07 ނޮވެމްބަރ 2024
އެވޯޑުގެ މައްސަލައިގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހުމަދު މުސްތަފާ އާއި ފަނޑިޔާރުން އަމަލުކުރި ގޮތުން ނޫސްވެރިންގެ އެވޯޑުގެ ނަޒާހަތްތެރިކަން ގެއްލުވާލާފައިވާ ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެވޯޑުގެ މައްސަލައިގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަހުމަދު މުސްތަފާ އާއި ފަނޑިޔާރުން އަމަލުކުރި ގޮތުން ނޫސްވެރިންގެ އެވޯޑުގެ ނަޒާހަތްތެރިކަން ގެއްލުވާލާފައިވާ ކަމަށް ބުނެ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ އެމްއެމްސީން މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ބޭއްވި އެވޯޑް ހަފުލާގައި އިންވެސްޓިގޭޓިވް ދާއިރާގެ ވީޑިއޯ/އޯޑިއޯ ކެޓަގަރީން އަދަދު ނޫހުން ހެދި “ޖީ ސްކީލާން" ޑޮކިއުމަންޓްރީއަށް އެވޯޑު ލިބުމުން ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި މުސްތަފާ އަދާކުރައްވަމުން ގެންދިޔަ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. ޖެހިގެން އައި ދުވަހު އެ މަގާމު އިއާދަކުރުމުން ކައުންސިލްގެ ލެޓާހެޑްގައި އަމިއްލަ ނަމުގައި ނެރުނު ބަޔާނުގައި ހުރި ބައެއް ވާހަކަތަކާއި އެއާ ވިދިގެން ފަނޑިޔާރުން ނެރުނު ބަޔާނުގައި ހުރި ކަންކަމުގެ ސަބަބުން އެ ކައުންސިލުން ދެމުން އައި އެވޯޑާ މެދު އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެ ބަޔާންތަކަކީ މީޑިއާ ކައުންސިލްގެ ރައީސް އަދި ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ ބައެއް ފަނޑިޔާރުން ވަޒީފާގެ ބިރަށް ނެރެފައިވާ ބަޔާންތަކެއް ކަމަށް ތުހުމަތުވާ ގޮތަށް ދެކެވޭ ވާހަކަތަކާ މެދު ވެސް ކަންބޮޑުވާ ކަމަށް އެމްޖޭއޭއިން ބުންޏެވެ.
އޭގެ ސަބަބުން ގެއްލުންތަކެއް ލިބޭނެ ކަން ފާހަގަކޮށްފައިވެ އެވެ.
"ކުރިއަށް އޮތް ތަނުގައި ބާއްވާ ނޫސްވެރިކަމުގެ އިނާމަށް ނާޖާއިޒު ނުފޫޒު އިތުރަށް ވަނުމާއި އެ އިރެއްގައި އޮންނަ ސަރުކާރަކަށް ފާޑު ކިޔުން އަމާޒުވާ ފަދަ ގޮތަކަށް ނޫސްވެރިން އުފައްދާ އުފެއްދުންތަކަށް އިންސާފު ކުރުމަށް ވެސް ހުރަސް އެޅިގެން ދާނެ ކަމަށް މި އެސޯސިއޭޝަނުން ދެކެމެވެ. އަދި އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން [އޭސީސީ] އިން ވަރަށް އަވަސްކޮށް ތަހުގީގެއް ފަށާފައިވާތީ ނޫސްވެރިކަމުގެ އެވޯޑާ މެދު ކުރެވޭ ޝައްކުތައް އިތުރަށް ބޮޑުވެގެންދާތީ މި ޖަމިއްޔާއިން ކަންބޮޑުވެ އެވެ،" ބަޔާނުގައިވެ އެވެ.
"މިއީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ބާރުވެރި ބައެއްގެ ނުފޫޒުތަކެއްގެ ސަބަބުން ކުރިމަތިވާ ކަންކަންކަމުގައި ބެލުމުގެ ޖާގަ އޮތްކަމުގައި މި ޖަމިއްޔާއިން ދެކެމެވެ."
