Roadha Mihaaru
އޮބާމާގެ އާ ފޮތް "އަ ޕްރޮމިސްޑް ލޭންޑް" ނެރެފި

ބަރަކް އޮބާމާގެ އާ ފޮތް "އަ ޕްރޮމިސްޑް ލޭންޑް" ނެރެފި

19 ނޮވެމްބަރ 2020

އެމެރިކާގެ ރައީސްގެ މަގާމު ދެ ދައުރަކަށް އަދާކުރެއްވި ކުރީގެ ރައީސް ބަރަކް އޮބާމާގެ އާ ފޮތް "އަ ޕްރޮމިސްޑް ލޭންޑް" ބުދަ ދުވަހު ނެރެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ރައީސްގެ މަގާމު ދެ ދައުރަކަށް އަދާކުރެއްވި ކުރީގެ ރައީސް ބަރަކް އޮބާމާގެ އާ ފޮތް "އަ ޕްރޮމިސްޑް ލޭންޑް" ބުދަ ދުވަހު ނެރެފި އެވެ.

މި ފޮތުގެ ވާހަކަ އޮބާމާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ.

އޮބާމާ ލިޔުއްވާފައިވާ 768 ސަފުހާގެ މި ފޮތަކީ ދެ ބަޔަކަށް ނެރެން ނިންމާފައިވާ ފޮތުގެ ފުރަތަމަ ބައެވެ. މިހާރު އެމެޒޯނާއި ވޮލްމާޓާއި ޓާގެޓާއި ބުކްޝޮޕް ފަދަ ޕްލެޓްފޯމްތަކުން ގަންނަން ލިބެން ހުރި ފޮތުގެ ޗާޕްކުރި ފޮތާ އެކު، ޑިޖިޓަލް އަދި އޯޑިއޯ ބުކް ވެސް ލިބޭނެ އެވެ.

"އަ ޕްރޮމިސްޑް ލޭންޑް" ގައި އެމެރިކާގެ ރައީސްގެ މަގާމަށް ވާދަކުރައްވަން ނިންމަވައި، ކުރެއްވި ކެމްޕޭންތަކާއި ވެރިކަމުގެ ދެ ދައުރުގައި ކަންކަން ކުރެއްވި ގޮތާއި ގެންގުޅުއްވި ސިޔާސަތުތަކާއި ހިފަހެއްޓެވި އުސޫލުތަކާއި އެމެރިކާ ވަރުގަދަ ގައުމަކަށް ހައްދަވަން ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުންނާއި ސަފާގީ ގޮތުން ކުރެއްވި މަސައްކަތްތަކާއި ލިބިވަޑައިގަތް ކުރިއެރުންތަކާއި އެޅުއްވުނު ގޯސް ފިޔަވަޅުތަކުގެ ވާހަކަތައް ވެސް ފޮތުގައި ކިޔައި ދީފައިވެ އެވެ.

ހަމައެއާ އެކު ވެރިކަމުގެ ދެ ދައުރުގައި ބައިނަލްއަގްވާމީ ދުނިޔެއާ އެކު ބޭއްވި ގުޅުންތަކާއި ދުނިޔޭގެ ބައެއް ލީޑަރުންގެ ވާހަކަތައް ވެސް "އަ ޕްރޮމިސްޑް ލޭންޑް" ގައި އޮބާމާ ލިޔުއްވާފައިވެ އެވެ.

މި ފޮތަކީ އޮބާމާ ގެނެސްދެއްވި ތިން ވަނަ ފޮތެވެ. އޭނާގެ ފުރަތަމަ ދެ ފޮތަކީ 1995 ގައި ނެރުއްވި "ޑްރީމްސް ފްރޮމް މައި ފާދާ" އާއި 2006 ގެ "އޯޑާސިޓީ އޮފް ހޯޕް" އެވެ.

ޕަބްލިޝިން ހައުސް ކްރައުންގެ ތައްގަނޑުގައި ނެރުނު "އަ ޕްރޮމިސްޑް ލޭންޑް" ގެ ދެވަނަ ބައި ނެރޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

އެމެރިކާގެ 44 ވަނަ ރައީސްގެ ޝަރަފު ލިބިވަޑައިގަތް އޮބާމާ، 59، ވެރިކަން ކުރެއްވީ 2009-2017 އަށެވެ. އޮބާމާ އަކީ މި ފަހުގެ ތާރީހެއްގައި އެމެރިކާގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެން އެ ގައުމުގެ ރައްޔިތުން އެންމެ ބޮޑަށް ލޯބިވި އަދި އިތުރުބާރުކުރި ރައީސެވެ.

އޮބާމާގެ ތިން ވަނަ ފޮތް އާންމުންށް ދޫކޮށްލި އިރު. މީގެ ދެ އަހަރު ކުރިން އަނބިކަނބަލުން މިޝޭލް އޮބާމާ ވެސް "ބިކަމިން" ގެ ނަމުގައި ފޮތެއް ނެރުއްވާފައިވެ އެވެ. އަދި އެއީ އާންމުންގެ މެދުގައި ވަރަށް މަގުބޫލުވި ފޮތެކެވެ.