ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ މެދު ފާޑު ކިޔުންތައް ބޮޑެވެ. މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ މެމްބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުވަން ގެނައި މުހިންމު ބަދަލެއް ކަމަށް ސަރުކާރުގެ މެމްބަރުން ވިދާޅުވާއިރު، އަނެއްކޮޅުގައި އޮތީ ޕާޓީތަކުގެ މަސްލަހަތު މެމްބަރުން އިސް ކުރަން ޖެހި، ކަސްތޮޅު އެޅިގެން ތިބެންޖެހޭ ކަމުގެ ފާޑުކިޔުމެވެ.
27 ނޮވެމްބަރ 2024
ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ މެދު ފާޑު ކިޔުންތައް ބޮޑެވެ. މިހާތަނަށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ގާނޫނުއަސާސީއަށް ގެނައި މި އިސްލާހަކީ މެމްބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުވަން ގެނައި މުހިންމު ބަދަލެއް ކަމަށް ސަރުކާރުގެ މެމްބަރުން ވިދާޅުވާއިރު، އަނެއްކޮޅުގައި އޮތީ ޕާޓީތަކުގެ މަސްލަހަތު މެމްބަރުން އިސް ކުރަން ޖެހި، ކަސްތޮޅު އެޅިގެން ތިބެންޖެހޭ ކަމުގެ ފާޑުކިޔުމެވެ.
ގާނޫނުއަސާސީ ބުނާގޮތުން ރައްޔިތުން ތަމްސީލުކުރާ އެންމެ ބޮޑު ބާރު ކަމަށްވާ މަޖިލީހުގެ މެމްބަރުން މަސައްކަތް ކުރަން ޖެހެނީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތުގަ އެވެ. ވަކި ފިކުރެއް ނުވަތަ އަމިއްލަ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައި އެބައޮތެވެ. އެހެންވީއިރު، ޕާޓީގެ އުސޫލަކާ ހިލާފު ވެގެން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ އޭގެ ޒާތުގައި ގާނޫނުއަސާސީގެ މައިގަނޑު އުސޫލުތަކާ ފުށުއަރާ ކަމެއް ކަމަށް މި އިސްލާހާ ދެކޮޅު ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
މި އިސްލާހަކީ ގާނޫނުއަސާސީގައި ބަޔާންކުރާ މައިގަނޑު އަސާސީ ހަމަތަކާ ހިލާފް އިސްލާހެއް ކަމަށް ބުނެ މި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މިހާރު ވަނީ ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެ މައްސަލަ ހުށަހެޅީ ގާނޫނުއަސާސީގެ ބައެއް ގާނޫނުއަސާސީއާ ހިލާފްވި ކަމަށް ބުނެ އެވެ. މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ހުށަހެޅުއްވި އެ މައްސަލައަކީ ރާއްޖޭގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ މައްސަލަ ކޯޓަކާ ހިސާބަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި އޯވަނައިޓަކުން ގާނޫނުއަސާސީ ބަދަލު ކުރުމަކީ އާ ކަމެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ބޭރުގެ ފަރާތްތައް ބިން މިލްކު ކުރެވޭ ގޮތަށް އަދި ރައީސް ކަމަށް ކުރިމަތިލެވޭ ބޭފުޅުންގެ ޝަރުތުތަކަށް ބަދަލު ގެނައީ އަވަސް އަރުވާލައިގެންނެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ގާނޫނުއަސާސީއަށް އިސްލާހުތައް ގެނައީ ވެސް މަޖިލީހުގެ ޖަލްސާ ރޭގަނޑު ބާއްވައިގެންނެވެ.
"ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއްގެ މައްސަލަ ބެލޭނެ ކަމަކަށް ނެތް."
ނަމަވެސް މި ފަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ތަފާތުވި އެއް ސަބަބަކީ މިއީ ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ މައްސަލަ ޝަރުއީ މަރުހަލާއާ ހަމައަށް ދިޔަ ފުރަތަމަ ފަހަރު ކަމަށް ވުމެވެ. މަޖިލީހުން ކުއްލި ގޮތަކަށް މި ގެނައި އިސްލާހާ މެދު ފާޑުކިޔުންތައް އޮތް ކަމުގައިވީ ނަމަވެސް، މިކަމުގައި ދެން ކުރެވޭނެ ކަމެއް އޮތްތޯ އެބަ ސުވާލު އުފެދެ އެވެ. ސަބަބަކީ ގާނޫނުއަސާސީ އާއި ގާނޫނުތައް މިކަމުގައި މުޅިން ސާފު ނުވުމެވެ.
ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ބަޔަކު މުޒާހަރާ ކުރަނީ --- ފޮޓޯ/މިހާރު
ގާނޫނުއަސާސީ ބުނާގޮތުން ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓާއި ހައި ކޯޓަށް ބެލޭނީ ގާނޫނު އަސާސީއާހިލާފަށް ހަދާ ގާނޫނުތަކާއި ގަވާއިދުތަކުގެ މައްސަލަތަކެވެ. އަދި ކޯޓުތަކުގެ ގާނޫނުގައި ވެސް ދުސްތޫރީ މައްސަލަތައް މާނަ ކޮށްފައި އޮތީ މިގޮތަށެވެ. ނަމަވެސް ގާނޫނު އަސާސީއަށް ގެނެވޭ ބަދަލެއް ގާނޫނުއަސާސީއާ ހިލާފް ކަމަށް ބުނެ މައްސަލަ ހުށަހެޅޭނެ ކަމެއް ނުވަތަ ނޫން ކަމެއް ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނުން ސާފެއް ނޫނެވެ.
ހަމައެހެންމެ، ގާނޫނުއަސާސީގެ 88 ވަނަ މާއްދާ ބުނާގޮތުން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހާލަތްތަކެއްގައި ފިޔަވައި، އެހެން ކަންކަމުގައި މަޖިލީހުން ނިންމާ ނިންމުންތަކުގެ ސައްހަކަމުގެ މައްސަލަ އެއްވެސް ކޯޓަކުން ނުބެލެވެ އެވެ. ގާނޫނުތަކުގެ ސައްހަކަން ކޯޓުތަކަށް ބެލޭނެ ކަމަށް އޮތަސް، ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ބެލޭނެކަން ނުވަތަ ނޫންކަން ގާނޫނުއަސާސީ އޮތްގޮތުން ސާފެއް ނޫނެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާ ބުނާގޮތުން އަސާސީ ހައްގުތަކާއި މިނިވަންކަން ކަމާ ގުޅޭ ބާބާއި މަޖިލީހުގެ ދައުރާއި ރައީސްގެ ރިޔާސީ އިންތިހާބުކުރާ ގޮތާއި ރިޔާސީ ދައުރާ ބެހޭ ކަންކަން ފިޔަވައި އެހެން ކަންކަމުގައި ރައްޔިތުންގެ ބަހެއް ނެތި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބާރު މަޖިލީހަށް އެބައޮތެވެ. ނަމަވެސް އަނެއްކޮޅުން، ގާނޫނުއަސާސީގެ އަސާސީ ސިފައެއް ގެއްލޭ ގޮތަށް އިސްލާހެއް ގެންނަ ހާލަތުގައި ދެން ވާނެ ގޮތަކާ މެދު ސުވާލު އުފެދެ އެވެ.
"އެ މާއްދާ އުވާލައިފިއްޔާ ގާނޫނު އަސާސީގެ އަސާސީ އެއް ސިފަ އެ ގެއްލުނީ."
މިސާލަކަށް އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު އެކުލެވޭ ގޮތަށް ބަދަލު ގެންނައިރު ރައްޔިތުންގެ ރުހުން ހޯދަންޖެހޭ ކަމަކަށް ގާނޫނުއަސާސީއަކު ނެތެވެ. އެހެންވެ، މިސާލަކަށް އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރު އެއްކޮށް އުވާލަން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް މަޖިލީހަށް ފާސް ކުރެވިދާނެ އެވެ. އެކަމަކު، އެގޮތަށް ހަދައިފި ނަމަ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ އެއް ސިފަ އެއްކޮށް ގެއްލިގެންދާނެ އެވެ. އެ ހާލަތުގައި ވެސް، އެކަމާ މެދު އިތުރަށް ކުރެވޭނެ ކަމެއް ނެތީތޯ ސުވާލު އުފެދެ އެވެ.
ސުޕްރީމް ކޯޓް --- ފޮޓޯ/މިހާރު
ގާނޫނީ ބޭފުޅުންގެ މެދުގައި މިކަމުގައި ހިޔާލު ތަފާތުވުން އެބައޮތެވެ. ބައެއް ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ގާނޫނުއަސާސީ އަށް ގެނެވޭނެ އިސްލާހެއްގެ މައްސަލަ ސުޕްރީމް ކޯޓުން ބެލިދާނެކަން ގާނޫނު އޮތްގޮތުން ސާފެއް ނޫނެވެ. ނަމަވެސް ގާނޫނުއަސާސީގެ އަސާސީ ސިފައެއް ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ގެނެސްފި ނަމަ ދެން އަމަލު ކުރަންވީ ގޮތާ މެދު ސުވާލު އުފެދޭނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
"ގާނޫނުއަސާސީގައި އެބަ ބުނޭ ދައުލަތުގެ ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް. އެ މާއްދާ އުވާލައިފިއްޔާ ގާނޫނުއަސާސީގެ އަސާސީ އެއް ސިފަ އެ ގެއްލުނީ،" އެއް ވަކީލަކު ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވެސް ވިދާޅުވާ ގޮތުގައި ގާނޫނުއަސާސީ އާއި ކޯޓުތަކުގެ ގާނޫނު އޮތްގޮތުން އެކަމުގައި ސުވާލު އުފެދޭނެ ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.
