Roadha Mihaaru

ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް 1،000 ޓަނުގެ މުދާ އެކްސްޕޯޓުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ފޯރުކޮށްދޭން ފަށާފައިވާ ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ތެރެއިން 1،000 ޓަނުގެ މުދާ މިހާތަނަށް އެކްސްޕޯޓުކޮށްފި އެވެ.

ސީ-ޓު-އެއާ ހިދުމަތުން 1،000 ޓަނުގެ މުދާ ބޭރަށް
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

02 ޑިސެމްބަރ 2024

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ފޯރުކޮށްދޭން ފަށާފައިވާ ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ތެރެއިން 1،000 ޓަނުގެ މުދާ މިހާތަނަށް އެކްސްޕޯޓުކޮށްފި އެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ، އެ ހިދުމަތަށް ވާޖިން އެޓްލާންޓިކް ގުޅުމާ އެކު ސީ ޓު އެއާ ކާގޯ ހިދުމަތުގައި މިހާރު 12 އެއާލައިން ހިމެނޭ ކަމަށެވެ. ވާޖިން އެޓްލާންޓިކްގެ އިތުރުން އެ ހިދުމަތް ފޯރުކޮށްދޭ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ ޓާކިޝް، ގަތަރު، އެމިރޭޓްސް، އިއްތިހާދު، އޭރޯފްލޮޓް، ނިއޯސް، ގަލްފް އެއާ، ޑިސްކަވާ، އޮސްޓްރިއަން، ކޮންޑޯ އަދި ބްރިޓިޝް އެއާވޭސް އެވެ.

ސީ ޓު އެއާ ކާގޯގެ ހިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ އެމްއޭސީއެލް އިން ރައްކާތެރިކަމާ އެކު އަވަހަށް ވައިގެ މަގުން އެކި މަންޒިލްތަކަށް ފޯރުކޮށްދޭން ފެށި ހިދުމަތެކެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި ފެށި އެ ހިދުމަތުގެ ދަށުން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓްތަކެވެ.

އެމްއޭސީއެލް އިން ބުނީ އާ އެއާލައިންތަކުން އެ ހިދުމަތް ދިނުމަށް ގުޅުމުން ވީއައިއޭގެ ކާގޯ ހިދުމަތް އިތުރަށް ފުޅާވާނެ ކަމަށެވެ. އެ ކުންފުނިން އެ ހިދުމަތާ އެކު އެއާޕޯޓުގެ ކާގޯ ހިދުމަތް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ވެސް ބުންޏެވެ.

ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ ހިއްސާ އޮތުމުގެ ފައިސާ އިގްތިސާދަށް ބޮޑު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.