ކެމްބްރިޖް އިންޓަނޭޝަނަލް (ސީއައިއޭ) ލެވެލް އަށް ކިޔަވައިދޭ ފޮތް ލިޔުމުގެ ފުރުސަތު ދިވެހި ޓީޗަރުންނަށް ދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
13 ޖެނުއަރީ 2025
ކެމްބްރިޖް އިންޓަނޭޝަނަލް (ސީއައިއޭ) ލެވެލް އަށް ކިޔަވައިދޭ ފޮތް ލިޔުމުގެ ފުރުސަތު ދިވެހި ޓީޗަރުންނަށް ދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ސީއައިއޭ ޓެސްޓު ރާއްޖޭގައި ހަދާތާ 23 އަހަރު ވެފައިވާއިރު އެކަމަށް ބޭނުންވާ ފޮތްތައް ގެންނަނީ ބޭރުން ކަމަށެވެ.
އެހެންވެ އެކަން ބަދަލު ކުރަން ކެމްބްރިޖު މުގައްރަރަށް ގްރޭޑް 9 އަދި 10 އަށް ބޭނުންވާ ފޮތްތައް ލިޔަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފްތާ އެ ފުރުސަތު ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފަރުދެއްގެ ގޮތުގައި ވެސް އަދި ޓީމެއްގެ ގޮތުގައި ވެސް ފޮތާއި ޑިޖިޓަލް ކޮންޓެންޓު ތައްޔާރުކޮށް ވިއްކަން ހުށަހެޅިދާނެ. މިކަމުގައި ތަޖުރިބާ ހުރި މުދައްރިސުން އިސްނެގުން އެދެން،" އިސްމާއިލް ވިދާޅުވި އެވެ.
ކެމްބްރިޖު އިމްތިހާނުގެ މުގައްރަރަށް، ފެންވަރު ރަނގަޅު ފޮތްތަކާއި ޑިޖިޓަލް ކޮންޓެންޓު އުފެއްދުމުގެ ގާބިލުކަން ރާއްޖޭގެ ޓީޗަރުންގެ ކިބައިގައި ހުރިކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ ދިވެހި ޓީޗަރުންނަށް އެކަށީގެންވާ އަގެއްގައި އެފަދަ ފުރުސަތެއް ހުޅުވާލައިފި ނަމަ އޭގެ ފައިދާ ކުރާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އޭގެ ސަބަބުން ފޮތް ގަންނަން ބޭރު ގައުމުތަކަށް ކުރާ ހޭދަ ގައުމުގެ ތެރޭގައި ހިފެހެއްޓުމާއި އެފަދަ ފޮތް ލިޔުމުގެ ހުނަރުވެރިކަން އިތުރުވުގެން ދާނެ ކަމަށް ވެސް އިސްމާއިލް ގަބޫލު ކުރައްވަ އެވެ.
އޭގެ އިތުރުން މިހާރު ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮށްދޭ ފޮތްތައް ބޭނުންނުކުރުމުގެ ސަބަބުން ސްކޫލުތަކުން ނޯޓު ޕްރިންޓުކުރުމަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާއި ރައްޓެހި އާދަކާދަތައް އަށަގަންނެވުމަށް އިތުރު ބާރަކަށް އެކަން ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިނިސްޓްރީން ބޭރުން ގަނެގެން ދަރިވަރުންނަށް ފޯރުކޮށްދޭ ފޮތްތަކުގެ ބަދަލުގައި ގިނަ ސްކޫލުތަކުގައި ދަރިވަރުން ބަރޯސާވަމުންދަނީ ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށް ދަރިވަރުންނަށްދޭ ނޯޓުތަކަށް. އަދި ބޭރުން ގަނެގެން މިހާރުދެވޭ މަސައްކަތު ފޮތަށް ވުރެ މާ ފެންވަރު ރަނގަޅު، ސީދާ އިމްތިހާނަށް އަމާޒުކުރެވިފައިވާ ފޮތްތައް ވެސް ރާއްޖޭގެ މުދައްރިސުން ތައްޔާރުކޮށްފައިވާ ކަން ފާހަގަކުރެވޭ،" އިސްމާއިލް ވިދާޅުވި އެވެ.
ޔުނިވަސިޓީ އޮފް ލަންޑަން އެގްޒަމިނޭޝަން އެންޑް އެސެސްމެންޓް ކައުންސިލް (ޔޫއެލްއީއޭސީ)ގެ އިމްތިހާނު ރާއްޖޭގައި ދޭން ފެށީ 1968ގަ އެވެ. އެ ފަހުން 2001ވަނަ އަހަރު އެޑެކްސެލް އަށް ރިބްރޭންޑް ކުރުމާ ހަމައަށް ކުރިއަށް ގެންގޮސް ސީއައިއޭ އެގްޒަމިނޭޝަނަށް ރާއްޖޭން ބަދަލުވީ 2002 ވަނަ އަހަރު އެވެ.
"ހެއްކެއް ނެތި 300 މުވައްޒަފުންނަށް އަދަބު ދިން"
ދަރުމަވަންތަ ހޯލުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު
މާލެ ސީއެޗްއެސްއީ ރަސްމީކޮށް ހުޅުވައިފި
ހިރިމަރަދޫ ސްކޫލުގައި ޕްރިންސިޕަލަކު ނެތި 4 އަހަރު!
މަތީ އަރުތަވެރިންގެ އިނާމު 441 ކުއްޖަކަށް ދީފި
އޯލެވެލް ގަދަ 10ގެ ކާމިޔާބީ ފާހަގަކުރާނެ: މިނިސްޓަރު
ހުޅުމާލެއަށް 3 ސްކޫލް، މި އަހަރު މަސައްކަތް ފަށަނީ
ޓީޗަރަކަށް ވާން އޭލެވެލް ކިޔަވާ ކުދިންނަށް އެލަވަންްސެއް
އޭއައިގެ އެހީގައި ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
ބޮޑު ޗުއްޓީގެ ބޮޑު ބަދަލު ބެލެނިވެރިން ބޭނުންވި ގޮތަށް