Roadha Mihaaru

އެއް މެޗު ބާކީއޮއްވައި ދިވެހި ޔޫތު ލީގުގެ 12 އަހަރުންދަށުގެ ތަށި ސަސް އަށް

އެއް މެޗު ބާކީ އޮއްވައި، ދިވެހި ޔޫތު ލީގުގެ 12 އަހަރުންދަށުގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ހޯދައިފި އެވެ.

12 އަހަރުންދަށުގެ ޗެމްޕިއަންކަން ސަސް އަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

22 ޖެނުއަރީ 2025

އެއް މެޗު ބާކީ އޮއްވައި، ދިވެހި ޔޫތު ލީގުގެ 12 އަހަރުންދަށުގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ހޯދައިފި އެވެ.

ތިން އުމުރުފުރައަށް ހާއްސަކޮށް މުޅިން އަލަށް ފެށި މުބާރާތަކީ މޯލްޑިވްސް ސޮކަ މޭޓްސް އާއި އެފްއޭއެމް ގުޅިގެން އެކަޑަމީތަކަށް ހާއްސަކޮށް ބާއްވާ މުބާރާތެވެ. މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ދީފައި ވަނީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށެވެ. އެ ފުރުސަތު ބޭނުން ކުރީ އެއްވަނަ ޑިވިޝަނުގެ ހަތް ޓީމަކުންނެވެ. އަށް ޓީމ ހަމަ ކުރުމުގެ ގޮތުން ކުރިން ފުރަތަމަ ޑިވިޝަނުގައި ވާދަ ކުރި ހުރިއްޔާ ސްޕޯޓްސް ކަލްބްގެ އެކަޑަމީ ޓީމަށް ފުރުސަތު ދިނެވެ.

މުބާރާތް ހާއްސަ ކުރީ 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުންދަށުގެ އުމުރުފުރާއަށެވެ. މިހާތަނަށް ޗެމްޕިއަން ޓީމު ކަށަވަރު ވީ 12 އަހަރުންދަށުގެ މުބާރާތުގައި އެކަންޏެވެ.

އެ އުމުރުފުރާގެ ޗެމްޕިއަންކަން ސަސް އިން ހޯދީ މިހާތަނަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށްގެންނެވެ. އެ ޓީމުން ޗެމްޕިއަންކަން ކަށަވަރު ކުރީ މިދިޔަ ހޮނިހިރު ދުވަހު ޓީސީގެ މައްޗަށް 3-0 ކުރި ހޯދައިގެންނެވެ.

ތާވަލުގެ ދެވަނައިގައި އޮތީ މާޒިޔާ އެވެ. ހަ މެޗު ކުޅެގެން އެ ޓީމަށް ހޯދިފައި ވަނީ 15 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ ވިކްޓަރީ އެވެ. އެ ކްލަބްގެ ނަމުގައި ވާދަކުރަނީ އެޑްވާންޗާ އެކަޑަމީ އެވެ. ވިކްޓަރީ އަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ.

ފަހު މެޗުގައި މާދަމާ ހަވީރު ސަސް އިން ނުކުންނާނީ ވިކްޓަރީއާ ދެކޮޅަށެވެ. ހެންވޭރު ދަނޑުގައި މެޗު ފަށާނީ ހަވީރު 3:45 ގަ އެވެ.

މިދިޔަ އަހަރު ނައިންޓީ ޕްލަސްއިން ބޭއްވި، ނައިންޓީ މިނެޓްސް އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން ވެސް ސަސްގެ 12 އަހަރުންދަށުގެ ޓީމުން ހޯދި އެވެ.