Roadha Mihaaru
ސަސް އެކަޑަމީގެ ހާއްސަ ޓްރެއިނިން ގެންދާނީ އާތީ

ސަސް އެކަޑަމީގެ ހާއްސަ ޓްރެއިނިން ގެންދާނީ އާތީ

29 އޮކްޓޯބަރ 2024

ތައިލެންޑުގައި އަންނަ މަހު ބާއްވާ ލަލީގާ ޔޫތު މުބާރާތުގައި ވާދަކުރާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެކަޑަމީ ޓީމުގެ ވަރުގަދަ ޓްރޭނިންތަކެއް ގެންދަން ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފު (އާތީ) އާ ހަވާލުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ތައިލެންޑުގައި އަންނަ މަހު ބާއްވާ ލަލީގާ ޔޫތު މުބާރާތުގައި ވާދަކުރާ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެކަޑަމީ ޓީމުގެ ވަރުގަދަ ޓްރޭނިންތަކެއް ގެންދަން ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފު (އާތީ) އާ ހަވާލުކޮށްފި އެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކޯޗުކޮށް ދިން އާތީއާ، ސަސްގެ ޓީމު ހަވާލު ކުރީ އެއް މަސް ދުވަހުގެ ޓްރޭނިންތަކެއް ގެންދިއުމަށެވެ.

"ލަލީގާ މުބާރާތުގެ ތައްޓަށް އަމާޒުކޮށްގެން އެއް މަސް ދުވަހުގެ ހައި އިންޓެންސިޓީ ޓްރޭނިންތަކެއް ކުރިއަށްގެންދަން އާތީ ކޯޗާ ހަވާލު ކުރީ،" ސަސްގެ އެކަޑަމީ އިސްކޮށް ހިންގާ ކޯޗު ފަރީދު މުހައްމަދު ބުންޏެވެ.

"ކުޅުންތެރިންގެ ހައި އިޓެންސިޓީ އަދި މޯޓިވޭޝަނަށް ވެސް އާތީ ކޯޗަކީ އެއް ވަނަ."

އަންނަ މަހު 20-26 އަށް ބާއްވާ މުބާރާތުގައި ދެ އުމުރުފުރާ އަކުން ސަސްގެ ހަތަރު ޓީމު ވާދަކުރާނެ އެވެ. އެއީ 10 އަހަރުންދަށުގެ ތިން ޓީމާއި 12 އަހަރުންދަށުގެ އެއް ޓީމެވެ.

ފަރީދު ބުނީ 10 އަހަރުންދަށުގެ ސްކޮޑަކީ ދުރުރާސްތާ ޕްލޭނެއްގެ ދަށުން ތައްޔާރު ކުރާ ޓީމެއް ކަމަށެވެ.

"ލޯންގް ޓާމް ޕްލޭނެއް ހަދައިގެން މި ފެށީ. ހާއްސަކޮށް މި ޓީމަށް [10 އަހަރުންދަށުގެ ކުޅުންތެރިންނަށް] އިރާދަކުރެއްވިއްޔާ ދިވެހިން އުފާވާ ފަދަ ކާމިޔާބެއް ހޯދައިދޭނެ،" ފަރީދު ބުންޏެވެ.

އޮގަސްޓް މަހު މެލޭޝިއާގައި ބޭއްވި ލަލީގާ މުބާރާތުގެ 16 އަހަރުންދަށުގެ ބައިން ފަރީދުގެ ކޯޗުކަމުގެ ދަށުން ސަސްގެ ޓީމު ވަނީ ތިން ވަނަ ހޯދައިފަ އެވެ.

ޑިސެމްބަރު މަހު ތައިލެންޑްގައި ބާއްވާ މުބާރާތެއްގައި ވެސް ސަސްގެ އެކަޑަމީ ދެ ޓީމަކުން ވާދަކުރާނެ އެވެ.