ފަނޑިޔާރުންގެ ބަޔާނަށް ފަހު އެމްއެމްސީން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ މާކްސް ޝީޓުތައް އާއްމުކޮށްފަ އެވެ. އެކަމަށް، އެމްޖޭއޭއިން ވަނީ މަރުހަބާ ކިޔައިފަ އެވެ.
އެމްޖޭއޭ އިން ބުނި ގޮތުގައި އެމްއެމްސީން މިދިޔަ އަހަރު އަމަލު ކުރި ގޮތަށް މި އަހަރު ވެސް މާކްސް ޝީޓުތައް އާންމު ކުރުމުން އެވޯޑާ ގުޅޭ ގޮތުން ފަނޑިޔާރުން ކޮށްފައިވާ ތުހުމަތުތަކާއި ސަރުކާރުގެ އެކި އޮފިޝަލުން ކުރަމުންދާ ތުހުމަތުތަކުގެ ހަގީގަތް ހާމަވެ ދެ ފުށް ފެންނަ ގޮތެއްގައި މަސައްކަތްތައް ކުރަން މަގުފަހިވާނެ އެވެ. އަދި އާންމުންނަށް ކަމުގެ ހަގީގަތް އެނގުމަށް އިތުރު ބާރަކަށްވާ ކަމަށް ވެސް ބުންޏެވެ.
އެވޯޑު ދިނުމުގެ މަގުސަދަކީ ނޫސްވެރިން އަހަރު ތެރޭގައި ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ކުރުމާއި މީޑިއާތަކުން އެއްތަނަކަށް އެއްވެ އެކުވެރި މާހައުލެއް ގާއިމްކޮށް ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން ކުރިއެރުވުން ކަމަށްވާއިރު، އެވޯޑުގެ ހިތްހަމަނުޖެހުންތައް އެއްފަރާތްކޮށް މި ދަނޑިވަޅުގައި ނޫސްވެރިން އެއްބައިވަންތަވެ، އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ނުކުމެދާނެ ނުބައި ނަތީޖާތަކަށް ފާރަވެރިވެ ތިބުން މުހިއްމު ކަމަށް ދެކޭ ކަމަށް ޖަމިއްޔާއިން ބުންޏެވެ.
އެވޯޑާ ގުޅިގެން ބައެއް ނޫސްވެރިންނަށް ސަރުކާރުގެ ބައެއް ފަރާތްތަކުގެ ފުރައްސާރައާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ޝަކުވާ ވެސް އެ އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށް އެމްޖޭއޭއިން ފާހަގަކުރެ އެވެ.
"ނޫސްވެރިން ލިޔާ ލިޔުމަކާ ނުވަތަ އުފައްދާ އުފެއްދުމަކާ ގުޅިގެން އެ ނޫސްވެރިޔާއަށް ޓާގެޓްކޮށް އޭނާގެ ކްރެޑިބިލިޓީ ގެއްލުވާލަން ކުރާ މަސައްކަތްތައް މި އެސޯސިއޭޝަނުން ކުށްވެރިކުރަމެވެ. އަދި ނޫސްވެރިންގެ މަސައްކަތާ ގުޅިގެން އެތިކަލް މައްސަލައެއް އޮތް ނަމަ އެކަން ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް މި ޖަމިއިއްޔާ އިން ހިތްވަރުދެމެވެ،" ބަޔާނުގައިވެ އެވެ.
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
އެވޯޑުގެ މައްސަލަ ތަހުގީގުކުރަން އޭސީސީން އެމްއެމްސީއަށް
"އެވޯޑު ހަފުލާގައި އަޅުގަނޑުގެ ބައިވެރިވުމެއް ނެތް"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
ނޫސްވެރިކަމުގެ އެވޯޑު ޖަލްސާ ބުދަ ދުވަހަށް ފަސްކޮށްފި
ނޫސްވެރިކަމުގެ އިނާމު އަންނަ މަހުގެ 28 ގައި
ނޫސްވެރިކަމުގެ އިނާމަށް 80 އަށް ވުރެ ގިނަ ހުށަހެޅުން
"މިހާރު"ގެ ފަސް ނޫސްވެރިއަކަށް އެވޯޑް
"ދައުރު ނިމެންވާއިރަށް ޕްރެސް ކްލަބް ނިންމާލެވޭނެ"
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"