ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
09 ޑިސެމްބަރ 2024
ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި އެ ބިލް ފާސްކޮށްފައިވަނީ މަޖިލީހުގެ މިއަދު ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
ކަފާލާތަކީ ކޯޓުން ކަނޑައަޅާ ޝަރުތުތަކެއްގެ ދަށުން ނުވަތަ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދު ދޫކުރާ އުސޫލެވެ. ޖިނާއީ އިޖުރައާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ކަފާލާތު ދެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް އެކަންޏެވެ.
އެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައިވާ ގޮތުން މީހެއްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އިސްތިއުނާފް ކޮށްފިނަމަ އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކުރެވިދާނެ އެވެ. ނަމަވެސް މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނަށް ކަފާލާތު ނުދެވޭނެ ކަމަށް އެ ބިލްގައިވެ އެވެ.
އެ ބިލްގައިވާ ގޮތުން އިސްތިއުނާފް މަރުހަލާގައި ކުށްވެރިންނަށް ކަފާލާތު ދެވޭނީ އިސްތިއުނާފް މައްސަލާގައި އެކަށީގެންވާ އަސާސެއް އޮތުމާއި އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކަށް އަމަލު ކުރާނެ ކަމާއި އަދި އިތުރަށް ބަންދުކޮށްގެން ހާސިލްވާނެ މަސްލަހަތެއް ނެތްކަން އެ މީހާގެ ފަރާތުން ސާބިތުކޮށް ދިނުމުންނެވެ.
މީގެ އިތުރުން ދަށު ކޯޓުތަކުގައި ކުށް ސާބިތުވާ މީހުންނަށް ވެސް އަދަބު ކަނޑައެޅުމުގެ ކުރިން ކަފާލާތުގެ އުސޫލުން ދޫކުރެވޭ ގޮތަށް އެ ބިލްގައި ހިމަނާފައިވެ އެވެ. ނަމަވެސް މިގޮތަށް ދޫކުރެވޭނީ އެ މީހަކު ބަންދުން ދޫކުރުމަކީ އިންސާފު ގާއިމްކުރަން މުހިންމު ކަމެއް ކަމުގައި ސާބިތުކޮށް ދިނުމުން ކަމަށް ބިލްގައިވެ އެވެ.
މިގޮތަށް ކަފާލާތުގެ ދަށުން ބަންދުން ދޫކުރިޔަސް، ފުރުން މަނާ ކުރުމާއި ކޯޓުން އަންގާ ގަޑިއަކަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުން ފަދަ ޝަރުތުތައް ކުރެވިދާނެ ކަމަށް ބިލްގައިވެ އެވެ.
ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަފާލާތު ދިނީ 2018 ވަނަ އަހަރު ޖަލުގައި އޭރު ތިއްބެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށެވެ. އެ ތިން ބޭފުޅުން ހައި ކޯޓުން ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރީ އެ ބޭފުޅުންގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރަން ހުށަހަޅާފައިވާތީ އިސްތިއުނާފް ނިމެންދެނެވެ.
ނަމަވެސް އޭގެފަހުން ހައި ކޯޓުން ނިންމާފައިވަނީ އިސްތިއުނާފް މަރުހަލާގައި ކަފާލާތު ދެވޭނެ އުސޫލެއް ރާއްޖޭގެ ގާނޫނުގައި ނެތުމުން އެގޮތަށް ކަފާލާތު ނުދެވޭނެ ކަމަށެވެ.
އިސްތިއުނާފް ނިމެންދެން ކުށްވެރިންނަށް ބެއިލް ދޭންވީތަ؟
ކަފާލާތުގެ ބިލުން ފައިދާ އޮތީ އެމްޑީޕީއަށް:ޝުޖާއު
ރާވައިގެން ގޯސްހަދާ މީހުން ދައުލަތުގައި އެބަތިބި: އޭޖީ
ދައުލަތަށް ނުހޯދިގެން 400މީހުން ހުކުމް ތަންފީޒުނުވެ!
އިމަޖެންސީގައި ޚާއްސަ ޖިނާއީ އިޖްރާއާތު ހިންގޭ ބިލެއް
ރާއްޖެ-އިންޑިއާ އެއްބަސްވުން: ބިރެއް ނެތް: އޭޖީ
ރާއްޖެ-އިންޑިއާ އެއްބަސްވުމަށް މަޖިލިހުން ރުހުން ދީފި
ރާއްޖެ-އިންޑިއާގެ ބޮޑު އެއްބަސްވުމެއް، ނަތީޖާއަކީ؟
މުޖުރިމުންނަށް ކައުންސިލަށް ވާދަކުރުމުގެ ދޮރު ހުޅުވިފައި
ސަރުކާރުން އުޅެނީ ކުށްވެރިން ލީޑަރުންނަށް ހަދަން