Roadha Mihaaru
ދައުރުވަމުން ދަނީ 2022 ގެ ވީޑިއޯއެއް: ކަރެކްޝަންސް

ދައުރުވަމުން ދަނީ 2022 ގެ ވީޑިއޯއެއް: ކަރެކްޝަންސް

09 ނޮވެމްބަރ 2024

މާފުށީ ޖަލުގެ ގޮޅިއެއް ކްލަބެއް ގޮތަށް ދިއްލައި، ޑެކަރޭޓް ކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ބަޔަކު މިހާރު ދައުރު ކުރަމުން ދިޔަ ނަމަވެސް އެއީ ކުރީގެ ވީޑިއޯއެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.

މީހަކު ފޯނުން ވީޑިއޯ ކުރަމުން ޖަލު ގޮޅިއެއް ފެންނަ ގޮތަށް ނަގާފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ޖަލު ގޮޅިތެރޭގައި ނޫ ކުލަ އާއި ރަތް ކުލައިގެ ބޮކިތައް ވަނީ ދިއްލާލައިފަ އެވެ. ފާރުގައި ކަޅާއި ހުދު ކުލައިގެ ޑިޒައިން ވޯލް ޕޭޕަ ޕާފައި ހުރި އިރު ގޮޅި ތެރޭގައި އެކި ފަރުނީޗަރުތައް ވެސް ބަހައްޓާފައި ހުރެ އެވެ. ގޮޅި ތެރޭގައި ތިބި މީހުން ފޯނާ ކުޅެން ތިބޭ ތަން އެ ވީޑިއޯ އިން ފެނެ އެވެ.

އެއީ ޖަލުގެ މިހާރުގެ ހާލަތު ކަމަށް ބުނެ ދައުރު ކުރަމުންދާ ވީޑިއޯއާ ގުޅިގެން ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ 2022 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ވައިރަލްވާ ވީޑިއޯއެއް ކަމަށެވެ.

"...ގައުމީ ސަލާމަތާ ގުޅުން ހުންނަ މިފަދަ މުއައްސަސާއަކާ ބެހޭ ގޮތުން މައުލޫމާތު ފެތުރުމުގެ ކުރިން އެކަމެއްގެ މައުލޫމާތު މި މުއައްސަސާއާ ގުޅުއްވައިގެން ހޯއްދެވުމަށް ދަންނަވަން،" ކަރެކްޝަންސް އިން ބުންޏެވެ.

މީގެ ކުރިން ވެސް ޖަލުގެތެރޭގައި ކޭކެއް ފަޅައި އުފަން ދުވަސް ފާހަގަ ކުރާ ވީޑިއޯތައް ވެސް ދައުރުވި އެވެ.

މާފުށީ ޖަލަށް ވަގަށް އެއްޗެހި ވައްދާ މައްސަލާގައި ކަމާބެހޭ ފަރާތްތަކުން މި ފަހުން ވަނީ ފިޔަވަޅު އަޅައި އެތައް ބަޔަކު ސަސްޕެންޑު ކޮށްފަ އެވެ. އެފަދަ މައްސަލަތަކާ ގުޅިގެން ކަރެކްޝަންސްގެ ބައެއް އޮފިސަރުން ހައްޔަރު ވެސް ކުރި އެވެ.