ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވަނީ އިޖުރާއަތްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
18 ފެބުރުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ، ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވަނީ އިޖުރާއަތްތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ދުސްތޫރީ މައްސަލައެއް އަލީ ހުސެއިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.
ދައުލަތުން ދެކޭ ގޮތުގައި ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބުނާ އިޖުރާއަތްތަކާ އެއްގޮތަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ކޯޓަކަށް ނުބެލޭނެ އެވެ. ނުވަތަ އެ ބަދަލެއް ބާތިލް ކުރުމުގެ ބާރެއް އެއްވެސް ކޯޓަކަށް ނެތެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އެގޮތަށް އެކަން ފާހަގަ ކުރާތީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ މެންބަރުންގެ ގޮނޑިއާ ގުޅޭ އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށްތޯ މިއަދުގެ އަޑުއެހުމުގައި ސުވާލު ކުރައްވައިފަ އެވެ.
ދައުލަތުގެ ވަކީލް ފާތިމަތު ހަލީމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކޮށްފައިވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކޮށްގެން، ފާސްކުރަން ބޭނުންވާ މިންވަރަށް މެންބަރުން ވޯޓު ދީގެންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ހުސެއިން ވިދާޅުވީ ބޭރުފުށުން ފެންނަ ފެނުމަށް އިޖުރާއަތްތައް އޮތީ ފުރިހަމަކޮށްފައި ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީއަށް އެހާ ބޮޑު އިސްލާހުތަކެއް ގެނައިރު، މަޝްވަރާގެ އުސޫލު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއް ދުވަސް ތެރޭ ބިލް ހުށަހަޅައި، އެއަށް ބަހުސްކޮށް ކޮމިޓީ މަރުހަލާ ނިންމައި މަޖިލީހުން ބިލް ފާސްކުރި ކަމަށާއި އަދި އެ ދުވަހުން ދުވަހަށް އިސްލާހު ތަސްދީގު ކުރެއްވުމުން އެކަން ހާމަވާކަން އަލީ ހުސެއިން ފާހަގަ ކުރެއްވި އެވެ.
އާންމުކޮށް މަޖިލީހުން ފާސްކުރާ ބިލްތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރި ނަމަވެސް، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގައި އެފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވެ އެވެ.
މި މައްސަލާގައި މިއަދު ކުރިއަށްދާ އަޑުއެހުމުގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ އެ މައްސަލަ ކޯޓުން ބަލައިފި ނަމަ، އެއީ ކޯޓަށް ނެތް ބާރެއް ބޭނުންކުރުން ކަމަށް ވެދާނެތޯ ވެސް ސުވާލު ކުރައްވައިފަ އެވެ.
އަލީ ހުސެއިން ވިދާޅުވީ ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އުފައްދަނީ ދުސްތޫރީ ސުވާލެއް ކަމަށާއި އެފަދަ ދުސްތޫރީ ސުވާލުތަކާ ގުޅޭ މައްސަލަތަކުގެ އިހްތިސޯސް ސުޕްރީމް ކޯޓަށް އޮންނާނެ ކަމަށެވެ. އަދި ސުވާލު އުފެދިފައިވަނީ ރާއްޖޭގައި މި އޮތް ރިޔާސީ ނިޒާމްގެ ތަރުތީބު ގެއްލިގެންދާތީ އެކަމާ ގުޅޭ ގޮތުން ކަމަށާއި އެހެންކަމުން އެ ހާލަތުގައި ކޯޓަށް މައްސަލަ ބެލެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް މަޖިލީހުން ސުޕްރީމް ކޯޓާއި އެ ކޯޓުގެ ބާރުތައް ގާނޫނުއަސާސީ އިސްލާހުކޮށް އުވާލީ. އޭރަށް ދެން ކޮންތާކަށްތޯ ދާނީ، ކާކުތޯ އެކަން ބަލާނީ،" އަލީ ހުސެއިން ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުން މިއަދު ވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ތަކުރާރުކޮށްފަ އެވެ. އެ އޮފީހުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނުއަސާސީގެ ބައެއް ބާތިލް ކުރަން ކޯޓަށް މައްސަލައެއް ނުބެލޭނެ ކަމަށެވެ. ނަމަވެސް، ގާނޫނުއަސާސީގެ މާއްދާގެ ސަބަބުން މީހަކަށް އަސަރެއް ކޮށްގެން އެމީހަކަށް ކޯޓަށް މައްސަލަ ހިފައިގެން އާދެވިދާނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.
ކޯޓުތަކަށް އޮތް ބާރަކީ ގާނޫނުއަސާސީ މާނަކޮށްދިނުން ކަން ފާތިމަތު ހަލީމް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާ ބުނުމާ އެމްޑީޕީން ވެސް ވަނީ ޝަރީއަތުގެ މަޖިލީހުގައި މިއަދު ދެކޮޅު ހަދައިފަ އެވެ. މައްސަލައަށް ތަދައްހުލުވެފައިވާ އެމްޑީޕީގެ ވަކީލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ގާނޫނުއަސާސީން މަޖިލީހަށް ދީފައި އޮތް ބާރަކީ އިސްލާހު ކުރުން ކަމަށާއި ގާނޫނުއަސާސީ މުގުރާލުން ނޫން ކަމަށެވެ.
މަޖިލީހަށް ވެސް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ އަސާސީ ސިފަތައް ނުގެއްލޭ ގޮތަށް ކަމަށާއި އެއާ ހިލާފަށް ގެންނަ އިސްލާހެއްގެ މައްސަލަ ޖުޑިޝަލް ރިވިއު މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަނަސް ވިދާޅުވި އެވެ.
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން
ގޮނޑިގެއްލޭ އިސްލާހު މިހާރުގެ މެމްބަރުންނަށް ނުހިނގާނެ
ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލަ ބަލައިގެންފި
ގާނޫނުއަސާސީ، ގާނޫނުއަސާސީއާ ހިލާފުވީތަ؟!
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ފަނޑިޔާރުން ސަސްޕެންޑްކުރީ ގާނޫނާހިލާފަށް: ވަކީލުން
ވަގުތީއަމުރާ މެދު ގޮތް ނިންމާ އަޑުއެހުން ކެންސަލްކޮށްފި
ގޮނޑި ގެއްލޭ އެއްވެސް ކަމެއް ނުހިންގަން އަމުރަކަށް
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