Roadha Mihaaru
މޫސުމީ ގެއްލުމުން އަރައިގަންނަން މަސައްކަތްކުރަން ޖެހޭ

މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ: ޣައްސާން

16 އޮކްޓޯބަރ 2024

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހުރިހާ ގައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ފިލިޕީންސްގެ މެނީލާގައި މިހާރު ކުރިއަށް ގެންދާ "ޑިޒާސްޓާ ރިސްކް ރިޑަކްޝަން އޭޝިއާ ޕެސިފިކް މިނިސްޓީރިއަލް ކޮންފަރެންސް" ގައި މިނިސްޓަރު ޣައްސާން ވިދާޅުވީ، ރާއްޖެ ފަދަ ކުދި ގައުމުތަކަށް މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ބޮޑު ކަމަށެވެ.

އެފަދަ ކަންކަމުން ރައްކާތެރިވުމަށް ރާއްޖެ އިން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުދި ގައުމުތަކާ އެކު، ބޮޑެތި ގައުމުތައް ވެސް ބައިވެރިވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެއް ގައުމު އަނެއް ގައުމަށް ދިމާވާ މޫސުމީ ކަންކަމުގައި އެހީތެރިވުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށް އެ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވި އެވެ.

ރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި ޣައްސާން ވަނީ ފަސް އަހަރުގެ ގައުމީ ޕްލޭން "ނޭޝަނަލް ޑިޒާސްޓާ ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" އަންނަ މަހު އިފުތިތާހު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެއަކީ އދ. ގެ "އާލީ ވޯނިން ފޯ އޯލް އިނީޝިއޭޓިވް" ގައި ބައިވެރިވެރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އޭގެ މަގުސަދު ހާސިލް ކުރުމަށް ރޯޑު މެޕެއް އެކުލަވާލައި، އެ ތަންފީޒުކުރަން ފެށި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.