Roadha Mihaaru
މުސްލިމުން މަނާކުރި އަމުރަށް ކޯޓުގައި އަނެއްކާވެސް ނާކާމިޔާބު

މުސްލިމުން މަނާކުރި އަމުރަށް ކޯޓުގައި އަނެއްކާވެސް ނާކާމިޔާބު

13 ޖޫން 2017

ވޮޝިންޓަން (ޖޫން 13) - މުސްލިމް ހަ ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް ދަތުރުކުރުން މަނާކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރުގެ ސައްހަ ކަމެއް ނެތް ކަމަށް އެމެރިކާގެ އިސްތިއުނާފް ކޯޓަކުން އިއްޔެ ނިންމުމާ އެކު ކޯޓުތެރޭން ޓްރަމްޕަށް އަނެއްކާވެސް ނާކާމިޔާބުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ޖޫން 13) - މުސްލިމް ހަ ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް ދަތުރުކުރުން މަނާކޮށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރުގެ ސައްހަ ކަމެއް ނެތް ކަމަށް އެމެރިކާގެ އިސްތިއުނާފް ކޯޓަކުން އިއްޔެ ނިންމުމާ އެކު ކޯޓުތެރޭން ޓްރަމްޕަށް އަނެއްކާވެސް ނާކާމިޔާބުވެއްޖެ އެވެ.

ސެން ފްރެންސިސްކޯގެ ނައިންތު ސާކިޓް ކޯޓް އޮފް އެޕީލްސްގެ ތިން ފަނޑިޔާރުންގެ ނިންމުން ބިނާކޮށްފައި ވަނީ އިމިގްރޭޝަން ގާނޫނުތަކުގެ މައްޗަށެވެ. މިއީ މުސްލިމުން މަނާކުރި އަމުރަށް ތިން ހަފުތާ ތެރޭ ކޯޓުތަކުގެ ތެރޭން ނާކާމިޔާބުވި ދެ ވަނަ ފަހަރެވެ. ވާޖީނިއާގެ ފޯތު ޔޫއެސް ސާކިޓް ކޯޓް އޮފް އެޕީލްސް އިން މިދިޔަ މަހު ނިންމާފައި ވަނީ މުސްލިމް ހަ ގައުމުގެ މީހުން އެމެރިކާ އަށް ވަނުން މަނާކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.

އިސްތިއުނާފް ކޯޓުގެ ހުކުމާ އެކު އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ވިދާޅުވެފައި ވަނީ ބައެއް ގައުމުތަކުގެ މީހުންގެ ފަރާތުން އެމެރިކާ އަށް ނުރައްކާވެފައިވާކަމީ ހަގީގަތެއް ކަމަށެވެ. އަދި ބައެއް ގައުމުތަކުން ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާ ފަދަ ޓެރަރިސްޓް ގްރޫޕްތައް ސްޕޮންސާކޮށްފައި ކަމަށެވެ.

މުސްލިމް މަނާކުރުމަށް ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް އެމެރިކާގައި ވަނީ މުޒާހަރާތައް އިތުރުވެފައި. --ފޮޓޯ:އޭއެފްޕީ

މުސްލިމް މަނާކުރުމަށް ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް އެމެރިކާގައި ވަނީ މުޒާހަރާތައް އިތުރުވެފައި. --ފޮޓޯ:އޭއެފްޕީ

މުސްލިމުން މަނާ ކުރުމަށް ޖެނުއަރީ މަހު ޓްރަމްޕް ނެރުއްވި އަމުރު ވެސް ޝަރުއީ ދާއިރާ އިން ހުއްޓުވާފައިވާތީ އެ އަމުރު މުތާލިއާ ކުރުމަށް ފަހު ދެ ވަނަ އަށް ނެރުނު އަމުރު ވެސް ވަނީ ހަވާއީގެ ޑިސްޓްރިކްޓް ކޯޓުން ހުއްޓުވައިފަ އެވެ. ހަވާއީގެ އެޓާނީ ޖެނެރަލް ޑަގްލަސް ޗިން ވިދާޅުވީ އިސްތިއުނާފް ކޯޓުގެ އެންމެ ފަހުގެ ހުކުމުން ދައްކުވައިދެނީ އެމެރިކާގެ ޗެކްސް އެންޑް ބެލެންސް ނިޒާމުގެ ފުރިހަމަކަން ކަމަށެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ނެރުނު އަމުރު އިޔާދަކޮށް ދިނުމަށް އެދި ވައިޓް ހައުސް އިން ސުޕްރީމް ކޯޓުގައި ވަނީ އެދިފަ އެވެ. ވައިޓް ހައުސް އިން ބުނެފައި ވަނީ ސްޕްރީމް ކޯޓުގައި ކާމިޔާބު ހޯދާނެ ކަމަށެވެ.

ޓްރަމްޕާ އެއްކޮޅަށް ނިންމަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ތާއީދު ބޭނުންވާނެ އެވެ. ނީލް ގޯސަޗް ފަނޑިޔާރު ކަމަށް ޓްރަމްޕް ހަމަޖެއްސެވުމާ އެކު 5-4 އިން ސުޕްރީމް ކޯޓުގައި އޮންނަނީ ކޮންޒަވެޓިވް އަޣުލަބިއްޔަތެވެ. ނަމަވެސް ކޮންޒަވެޓިވް ފަނޑިޔާރު އެންތަނީ ކެނެޑީ އަކީ ބައެއް ފަހަރު ލިބެރަލްސްއާ އެއްކޮޅަށް ވެސް ނިންމާ ފަނޑިޔާރެކެވެ.

މުސްލިމް ހަތް ގައުމެއްގެ ރައްޔިތުންނަށް އެމެރިކާ އަށް ދަތުރުކުރުން 90 ދުވަހަށް މަނާކުރަން ރައީސް ޓްރަމްޕް ފުރަތަމަ ނެރުއްވި އަމުރު ހުއްޓުވީ ސީޓަލްގެ ފަނޑިޔާރެކެވެ. އެ ހުއްޓުވުމަށް ފަހު އަލުން އާ އަމުރެއް ޓްރަމްޕް ނެރުއްވީ އޭގެ ތެރެއިން އިރާގު އުނިކޮށް މުސްލިމް ހަ ގައުމު ކަމަށްވާ އީރާން، ސީރިޔާ، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނަށް އަމާޒުކޮށެވެ. އޭގެ އިތުރުން ރެފިއުޖީން އެތެރެވުން 120 ދުވަހަށް ވެސް ވަނީ މަނާކޮށްފަ އެވެ.

ކެމްޕެއިންގައި ޓްރަމްޕް ވަނީ މުސްލިމުންނަށް އެމެރިކާ އަށް ވަނުން މަނާކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އޭނާގެ ދެ އަމުރު ވެސް ނެރުއްވީ ޓެރަރިސްޓުންގެ ފަރާތުން އެމެރިކާ ހިމާޔަތްކުރެއްވުމަށް ކަމަށް ވިދާޅުވެ އެވެ. އެކަމަކު އެ އަމުރާ ދެކޮޅު މީހުން ގަބޫލުކުރަނީ އެ އަމަލަކީ ނަސްލީ އަދި ދީނީ ތަފާތުކުރުންތަކެއްގެ ގޮތުގަ އެވެ.