Roadha Mihaaru
ދަރުމަވަންތަ ހޯލުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު

ދަރުމަވަންތަ ސްކޫލްގެ ހޯލް އެޅުމުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު: މިނިސްޓަރު

06 ނޮވެމްބަރ 2024

ދަރުމަވަންތަ ސްކޫލްގެ ހޯލު އެޅުމަށް ދޫކޮށްފައިވާ، މާލެ ޖަލު ހުރި ބިމުގައި މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ދަރުމަވަންތަ ސްކޫލްގެ ހޯލު އެޅުމަށް ދޫކޮށްފައިވާ، މާލެ ޖަލު ހުރި ބިމުގައި މަސައްކަތް ފެށޭނީ އަންނަ އަހަރު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރު އޮގަސްޓު މަހު، ދަރުމަވަންތަ ސްކޫލު ބޭނުންކުރަން ފެށިއިރު ވެސް ސްކޫލުގައި ހޯލެއް ނެތުމަކީ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ. މިނިސްޓްރީން ކުރިން ވެސް ހަމަޖައްސާފައި އޮތީ ސްކޫލާ ޖެހިގެން ހުރި ޖަލު ހުސްކުރުމަށްފަހު އެ ތަނުގައި ހޯލު އަޅާށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ އެ ޖަލު ބަންދުކުރި ނަމަވެސް އެތަނުގައި އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން މިއަދު މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން ވިދާޅުވީ އެ ސްކޫލުގައި ހޯލެއް އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގައި.-- ފޮޓޯ: މަޖިލިސް

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގައި.-- ފޮޓޯ: މަޖިލިސް

މިނިސްޓަރު ވިދާޅުވީ ޖަލު ހުރި ސަރަހައްދުގައި ކުރީ ސަރުކާރުން ހޯލު އަޅަން ނިންމި ނަމަވެސް އެކަމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށެވެ.

"ރިކޯޑްސްތަކެއް ފެންނަން އެބަހުރި. އޭޕްރިލް 2023 ގައި އެޑިއުކޭޝަނުން ހޯމް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި އެބަ އޮތް ޖަލު ހުސްކޮށް ހޯލަކާ އެކު އިމާރާތެއް އެޅުމަށް ބޭނުންވާ ކަމަށް. ރަޖިސްޓްރީ ބަދަލުކޮށްދިނުމަށް ވެސް އެދިފައިވޭ. އެހެން ނަމަވެސް އެކަން އޮތީ ނުވެ،" އިސްމާއިލް ވިދާޅުވި އެވެ.

"ނޮވެމްބަރު 1، 2023 ގައި ވެސް އެޑިއުކޭޝަނުން އަނެއްކާ ވެސް ހޯމް މިނިސްޓަރަށް ސިޓީއެއް ފޮނުވާފައިވޭ. ޖަލު ހުރި ތަނުގައި ކޮންމެހެން ވެސް ހޯލެއް އަޅަން ބޭނުމޭ، އެޅި ސްކޫލުގައި ކިޔަވައިދޭން ފައްޓައިފިއޭ ދަރިވަރުންނަށް އުނދަގޫ ވާނޭ."

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް: އެ ސްކޫލުގައި މިހާރު 1700އެއްހާ ދަރިވަރުން ކިޔަވަމުންދޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް: އެ ސްކޫލުގައި މިހާރު 1700އެއްހާ ދަރިވަރުން ކިޔަވަމުންދޭ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ހޯމް މިނިސްޓްރީއަށް އެންމެ ފަހުން ފޮނުވި ސިޓީއަށް ޖަވާބު ދީފައި ވަނީ، ވެރިކަން ނިމުމުގެ ދެ ދުވަސް ކުރިން، މިދިޔަ އަހަރު ނޮވެމްބަރު 15 ގައިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އޭގައި ވަނީ ޖަލުގައި ތިބި ގައިދީން އެހެން ތަނަކަށް ބަދަލުކުރުމުގައި ހައްލެއް ލިބިފައި ނުވާ ކަމަށެވެ.

"2024 ވަނަ އަހަރުގެ ބަޖެޓަށް ހުށަހެޅި އިރު ވެސް އެ ހޯލު ހެދުމަށް ބަޖެޓެއް ދީފައެއް ނެތް. އެހެންވެ އެ މަސައްކަތް 2024 ވަނަ އަހަރު ވެސް ފެއްޓިފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޒުއްދީން ސްކޫލް ބަންދުކޮށް އެ ތަނުގެ ދަރިވަރުން ވެސް ދަރުމަވަންތަ ސްކޫލުގައި މިހާރު ކިޔަވަމުން އަންނަ އިރު އެއީ ޖުމްލަ 1700 އެއްހާ ކުދިންނެވެ. އެ ސްކޫލުގައި ހޯލެއް ނެތުމުން ވަގުތީގޮތުން މިހާރު އެކަމަށް ބޭނުން ކުރާނީ ދެ ބްލޮކް ދޭތެރޭ އޮތް ކޮމްޕައުންޑުގައި ޓާފް އަޅައިގެންނާއި ސްކޫލު ތެރޭގައި ހުރި އެހެން ހުސް ޖާގަތަކެވެ.