Roadha Mihaaru
ހުސޭނުބޭގެ މަރު: ޖަލަށްލި އެކަކު ދޫކޮށްލައިފި

ހުސޭނުބޭގެ މަރު: 15 އަހަރަށް ޖަލަށްލި މީހާ ޕެރޯލްގެ ދަށުން ދޫކޮށްލައިފި

18 ޖެނުއަރީ 2023

ހއ. ހޯރަފުށީގައި ރަހީނު ކޮށްގެން އުޅެނިކޮޮށް މަރުވި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) މަރުގެ މައްސަލާގައި އުމުރަށް ޖަލަށްލި އެކަކު ޕެރޯލްގެ ދަށުން ދޫކޮށްލައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހއ. ހޯރަފުށީގައި ރަހީނު ކޮށްގެން އުޅެނިކޮޮށް މަރުވި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) މަރުގެ މައްސަލާގައި އުމުރަށް ޖަލަށްލި އެކަކު ޕެރޯލްގެ ދަށުން ދޫކޮށްލައިފި އެވެ.

ވިޔަފާރިވެރިއެއް ކަމަށްވާ ހުސޭނުބޭ 2010 ވަނަ އަހަރު މަރުވީ އޭނާގެ ގެއިން ވައްކަން ކުރުމަށް ވަދެ އޭނާ ރަހީނު ކޮށް ފަޅުގެއަކަށް ގެންގޮސް ދިން އަނިޔާތަކެއްގެ ސަބަބުންނެވެ. އޭނާގެ ގެއިން ގިނަ އަދަދެއްގެ ފައިސާ ވެސް ވަގަށް ނެގި އެވެ.

އެކަމާ ގުޅިގެން ދައުވާ ކުރީ، ހއ. ހޯރަފުށީ ޅޮހީގެ މުހައްމަދު ލަތީފާއި އެ ރަށު ސޯސަންވިލާ ނުއުމާން އަބްދުﷲ އާއި އެ ރަށު އުންމީދީ މަންޒިލް އަހުމަދު އިބްރާހިމްގެ މައްޗަށެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ، އެ ތިން މީހުން އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2016 ވަނަ އަހަރު އެވެ. އޭގެ ތެރެއިން ހުސޭނުބެއަށް ބޮޑުބޭބެ ކިޔާ ލަތީފްގެ ހުކުމް ހައި ކޯޓުން ކުރިން ވަނީ 15 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފަ އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު އައިމިނަތު ޔުސްރީން މިއަދު "މިހާރު"އަށް ވިދާޅުވީ، ލަތީފް ޖަލުން ދޫކޮށްލާފައި ވަނީ ޕެރޯލްގެ ދަށުން ކަމަށެވެ.

ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި ވަރެއް ތަންފީޒުކޮށް ނިމިފައިވާ މީހުން، އާންމުންގެ ރައްކާތެރިކަން ނުގެއްލޭ ގޮތަށް މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށް، ކަނޑައެޅޭ ވަކި ޝަރުތުތަކެއްގެ ދަށުން ޖަލުން ދޫކުރެވެ އެވެ. ޕެރޯލްގެ ދަށުން މީހަކު ދޫކުރާ އިރު ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ އަލުން ޖަލަށް ގެންދާނެ އެވެ.

ޕެރޯލްގެ ދަށުން ލަތީފް ދޫކޮށްލާފައިވާއިރު، ޑޮކްޓަރުގެ ލަފާގެ މަތިން ވަގުތީ ގޮތުން ނުއުމާން ވެސް ހުރީ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

ހުސޭނުބޭގެ މަރުގެ މައްސަލައިގައި ލަތީފަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ އަދަބެއްގެ ގޮތުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ދިން ނަމަވެސް، އޭނާގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމުން އަދަބު ކުޑަކުރަން ހައި ކޯޓުން ހުކުމް ކުރީ މާޗު 10، 2021ގަ އެވެ.

ލަތީފްގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރީ ހުސޭނުބޭ ރަހީނުކުރަން އެހީތެރިވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިޔަސް، ޓެރަރިޒަމްގެ ގާނޫނު އޮތްގޮތުން އެފަދަ ކުށަކަށް އެހީތެރިވާ މީހުންގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކުރި އެވެ.

ހުސޭނުބޭ ރަހީނު ކުރަން ބޭނުންވާ ސާމާނު އުފުލުމާއި ހުސޭނުބެ އަށް ފާރަލުމުގެ އިތުރުން އޭނާގެ ގެއިން ވައްކަން ކުރުމުގައި ލަތީފް ބައިވެރިވިކަން ސާބިތުވާ ކަމަށް ހައި ކޯޓުން ނިންމާފައިވެ އެވެ. އެގޮތުން، ހުސޭނުބޭ ރަހީނު ކުރުމަށް އެ ތިން މީހުން ވެގެން ދުރާލާ ރޭވި ކަމާއި އޭނާ ރަހީނު ކުރުމަށް ފަހު އޭނާގެ އަގަޔަށް ވެލި އަޅައި، ޓީޝާޓަކުން މޫނު ބަނދެފައިވާ ކަން ހެކިތަކުން އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.

ހައި ކޯޓުން ބުނީ، ހުސޭނުބޭ ރަހީނުކޮށް، ދިން ހަމަލާތަކުގައި ލަތީފްގެ ސީދާ ބައިވެރިވުމެއް ނެތަސް، ކުށުގެ އަސްލު އަމަލު ހިންގާ މީހުންނަށް އެހީވުމަކީ ނުވަތަ ހިތްވަރު ދިނުމަކީ އެ ކުށެއްގެ ޒިންމާ އުފުލަންޖެހޭނެ ކަމެއް ކަމަށެވެ.