Roadha Mihaaru
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ

ޔުނައިޓެޑްގައި ކޮންމެވެސް ކަމެއް އެބަ އުނިވޭ، ސާބިތުކޮށްދޭން ބޭނުން: އަމޯރިމް

01 ނޮވެމްބަރ 2024

ލިޒްބަން (ނޮވެމްބަރު 1) – މެންޗެސްޓާ ޔުނައިޓެޑްގައި ކޮންމެވެސް ކަމެއް އެބަ އުނިވާ ކަމަށް، އެ ޓީމާ އަލަށް ހަވާލުވާ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ލިޒްބަން (ނޮވެމްބަރު 1) – މެންޗެސްޓާ ޔުނައިޓެޑްގައި ކޮންމެވެސް ކަމެއް އެބަ އުނިވާ ކަމަށް، އެ ޓީމާ އަލަށް ހަވާލުވާ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންގެ ކޯޗު ޔުނައިޓެޑާ ހަވާލު ވަނީ، މި މަހުގެ މެދުތެރޭގަ އެވެ. އޭނާގެ ފުރަތަމަ މެޗަކަށް ވާނީ މި މަހު 24 ގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅޭ މެޗެވެ.

ޔުނައިޓެޑާ އޭނާ ހަވާލުވާނީ، ސްޕޯޓިންގައި އޭނާއާ އެކު މަސައްކަތް ކުރާ ކޯޗިން ޓީމާ އެކު އެވެ. އޭނާ ބުނީ ރިސްކު އޮތް ނަމަވެސް ޔުނައިޓެޑްގެ ޗެލެންޖާ ހަވާލުވާން އޭނާ އާއި އޭނާގެ ކޯޗިން ޓީމުން ނިންމީ ކޮންމެވެސް ކަމެއް ސާބިތުކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

"ކޮންމެވެސް ކަމެއް (ޔުނައިޓެޑްގައި) އެބަ އުނިވޭ. އަހަރެމެން ބޭނުން ކޮންމެވެސް ކަމެއް ސާބިތުކޮށް ދޭން. ކުރިއަށް ފިޔަވަޅެއް އަޅަން އެބަޖެހޭ،" އޭނާ ބުންޏެވެ.

"އަހަރެމެންނަކަށް ނޭނގެ އަހަރެމެން ކުރިއަށް މިދަނީ ކޮން އެއްޗެއް އަހަރެމެންގެ އަތުގައި ހުރެގެން ކަމެއް. އެންމެންނަށް ވެސް އެ އިހްސާސް ކުރެވޭނެ. ކޯޗުން މި މަރުހަލާގެ ތެރޭގައި ކުރިއަށްދާނެ."

ޕްރިމިއާ ލީގުގައި އޭނާ އެންމެ ޝައުގުވެރިވާ ކަމަކީ ކޮބައިތޯ ސުވާލު ކުރުމުން އަމޯރިމް ބުނީ އެ ލީގުގެ ހުރިހާ ކަމަކަށް ވެސް އޭނާ ޝައުގުވެރިވާ ކަމަށެވެ.

ސްޕޯޓިންގެ ކޮންޓްރެކްޓްގައި ހުރި ކޯޗު ގެންދަން ޔުނައިޓެޑުން 11 މިލިއަން ޑޮލަރު ހޭދަ ކުރެ އެވެ. އެއީ އޭނާގެ ޓްރާންސްފާ ފީގެ ގޮތުގައި ސްޕޯޓިން އަށް ދޭން ޖެހޭ 10 މިލިއަން ޑޮލަރާއި 30 ދުވަހުގެ ނޯޓިސް ޕީރިއަޑް ކުރުކޮށްލުމަށް ދޭން ޖެހޭ އެއް މިލިއަން ޑޮލަރެވެ.

ސްޕޯޓިންގެ ކުރިއަށް އޮތް ހަތަރު މެޗުގައި އޭނާ އެ ޓީމަށް އިރުޝާދު ދޭނެ އެވެ. އޭގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު ވެސް ހިމެނެ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހަގް މިދިޔަ މަހު ވަކިކުރުމުން އެ ޓީމުގެ ވަގުތީ ކޯޗުކަން ކުރަނީ ކުރީގެ ފޯވާޑް ރޫޑް ވަން ނިސްޓެލްރޯއީ އެވެ.