Roadha Mihaaru

މެދުނުކެނޑި ދެ ގަޑިއިރު ވަންދެން ވެހުނު ވާރެއާ އެކު، ހެނބަދޫ ފެނުއަޑީގައި!

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ނ. ހެނބަދު އަށް ބޯކޮށް ވާރޭ ވެހި، މިއަދު ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.

ދެގަޑިއިރު ވެހުނު ވާރެއާ އެކު، ހެނބަދޫ ފެނުއަޑީގައި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

17 ޑިސެމްބަރ 2024

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ނ. ހެނބަދު އަށް ބޯކޮށް ވާރޭ ވެހި، މިއަދު ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ އެވެ.

އެ ރަށު ކައުންސިލް މެމްބަރު އަބޫބަކުރު މުހައްމަދު "މިހާރު" އަށް ވިދާޅުވީ، މިއަދުގެ ހެނދުނު ދެ ގަޑިއިރު ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މިހާރު މުޅި ރަށުގައި ފެން ބޮޑުވެފައިވާ ކަމަށެވެ.

"ހެނދުނު 6:00 ހާއިރު ވެހެން ފެށީ. 7:30 ނުވާނެ މުޅި ރަށުގައި ފެންބޮޑުވެ، ގެ ތަކުގައި ފެންބޮޑުވެއްޖެ. ދެގަޑިއިރެއްހާ އިރު ވާނީ އެ ވިލާގަނޑުގައި ވާރޭ ވެހެން ފެށިތާ. މިހާރު ބައެއް ހިސާބުތަކުގައި ދެ ފޫޓު މައްޗަށް ފެން ބޮޑުވެފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ނ. ހެނބަދޫއަށް ވެހުނު ވާރޭގައި ގެއެއްގެ ގޯތިތެތޭ ފެންބޮޑުވެފައި.-- ފޮޓޯ: އެމްއެންޑީއެފް

ނ. ހެނބަދޫއަށް ވެހުނު ވާރޭގައި ގެއެއްގެ ގޯތިތެތޭ ފެންބޮޑުވެފައި.-- ފޮޓޯ: އެމްއެންޑީއެފް

ގާތްގަނޑަކަށް 130 ގެ ހުންނަ ހެނބަދޫގެ 80 ޕަސެންޓު ގެތަކަށް ފެން ވަދެ، ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު، އޭނާ ވިދާޅުވީ، ލިބުނު ގެއްލުން އެނގޭނީ ފެން ހިންދައި ނިމި މައުލޫމާތުތައް އެއްކުރުމުން ކަމަށެވެ.

ހެނބަދޫން ފެން ހިންދުމުގެ މަސައްކަތް ކައުންސިލާއި އެ ރަށުގެ ސްކައުޓް ކުދިންނާއި އެމްއެންޑީއެފުން ކުރަމުން އަންނަ ކަމަށް ވެސް އަބޫބަކުރު ވިދާޅުވި އެވެ.

"ރަށުގެ ދެ ސަރަހައްދުގައި ހުންނާނެ ފެން ހިންދާ ނިޒާމު ބަހައްޓާފައި. އެކަތި އިންނާނީ މޫދަށް ގުޅާފައި. ދިޔަވަރު ބޮޑު ވަގުތަކާ ދިމާވީމާ ހޮޅިން ފެން ބޭރެއް ނުވޭ. އަނެއްކާ ވާރޭ ވެހިގެން ފެން ބޮޑުވީ ފުރަތަމަ އަޑިން. އެހެންވެ އެހާ އަވަހަށް ފެން ބޮޑުވީ،" އޭނާ ވިދާޅުވި އެވެ.

ނ. ހެނބަދޫއަށް ވެހުނު ވާރޭގައި ގެއެއްގެ ގޯތިތެތޭ ފެންބޮޑުވުމުން ފެން ހިއްލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް

ނ. ހެނބަދޫއަށް ވެހުނު ވާރޭގައި ގެއެއްގެ ގޯތިތެތޭ ފެންބޮޑުވުމުން ފެން ހިއްލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެމްއެންޑީއެފް

އަބޫބަކުރު ވިދާޅުވިގޮތުގައި މިހާރު މަސައްކަތް ކުރަނީ ގެ ތަކަށް ވަދެފައިވާ ފެންތައް ހިންދުމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފައިވާ ގޮތުގައި މިހާރު ރާއްޖެ އަށް ކުރަމުން ދަނީ ދެ މޫސުން ބެދޭ ވިއްސާރަ އެވެ.