Roadha Mihaaru
ރާއްޖެ-އިންޑިއާ އެއްބަސްވުމަށް މަޖިލިހުން ރުހުން ދީފި

ރާއްޖެ-އިންޑިއާ އެއްބަސްވުމަށް މަޖިލިހުން ރުހުން ދީފި

08 ޖުލައި 2019

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ރުހުން ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ރުހުން ދީފި އެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓާސް" އެއްބަސްވުމުގައި ސޮއިކުރަން ފެންނަ ކަމަށް މަޖިލިހުން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 65 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އިންޑިއާއާ އެކު މި އެއްބަސްވުން ގާއިމްކުރަން ނުފެންނަ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެއްބަސްވުމަށް މަޖިލިހުން ރުހުން ދިނީ ސުޕް މެޖޯރިޓީ ކޮންޓްރޯލްކުރާ އެމްޑީޕީގެ މެމްބަރުންނެވެ.

ރާއްޖެ އާއި އިންޑިއާ އިން ގާއިމްކުރަން އުޅޭ އެއްބަސްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓުން ވަނީ ރުހުން ދީފަ އެވެ. އެއްބަސްވުމާ މެދު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ގޮތެއް ނިންމަވައި ދެއްވުމަށް އެދި މަޖިލިހަށް ފޮނުއްވި އިރު، އެއްބަސްވުން ދިރާސާކުރި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ގުޅޭ ކޮމިޓީން ވެސް ނިންމާފައި ވަނީ އެއްބަސްވުން ކުރިއަށް ގެންދާށެވެ.

މުއާހަދާގެ ބޭނުމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވަން ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމެވެ. ކޯޓު އަމުރު ތަންފީޒު ކުރުމުގަ އާއި އެހެނިހެން ޝަރުއީ ކަންކަމާއި ކުށް މަދުކުރުމަށާއި ހުއްޓުވުމަށާއި މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް ބާރު އެޅުމެވެ. ޖިނާއީ މައްސަލަތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ދެ ގައުމުން އެހީތެރިކަން ދިނުމަށް މުއާހަދާގައި ލާޒިމްކޮށްފައިވެ އެވެ.

އެއްބަސްވުމުގައިވާ ގޮތުން ޖިނާއީ ތަހުގީގެއް ކުރިއަށްދާ އިރު، ތުހުމަތުކުރެވޭ މީހާ އުޅޭ ތަނާއި އެމީހަކު ގެންގުޅޭނެ ތަކެތި ބެލުމުގެ އިހްތިޔާރު ލިބެ އެވެ. އަދި އެމީހެއް ގެންގުޅޭ ބޭންކާ ގުޅޭ މައުލޫމާތުތަކާއި މާލީ އަދި ވިޔަފާރީގެ ރިކޯޑުތައް ދޭނ ވާނެ ކަމަށް ބުނެފައިވެ އެވެ. ބަންދުކޮށްފައި ހުންނަ މީހަކު، ތަހުގީގަށް އެއްބާރުލުން ދިނުމުގެ ފުރުސަތު ފަހިކޮށްދޭން ވާނެ ކަމަށް ވެސް މުއާހަދާގައިވެ އެވެ.

މީގެ އިތުރުން އެއްވެސް މީހަކު ޓެރަރިޒަމްގެ އަމަލެއް ހިންގާ ނަމަ، އެމީހަކު ހަރަދު ކުރަން ގެންގުޅޭ ފައިސާ ހިފެހެއްޓުމުގެ ބާރު ވެސް އެއްބަސްވުމުގައި އޮތީ ދީފަ އެވެ.

އެ ގައުމެއްގެ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ މައުލޫމާތާއި ލިޔެކިޔުމާއި ރިކޯޑުތަކާއި ތަކެއްޗަކީ އާންމުކޮށް ލިބެން ނެތް ތަކެތި ކަމުގައިވީ ނަމަވެސް، އެ ގައުމެއްގެ ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށާއި ޝަރުއީ ކޯޓުތަކަށް އެ މައުލޫމާތުތަކާއި ލިޔެކިޔުންތައް ފޯރުކޮށްދޭ މިންވަރަށް ދެ ގައުމަކުން ކުރެ ގައުމަކުން އެދެފި ނަމަ، އެތަކެތި ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް އެއްބަސްވުމުގައި ބުނެފައިވެ އެވެ.

މި އެއްބަސްވުން ފުރަތަމަ ހަދަން އުޅުނީ މީގެ 10 އަހަރު ކުރިންނެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު، އެކި ސަބަބުތަކާ ހުރެ އޭގައި ސޮއިކުރެވޭ ގޮތެއް ނުވެ އެވެ.

މިއީ ޖިނާއީ ކުށްތައް ހުއްޓުވުމުގެ ބޭނުމުގައި ރާއްޖެ އިން ބޭރުގެ ގައުމަކާ އެކުގައި އެއްބަސްވާން އުޅޭ ފުރަތަމަ ފަހަރެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ވަނީ މި އެއްބަސްވުމަށް ދެކޮޅު ހަދައިފަ އެވެ.