Roadha Mihaaru
ހަނގުރާމައަށް ދާން އުޅުނު މީހަކު ދޫކޮށްލީ ރަނގަޅަށް

ހަނގުރާމަ އަށް ދާން އުޅެނިކޮށް ހައްޔަރުކުރި މީހަކު ދޫކޮށްލީ ރަނގަޅަށް: ހައި ކޯޓު

08 މާޗް 2017

ޖިހާދު ކުރަން ކަމަށް ބުނެ ސީރިއާ އަށް ދާން ރާއްޖެއިން ބޭޭރަށް ފުރައިގެން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ދަށު ކޯޓުން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިހާދު ކުރަން ކަމަށް ބުނެ ސީރިއާ އަށް ދާން ރާއްޖެއިން ބޭޭރަށް ފުރައިގެން ދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ދަށު ކޯޓުން ބަންދުން ދޫކޮށްލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ގދ. ވާދޫ އަށް ނިސްބަތްވާ އެ މީހާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިތުރު ބަޔަކާ އެކު، ޖިހާދަށް ކަމަށް ބުނެ ސީރިއާ އަށް ދާން ރާއްޖެއިން ބޭރަށް ދިޔަ ކަމަށް ބުނެއެވެ. އެކަމަކު އެ މީހާ ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި ހުއްޓާ ކަމެއް ނުވަތަ އެނބުރި ރާއްޖެ އައުމުން ކަމެއް ސާފެއް ނުވެއެވެ.

އެ މީހާ ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު އެ މީހާ ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމުމަށް ފަހު އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން މިދިޔަ ބުދަ ދުވަހު ހައި ކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

އެ މީހާ ބަންދުން ދޫކޮށްލިޔަސް ފުލުހުން ބޭނުން ނަމަ އެ މީހާގެ ޕާސްޕޯޓް ހިފަހައްޓައި، ފުރުން މަނާ ކުރެވިދާނެ ކަމަށް ދަށު ކޯޓުން އޮތީ ނިންމައިފަ އެވެ. އެ ނިންމުމާ އެއްގޮތަށް އެ މީހާ އަދިވެސް ހުރީ ފުރުން މަނާކޮށްފަ އެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު އެ މީހާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މިހާރު ވަނީ މައްސަލަ ފޮނުވައިފަ އެވެ.

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައެއް ދިވެހިން މިހާރު ވެސް ދަނީ ބައިވެރިވަމުންނެވެ. އެ ހަނގުރާމާގައި ބައިވެރިވަމުން ދަނިކޮށް ބައެއް ދިވެހިން ވަނީ މަރުވެފަ އެވެ. ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމާއި ހަނގުރާމައެއްގައި ބައިވެރިވާން އުޅުމަކީ ބޮޑު އަދަބު އަންނަ ކުށެކެވެ.

ސީރިއާ ހަނގުރާމަ އަށް ދާން އުޅުނު ތިން މީހަކާއި ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްގައި އުޅުމަށް ފަހު ރާއްޖެ އެނބުރި އައި މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށް، ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ.