކޭ ފަދަ ތަރައްގީގެ ބިޔަ މަޝްރޫއެއް ކަމަށާއި އެހެން ވިޔަސް އެ އަތޮޅުން މީހުން ނުބާލާނެ ކަމަށް ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ އިސް ފަރާތްތަކަކަށް ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ އަޑު ފެތުރިފައި ވަނިކޮށް، ހަލީލް އޭނާގެ ފޭސްބުކްގައި ވިދާޅުވީ އެ އަތޮޅަށް ކަނޑައަޅާފައިވާ މަޝްރޫއު ކުރިއަށް ގެންދިޔަސް އެތަން އޮންނާނީ މިހާރެކޭ އެއްގޮތަށް ރާއްޖޭގެ ސިޔާދަތުގެ ދަށުގައި ކަމަށެވެ. އަދި އެތަނުގައި ހިނގާނީ ރާއްޖޭގެ ގާނޫނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ އަތޮޅު ނުވަތަ އަތޮޅުގެ ބައެއް ނުވަތަ ރަށެއް ވިޔަސް ނުވިއްކާނެ ކަމަށް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

"އޮންނާނީ ރާއްޖޭގެ ވެރިކަމުގެ ދަށުގައި، ރާއްޖޭގެ ބައެއްގެ ގޮތުގައި. ފ. އަތޮޅުގެ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމުގަ ފ. އަތޮޅުގައި ދިރިއުޅެވޭނެ،" އެ މަޝްރޫއުގެ ތަފްސީލް ނުދެއްވައި ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގައުމަށް ތަރައްގީ އަންނަން ބޭނުން ނުވާނީ، ވެރިކަމަށް ދަހިވެތިވާ ހަސަދަވެރިންނެވެ.

ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަންނަ މަހު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، ފ. އަތޮޅު ވިއްކާލަން އަޑުފެތުރިފައިވާތީ، އެކަން ރައްޔިތުންނަށް ސާފުކޮށްދޭން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވެސް ވަނީ ގޮވާލައިފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ލިއުންތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ފ. އަތޮޅުން ބައެއް ސައޫދީ އަރަބިއްޔާ އަށް ވިއްކާލާ މަޝްރޫއު ޕްލޭންކޮށްފައި އޮތީ، ރައްޔިތުންނަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށެވެ.

ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ފަތުރާ މައުލޫމާތުތަކާ ގުޅިގެން ސަރުކާރުން ރަސްމީކޮށް މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ އަތޮޅު ވިއްކާނުލުމަށް އިދިކޮޅު ޕާޓީތަކުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއޫގެ ތަފްސީލެއް ނުދެއްވަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއާއެކު އެ އަތޮޅު މުޅި ދުނިޔެ އަށް ހުޅުވާލެވި، ވަރަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ އެވެ. މުޅި ދުނިޔޭގައި ވެސް އިންޓަގްރޭޓަޑް ޓޫރިޒަމްގެ ގޮތުގައި އޮތީ ވަރަށް މަދު ތަނެއް ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ފ. އަތޮޅަށް އެފަދަ ތަރައްގީއެއް ގެނައުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.