Roadha Mihaaru
"ކައުންސިލް ބާރުވެރިކުރުވަން މިދަނީ އަމަލުދިމާކުރަމުން"

ކައުންސިލްތައް ބާރުވެރިކުރުވަން މިދަނީ އަމަލާއި ބަހާ ދިމާކުރަމުން: ރައީސް

02 ނޮވެމްބަރ 2024

ލޯކަލް ކައުންސިލްތައް ބާރުވެރިކޮށްގެން ކުރިއަށް ދިއުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި އެ ވައުދާ އެއްގޮތަށް ބަހާއި އަމަލު ދިމާކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ލޯކަލް ކައުންސިލްތައް ބާރުވެރިކޮށްގެން ކުރިއަށް ދިއުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި އެ ވައުދާ އެއްގޮތަށް ބަހާއި އަމަލު ދިމާކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މި ސަރުކާރުން ހަދާފައިވާ ކެޓް ޝެލްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ މާލޭ ސަރަހައްދުގައި ކެޓް ޝެލްޓާއެއް ހެދުމަކީ އެ މަނިކުފާނު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު ވެސް ކުރެއްވި މަސައްކަތްޕުޅެއް ކަމަށާއި އެކަމަކު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއްބާލުން ލިބިވަޑައިނުގެންނެވި ކަމަށެވެ.

އެހެންވެ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސްގެ މަގާމާ ހަވާލުވެވަޑައިގެން އެކަން މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ބޭނުންފުޅުވީ ވެސް އެ ސަބަބާ ހުރެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުން ބޭނުންވީ [އޭރުގެ] ސަރުކާރުން އިސްކަން ނުދީގެން އޭރު ނުކުރެވުނު ކަންތައް [މިހާރުގެ] ސަރުކާރުން އިސްކަންދީގެން ކައުންސިލު މެދުވެރިކޮށް ކުރެވޭނެ މަގު ހަމަޖައްސަން. އެހެންވެ ބިން ހަމަޖައްސައި ވަސީލަތްތައް ހަމަޖައްސައި ކައުންސިލާ މިކަން ހަވާލު ކުރެވުނީ،" ހުޅުމާލޭގައި ކެޓް ޝެލްޓާ ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު ބޭނުންވީ ކައުންސިލް ލައްވައި ކުރުވަން. އެއީ އަޅުގަނޑު އަމުދުން އުޅެއުޅެ އޭރުގެ ސަރުކާރުން ނުކޮށްދިނީތީ ވެސް ބޭނުންވީ ކައުންސިލް ލައްވާ ކުރުވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް ޕަސެންޓު ދޭނެ

ރައީސް މިއަދު ވިދާޅުވީ، ބްލޮކް ގްރާންޓުގެ ދަށުން ސަރުކާރުން ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފަސް ޕަސެންޓު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަމަށެވެ. އޭގެ އިތުރަށް ލޯކަލް ޓޫރިޒަމުން ވަކި ޕަސެންޓެއް ކައުންސިލުތަކަށް ދިނުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ފޮނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަދި އޭގެ އިތުރަށް ވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފުތާއެއް ދެ ހަފުތާއެއް ތެރޭގައި އިއުލާން ކުރާނަން ވަރަށް ބައިވަރު އަދި ވަރަށް މުހިންމު، ގާނޫނުގައި ލިޔެވިފައި ހުރި މިއަދާ ހަމައަށް ކައުންސިލްތަކާ ހަވާލުނުކޮށް ހުރި ކަންތައްތަކެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު ހިންގަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރަން އިސްކަންދޭނެ ސަރުކާރެއް ކަމަށެވެ. އެހެންވެ، ކައުންސިލްތަކުގައި ހުރި މައްސަލަތައް އަޑުއެއްސެވުމަށް އެ މަނިކުފާނު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުތަކުގައި 160 ކައުންސިލަކާ ބައްދަލުކުރައްވައި ކައުންސިލްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ޕެޓް ކެއާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި އެނިމަލް ވެލްފެއާ މިނިސްޓަރު އައިޝަތު ރަމީލާ ބައިވެރިވެވަޑައިގަންނަވަނީ. .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕެޓް ކެއާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް އަދި އެނިމަލް ވެލްފެއާ މިނިސްޓަރު އައިޝަތު ރަމީލާ ބައިވެރިވެވަޑައިގަންނަވަނީ. .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރައީސް ވިދާޅުވީ މީގެ ކުރިން އޮތީ ކައުންސިލްތަކަށް އަޅާނުލެވި ކަމަށެވެ. ރަށްރަށުގައި ކައުންސިލްތައް ހިންގަމުން އަންނަ އިމާރާތުގެ ތެރޭގައި 40 އަހަރަށް ވުރެ ދުވަސްވީ އިމާރާތްތައް އެބަހުރި ކަަމަށާއި އެ ތަންތަން މަރާމާތުކުރުމަށް ވެސް ކުރިން މަސައްކަތް ނުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް، މިއަހަރުގެ ތެރޭގައި 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމާއި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި 120 އިދާރާ އަޅާނެ ކަމަށް ވިދާޅުވި އެވެ. އެ މަނިކުފާނު ވަނީ ކައުންސިލުތަކަށް އާމްދަނީ ހޯދައިދިނުމަށް ފަޅު ރަށްތައް ދޫކުރަމުން އަންނަ ކަމާއި ލޯކަލް ޓޫރިޒަމުން ލިބޭ ވަކި އަދަދެއް ވެސް ރަށު ކައުންސިލަށް ދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު އަޅުގަނޑު ބޭނުންވީ ކައުންސިލް ލައްވައި ކުރުވަން. އެއީ އަޅުގަނޑު އަމުދުން އުޅެއުޅެ އޭރުގެ ސަރުކާރުން ނުކޮށްދިނީތީ ވެސް ބޭނުންވީ ކައުންސިލް ލައްވާ ކުރުވަން،"--- ރައީސް