"ގާނޫނުގައި ބުނަނީ ގާނޫނެއްގާނޫނު އަސާސީއާ ހިލާފްވާ ކަމަށް ބުނެ މައްސަލައެއް ހުށަހެޅިދާނެ ކަމަށް. ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހެއްގެ މައްސަލަ ބެލޭނެ ކަމަކަށް ނެތް. އެކަމަކު މިހާރު މި އޮތީ ގާނޫނުއަސާސީއަށް ގެނެވުނު އިސްލާހެއް ގާނޫނުއަސާސީއާ ހިލާފްވީ ކަމަށް ބުނާ މައްސަލައެއް." އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑު ދެކޭ ގޮތުގައި ސުޕްރީމް ކޯޓުގައި މި މައްސަލާގައި އޮންނާނެ ބޮޑު ޗެލެންޖެއް."
"ސުޕްރީމް ކޯޓަށް ބުނެވޭނެތޯ ގާނޫނު އަސާސީ ގޯހޭ ނުވަތަ ގާނޫނު އަސާސީއަށް ގެނައި އިސްލާހެއް ގޯހޭ."
އެހެން ވަކީލަކު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ހިމެނޭ މާއްދާތަކާ މެދު ނުވަތަ ގެންނަ އިސްލާހަކާ މެދު ބަހެއް ބުނުމުގެ ފުރުސަތެއް ދައުލަތުގެ އެހެން މުއައްސަސާއަކަށް ނެތެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ގާނޫނުއަސާސީއަށް ވުރެ މަތީގައި އެއްވެސް މުއައްސަސާއެއް ނޯވެވޭއިރު، ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކާ މެދު ބަސް ބުނުމުގެ ހައްގެއް ވެސް ދައުލަތުގެ އެހެން ބާރުތަކަށް ލިބޭނެ ކަމަށް ބުނާ ގާނޫނީ ހަމައެއް ނެތުމެވެ.
"ސުޕްރީމް ކޯޓަކީ ގާނޫނުއަސާސީން އުފެއްދި މުއައްސަސާއެއް. އަދި ސުޕްރީމް ކޯޓުގެ މިހާރުގެ ވިސްނުމަކީ ގާނޫނުއަސާސީއަށް ވުރެ މަތީގައި އެ ކޯޓަކަށް ވެސް ނޯވެވޭވެނޭއޭ. އެހެންވީމަ ސުޕްރީމް ކޯޓަށް ބުނެވޭނެތޯ ގާނޫނުއަސާސީ ގޯހޭ ނުވަތަ ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ގޯހޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވެސް ވިދާޅުވި ގޮތުގައި ދާދި ފަހުން ގާނޫނުއަސާސީއަށް އިސްލާހެއް ގެނައި މަގްސަދާ މެދު ސުވާލު އުފެދުނަސް، އެކަމާ މެދު ދައުލަތުގެ އެހެން ބާރަކަށް ގޮތް ނިންމޭނެތޯ އެއީ ސުވާލެކެވެ.
"އެ ގެނައި އިސްލާހު ރަނގަޅު ތޯ ނުވަތަ ނޫންތޯ އެއީ އެހެން ކަމެއް. ސުވާލަކީ ގާނޫނުއަސާސީ ގޯހޭ ބުނެވޭނެތޯ ސުޕްރީމް ކޯޓަށް،" އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް މި ގެނައި އިސްލާހާ މެދު އެކި ފަރާތްތަކުގެ ހިޔާލު ތަފާތެވެ. ނަމަވެސް ގާނޫނުއަސާސީގެ ބައެއް ގާނޫނުއަސާސީއާ ފުށުއަރާ ކަމަށް ބުނާއިރު، އެކަމުގައި ދައުލަތުގެ އެހެން ބާރަކަށް ބަސް ބުނެވޭނެ ކަން ނުވަތަ ނޫންކަން މިއީ ރާއްޖޭގައި އަލަށް ގޮތެއް ކަނޑައެޅިގެންދާނެ ފުރަތަމަ ފަހަރެވެ. ދެން އޮތީ އެކަމުގައި ސުޕްރީމް ކޯޓުގެ ނިންމުމަށް އިންތިޒާރު ކުރުމެވެ. މިކަމުގައި ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް އެއީ މުހިންމު ބޮޑު ނިންމުމެކެވެ.
"އިސްލާހު ގެނައީ އުސޫލުން ކަމަށް ގަބޫލެއް ނުކުރެވޭ"
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ވަގުތީއަމުރާ މެދު ގޮތް ނިންމާ އަޑުއެހުން ކެންސަލްކޮށްފި
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
ގާނޫނުއަސާސީގައި ސުޕްރީމް ކޯޓަށް އަތް ނުލެވޭނެ؟
ގޮނޑިގެއްލޭ އިސްލާހު މިހާރުގެ މެމްބަރުންނަށް ނުހިނގާނެ
ގާނޫނުއަސާސީއަށް ގެންނަ ބަދަލު ކޯޓުތަކަށް ނުބެލޭނެ:އޭޖީ
ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ސުޕްރީމްކޯޓުން ފަށަނީ