Roadha Mihaaru

ދުންފަތާ ދުރުވާން ހޯދާ ފަރުވާއަށް އާސަންދަ ލިބޭނެ: ނާޒިމް

ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމުން ދުރުވާން އެހީވުމަށް އާސަންދަ ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތާ ދުރުވުމަށް ހޯދާ ފަރުވާއަށް އާސަންދަ ލިބޭނެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

05 ޑިސެމްބަރ 2024

ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމުން ދުރުވާން އެހީވުމަށް އާސަންދަ ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ދުންފަތާ ދުރުވުމަށް އެހީވުމަށް ޓޮބޭކޯ ސިޒޭޝަން ކްލިނިކް ގާއިމްކުރަން މިދިޔަ އަންގާރަ ދުވަހު ކެބިނެޓުން ވަނީ ނިންމައިފަ އެވެ.

ހެލްތު މިނިސްޓަރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ދުންފަތުން ދުރުވުމަށް ބޭނުންވާ މީހުންގެ ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ދުންފަތް ބޭނުން ކުރުމަށް އާދަވެފައިވާ މީހުން އެކަމުން ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ސިޒޭޝަން ހިދުމަތް މުޅި ރާއްޖޭގައި ފެށުމަށްޓަކައި ބަޖެޓް ހަމަޖައްސާފައިވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ދެތިން މަސް ތެރޭ ހުރިހާ ރަށަކުން އެ ހިދުމަތް ލިބޭނެ ގޮތް ހެދުމެވެ.

ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން ސިޒޭޝަންގެ ހިދުމަތް މާލޭގައި ދެނީ ތިން ހޮސްޕިޓަލަކުންނާއި ދަމަނަވެށިންނެވެ. އަދި މިހާރު އަތޮޅު ތެރޭގެ 48 ރަށަކުން އެ ހިދުމަތް ލިބެ އެވެ.

މީގެ އިތުރުން އެކަމަށްޓަކައި ހާއްސަ ހޮޓްލައިނެއް ވެސް ހެލްތު މިނިސްޓްރީން ވަނީ ގާއިމްކޮށްފަ އެވެ.