05 ނޮވެމްބަރ 2024
މި އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގައި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި އެވޯޑާ ގުޅޭ ގޮތުން ފަނޑިޔާރުން ނެރުނު ބަޔާނުގައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް މޯލްޑިވްސް މީޑިއާ ކަައުންސިލް (އެމްއެމްސީ)ން ބުނެފި އެވެ.
މި އަހަރުގެ ނޫސްވެރިކަމުގެ އިނާމް ދިނުމުގައި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށާއި އެވޯޑާ ގުޅޭ ގޮތުން ފަނޑިޔާރުން ނެރުނު ބަޔާނުގައި ވަނީ ދޮގު ތުހުމަތުތަކެއް ކަމަށް މޯލްޑިވްސް މީޑިއާ ކަައުންސިލް (އެމްއެމްސީ)ން ބުނެފި އެވެ.
އެމްއެމްސީން ރޭ ނެރުނު ބަޔާނުގައި، ފަނޑިޔާރުންގެ ވާހަކަތައް ދޮގުކުރީ، އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނު "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީއަށް އެވޯޑް ދިނީ އުސޫލާ ހިލާފަށް ކަމަށް ފަނޑިޔާރުންގެ ޕެނަލުންނާއި ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވެ، ބަޔާނެއް ނެރެފައިވަނިކޮށެވެ.
އެމްއެމްސީން ރޭ ނެރުނު ބަޔާނުގައި ބުނީ އެއްވެސް ދާއިރާއަކުން އެވޯޑް ދިނުމުގައި އިނާމު ދިނުމުގެ އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ކައުންސިލުން ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ފަނޑިޔާރުން ނެރެފައިވާ ބަޔާނުގައި ނޫސްވެރިކަމުގެ އިނާމުގެ އިންސާފުވެރިކަމާއި ކައުންސިލްގެ މިނިވަންކަމާ މެދު ދައްކާފައި ވަނީ ހަގީގަތާ ޚިލާފު ބޮޑެތި ތުހުމަތުތަކެއް ކަމަށެވެ.
"ސްކީލާން" ޑޮކިއިމެންޓްރީއަކީ ނޫސްވެރިކަމުގެ އުސޫލުތަކާ ހިލާފު އުފެއްދުމެއް ކަމަށް އެމްއެމްސީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ކަމަށް ފަނޑިޔާރުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް، އެމްއެމްސީން ބުނީ އެ ބަޔާން ނެރެން ޖެހުނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ކެންޑިޑޭޓުންނަށް އަމާޒުކޮށް ބައެއް މީޑިއާތަކުން ނޫސްވެރިކަމުގެ މިންގަނޑުތަކާ ޚިލާފު ކޮންޓެންޓް ޝާއިއުކުރާ ކަމަށް ތުހުމަތުކޮށް ލިބެމުންދިޔަ ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.
"...އެއީ ވަކި ނޫހަކުން އާންމުކުރި ވަކި ކޮންޓެންޓަކަށް އަމާޒުކޮށް ނެރުނު ބަޔާނެއް ނޫން. އެއީ މައުލޫމާތު ފެތުރުމުގައި ޖުމްލަކޮށް މީޑިއާތަކުން ސަމާލުވުމަށް އިރުޝާދުދީ ނެރުނު ބަޔާނެއް،" އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނީ އިނާމު ދިނުމުގެ ހަފްލާގައި އެވޯޑްތައް ހަވާލުކުރުމާ ހަމައަށް ފަނޑިޔާރުންގެ ފަރާތުން އެއްވެސް ކަންބޮޑުވުމެއް އަދި ޝަކުވާއެއް ކައުންސިލަށް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ. އަދި ޑޮކިމެންޓްރީއާ މެދު އެއްވެސް ސުވާލެއް އުފައްދައި ފަނޑިޔާރުންގެ ފަރާތުން އެއްވެސް ކަމެއް ކައުންސިލަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"އިނާމަށް ހުށަހެޅި ހުށަހެޅުންތަކާ މެދު އެއްވެސް ގޮތެއް ނިންމަން ކައުންސިލާ މަޝްވަރާކުރާކަށް ނުޖެހޭނެ. އެކަން ނިންމުމުގެ ބާރު ހަމައެކަނި ލިބިގެންވަނީ ފަނޑިޔާރުންނަށް،" އެމްއެމްސީން ބުންޏެވެ.
"އޯޑިއޯ ވީޑިއޯ ކެޓަގަރީން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާގެ ރުބްރިކްގައި ތަހުގީގީ ނަޒަރަކުން އެ އުފެއްދުމަށް އިންސާފުކުރަން ހަނިކޮށްފައިވާ ކަމަށް ފަނޑިޔާރުން ނެރެފައިވާ ކަމަށް ބުނާ ލިޔުމުގައި ފާހަގަކޮށްފައިވާއިރު، އެފަދަ ކަންބޮޑުވުމެއް ފަނޑިޔާރުންގެ ފަރާތުން ކައުންސިލާ ހިއްސާކޮށްފައެއްނުވޭ،" އެމްއެމްސީގެ ބަޔާނުގައިވެ އެވެ.
އެމްއެމްސީން ބުނީ ކައުންސިލުން ހުރިހާ ވިސްނުމެއް ވެސް ގެންގުޅެފައި ވަނީ އިންސާފަށް ބަލައިގެން ކަމަށްވާތީ، އެވޯޑުގެ ކަންކަން ބެލެހެއްޓުމަށް އޮޑިޓް ފާމެއް ހަމަޖައްސަން ވެސް ބޭނުންވި ކަމަށެވެ. ނަމަވެސް އެކަން ނުވީ އިނާމުގެ ކަންކަމަކަށް އެކަށީގެންވާ ބަޖެޓެއް ލިބިފައިނެތުމުން ކަމަށާއި އެ ބަޖެޓު ހޯދުމަށް ކައުންސިލުން މަސައްކަތް ވެސް ކޮށްފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ޑޮކިއުމެންޓްރީއަށް އެވޯޑް ދިން މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް އިއްޔެ ވަނީ އެމްއެމްސީއަށް ވަދެ، އެ އެވޯޑާ ގުޅޭ ލިޔުންތައް ގެންގޮސްފަ އެވެ.
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
އެވޯޑުގެ ނަޒާހަތްތެރިކަން ގެއްލުވާލުމުން ކަންބޮޑުވެއްޖެ
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
އެވޯޑުގެ މައްސަލަ ތަހުގީގުކުރަން އޭސީސީން އެމްއެމްސީއަށް
ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ ކަންކަން އުސޫލުތަކާ ހިލާފު
"އެވޯޑު ހަފުލާގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތް"
މުސްތަފާގެ ވަޒީފާ ޕީއެސްއެމުން އިޔާދަކޮށްފި
އެމްއެމްސީގެ ރައީސް މުސްތަފާ ޕީއެސްއެމުން ވަކިކޮށްފި
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