"ކައުންސިލްތައް މެދުވެރިކޮށް ކަންތައްތައް ކުރުމުގައި އަޅުގަނޑުމެން މި ގެންދަނީ އަމަލާއި ބަހާއި ދިމާކުރަމުން. އެކަމުގެ ނަތީޖާ މި ފެންނަނީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ސަރުކާރުން ހުރިހާ މަސައްކަތެއް ވެސް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެންނެވެ. އެއީ ކަންކަމުގައި ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ރައްޔިތުން ބޭނުންވާ ގޮތް ކަމަށް ވިދާޅުވި އެވެ.

ޕެޓް ކެއާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕެޓް ކެއާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހުޅުމާލެ 2 ގައި ހެދި ޕެޓް ޝެލްޓާ އަށް އިޝާރާތް ކުރައްވަމުން އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ ތަނުން މާލޭގެ ރައްޔިތުންނަށް ކުރިއަށް އޮތް މަސްތަކުގައި އުފާވެރިކަން ލިބޭނެ ކަމަށެވެ. މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންގޮސް އެ އެއްޗިއްސަށް އަޅާލުން އެ ތަނުން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވިގޮތުގައި ޖަނަވާރުންނަށް އަޅާލުމަށް ފުރަތަމަ ފަހަރަށް މިނިސްޓްރީއެއް ވެސް ހެދީ މި ސަރުކާރުންނެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ޕެޓްތަކަށް، ޖުމްލަކޮށް އެނިމަލް ވެލްފެއާގައި ހަމަ އެ ދޭން އޮތް އެންމެ މަތީ ފެންވަރަކަށް ދިނުން. އެހެންވެ ވަކި މިނިސްޓްރީއެއްގެ ދަށުން މިކަން ކުރަނީ،" ރައީސް ވިދާޅުވި އެވެ.

އެ މަސައްކަތަކީ ކާމިޔާބު މަސައްކަތަކަށް ހެދުމަށް ކެޓް ކޮމިއުނިޓީގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ ތަނުގައި ބުޅާތައް ކަރަންޓީން ކުރެވޭ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއް ހުންނާނެ އެވެ. ބުޅަލަށް ޖޭހެން ޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ އެއްޗެހި ދުވެ އުޅޭ ސަރަހައްދެއް އޮންނާނެ އެވެ.

ކެޓް ޝެލްޓާގެ ކްލިނިކް- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކެޓް ޝެލްޓާގެ ކްލިނިކް- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭގެ މަގުތަކުގައި ބުޅާ ގިނަވެ، އޭގެ ނަޖިހުން އާންމުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ބޮޑުވެ، ރައީސް މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ވެސް ވަނީ ވިލިމާލޭގައި ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން ތިން ފަހަރު އިއުލާނުކޮށްފަ އެވެ. އެކަމަކު، އޭރުގެ ސަރުކާރުގެ އެއްބާރުލުން ނުލިބިގެން އެކަން ކުރިއަށް ނުގެންދެވުނުކަން އެކިއެކި ފޯރަމްތަކުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.