Roadha Mihaaru
ތާށިކަން ފިލުވާލުމަށް "ލައިފު"ން އިތުރަށް އުފައްދަނީ

ތާށިކަން ފިލުވާލުމަށް "ލައިފު"ން އިތުރަށް އުފައްދަނީ

08 މާޗް 2017

މާލޭގެ ފިހާރަތަކުން ފަސް ލީޓަރުގެ މިނަރަލް ވޯޓާ ލިބުން ދަތިވުމާ ގުޅިގެން ލައިފް ބްރޭންޑުން އިތުރަށް ފެން އުފައްދައި ބާޒާރަށް ނެރެފިި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގެ ފިހާރަތަކުން ފަސް ލީޓަރުގެ މިނަރަލް ވޯޓާ ލިބުން ދަތިވުމާ ގުޅިގެން ލައިފް ބްރޭންޑުން އިތުރަށް ފެން އުފައްދައި ބާޒާރަށް ނެރެފިި އެވެ.

ފުޅީގައި ބަންދުކުރި ފެން މާލެއިން ލިބުން ދަތިވީ، ތާޒާ ބްރޭންޑްގެ ފަސް ލީޓަރުގެ ބައެއް ފެންފުޅީގައި ވަހެއް ހުރުމުން، އެ ފެންފުޅިތައް ފިހާރަތަކުން ނެގުމާއި އެ ކުންފުނިން ފަސް ލީޓަރުގެ ފެން ސަޕްލައި ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމުންނެވެ. އަދި މިދިޔަ އާދިއްތަ ދުވަހު މުޅި މާލެއިން ފެެން ކެނޑުމާ އެކު ފިހާރަތަކުގައި ހުރި ގިނަ އަދަދެއްގެ ފެން އާންމުން ގަނެ، ގޭގޭގައި ވަނީ ރައްކާކޮށްފަ އެވެ.

ލައިފް ބްރޭންޑްގެ ފެން އުފައްދާ ހެޕީ މާކެޓްގެ މެނޭޖިން ޑިރެކްޓަރު އަލީ އިހްސާން ވިދާޅުވީ ތާޒާގެ ފަސް ލީޓަރުގެ ފެން ސަޕްލައި ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމުންނާއި ގިނަ ބަޔަކު ފެން ރައްކާކުރުމުން ފަސް ލީޓަރުގެ ފެނަށް ވަރަށް ބޮޑު ޑިމާންޑެއް އުފެދުނު ކަމަށެވެ. އެހެންވެ، ގިނަ ބައެއްގެ އެދުމުގެ މަތިން އިތުރަށް ފެން އުފައްދައި ބާޒާރަށް ނެރެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ފެން އުފެއްދި ނަމަވެސް ފިހާރަތަކަށް ފެން ފޯރުކޮށްދިނުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އެހެންވެ، އިތުރަށް ފެން އުފެއްދި ނަމަވެސް ފިހާރަތަކުން އެ ފެން ލިބެން ފަށާނީ ގާތްގަނޑަކަށް ހަތަރު ފަސް ވަރަކަށް ދުވަސް ފަހުން،" އިހުސާން ވިދާޅުވި އެވެ.

ލައިފް ފެން އުފައްދާ ފެން ޕްލާންޓް ހުންނަނީ ކ. ހިންމަފުށީގަ އެވެ.

އޭނާ ވިދާޅުވީ ފެން އުފުލާ އުޅަނދު މާލޭ ބަނދަރަށް ކައިރި ނުކުރެވިގެން އެތައް ގަޑިއިރެއް ހޭދަ ކުރަން ޖެހޭ ކަމަށާއި ބައެއް ދުވަސް ދުވަހު އަށް ގަޑިއިރު ވެސް އެކަމަށް ހޭދަ ކުރަން ޖެހޭ ކަމަށެވެ. އަދި މާލޭގައި ފިހާރަތަކަށް ފެން ފޯރުކޮށްދިނުމަކީ ކުރަން އުނދަގޫ ކަމެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މާލޭގެ ޓްރެފިކް ހުންނަ ގޮތުން ފިހާރަތަކަށް ފެން ޑެލިވާ ކޮށްދިނުމަކީ ވެސް ވަރަށް އުނދަގޫކަމެއް. ފިހާރަތަކުގައި ފެން ރައްކާކުރެވޭނެ ގޮތެއް ނުހުރޭ. އެހެންވެ، އެންމެ އެކަށީގެންވާ ގޮތެއްގައި ފެން ފޯރުކޮށެއް ނުދެވޭ،" އިހްސާން ވިދާޅުވި އެވެ.

މައްސަލަ ދިމާވި ތާޒާ ބްރޭންޑުގެ ދެ ބެޗުގެ ފެނުގެ ރައްކާތެރިކަން ބެލުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހާރު އަންނަނީ ޓެސްޓްތައް ހަދަމުންނެވެ. އެކަމަކު އެމްޑަބްލިއެސްސީއާ ގުޅޭގޮތް ނުވުމުން ފަސް ލީޓަރުގެ ފެން އަލުން ފެން ފޯރުކޮށްދޭނެ އިރެއް ސާފުވާ ގޮތެއް ނުވި އެވެ.