Roadha Mihaaru

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަނީ

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީން ތައްޔާރުވެއްޖެ އެވެ.

ޕާޓީއާއެކު ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

19 ނޮވެމްބަރ 2024

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރު ހިންގާ ޕީއެންސީން ތައްޔާރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ޕާޓީ ބަދަލުވުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށް ޕީއެންސީން ތައްޔާރުވަމުން އައި ނަމަވެސް މިހާތަަނަށް އެކަން ބައެެއް މެމްބަރުންނަށް އަންގައިފައެއް ނުވެ އެވެ. މިހާތަނަށް މާދަމާގެ އެޖެންޑާގައި ވެސް މިކަން ހިމަނާފައެއް ނެތެވެ.

މަޖިލިސް މެމްބަރުން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް މިވަގުތު އޮންނަނީ އެންޓި ޑިފެކްޝަން ގާނޫނުގަ އެެވެ. މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންމެ ފުރަތަމަ އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅައި ގާނޫނެއް އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ. ނަމަވެސް އޭރު އޮތް ސަރުކާރު ބަދަލުވުމާ އެކު އެމްޑީޕީން ވަނީ އެ ގާނޫނު އުވާލައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ފަހުކޮޅު އަނެއްކާ ވެސް އެންޓި ޑިފެކްޝަން ގާނޫން ގެނައީ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް، ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގަތުމުން އެ ޕާޓީގެ ފަރާތުން އޭރު ބާރަށު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވި އަހުމަދު އަބްދުﷲ ހުށަހަޅުއްވައިގެންނެވެ.

އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން އިންތިހާބުވާ ޕާޓީ ބަދަލުކޮށްފި ނަމަ މެންބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހެ އެވެ. އިސްތިއުފާ ދޭންޖެހޭނެ ތިން ހާލަތެއް ބަޔާންކުރާއިރު އޭގެ ތެރޭގައި ހިމެނެނީ އިންތިހާބުވި ޕާޓީން އަމިއްލައަށް ވަކިވެ، އެހެން ޕާޓީއަކަށް ބަދަލުވާ ހާލަތުގަ އާއި އެހެން ޕާޓީއެއްގައި ދަފްތަރުވުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު އެ މީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވާ ހާލަތުގަ އެވެ.

މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިހުތިޔާރީކަމެއްގެ ގޮތަށް ހަތް ދުވަސް ތެރޭގައި އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުފާ ނުދީފި ނަމަ ވާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް ބަޔާންކޮށްފައެއް ނެތެވެ.

އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން މެންބަރަކު ޕާޓީއަކުން ވަކިކޮށްފި ނަމަ ހަތް ދުވަސް ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހިމަނައިފަ އެވެ. އަދި އިސްތިއުފާ ދޭން ޖެހޭ ހާލަތްތަކަށް މަޖިލިސް މެންބަރުންގެ އިތުރުން ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލްތައް ވެސް ހިމެނޭނެ އެވެ.