18 ސެޕްޓެމްބަރ 2021
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ހަމަލާއިން މުޅި ރާއްޖެ ސިހިގެންދިޔަ އެވެ. އައިއީޑީއެއް ގޮއްވާލައި، ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ދިން އެންމެ ބޮޑު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޮޑު އޮޕަރޭޝަންތަކެއް ހިންގައި ގިނަ ބަޔަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ހައި ކޯޓުން ކުރި ހުކުމަކާ އެކު، އެ މައްސަލައިގެ ޝަރީއަތަށް ދެން ވާނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މެއި މަހު ދިން ހަމަލާއިން މުޅި ރާއްޖެ ސިހިގެންދިޔަ އެވެ. އައިއީޑީއެއް ގޮއްވާލައި، ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ދިން އެންމެ ބޮޑު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބޮޑު އޮޕަރޭޝަންތަކެއް ހިންގައި ގިނަ ބަޔަކު ހައްޔަރުކޮށް ވަނީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް ފަށަން ތައްޔާރުވެފައި ވަނިކޮށް ހައި ކޯޓުން ކުރި ހުކުމަކާ އެކު، އެ މައްސަލައިގެ ޝަރީއަތަށް ދެން ވާނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
އިސްލާމިކް ސްޓޭޓްގެ ފިކުރު ރާއްޖޭގައި ފަތުރަަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރި މުހައްމަދު އަމީންގެ މައްސަލަ އިތުރަށް ނުބެލޭނެ ކަމަށް ނިންމައި، ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގެ އަސަރު ފޯރަނީ ހަމައެކަނި އަމީންގެ މައްސަލައަކަށް ނޫނެވެ. ނަޝީދަށް ދިން ހަމަލާގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ މައްސަލަަތައް ވެސް ހައި ކޯޓުގެ އެ ހުކުމާ އެކު، އިތުރަށް ކުރިއަށް ގެންދެވިދާނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.
އަމީންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމީ އެ މައްސަލާގައި ދައުވާ ކުރުމުގެ މުއްދަތު ހަމަވެފައިވާ ކަމަށް ނިންމުމަށް ފަހު އެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ވެސް، ދައުވާލިބޭ މީހުންނަށް ދައުލަތުން ދައުވާ ކޮށްފައި ހުރީ އަމީންގެ މައްސަލާގައި ވެސް އަމަލު ކޮށްފައިވާ ގޮތަށެވެ. މި ދެ މައްސަލަ ގާނޫނީ ގޮތުން ގުޅޭ ހިސާބަކީ މިއީ އެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ބުނާގޮތުން އެ ގާނޫނުގެ ދަށުން ތުހުމަތެއް ކުރެވޭ މީހަކު ހައްޔަރުކޮށް، ބަންދުކުރާތާ ލަސްވެގެން 60 ދުވަސް ހަމަވުމުގެ ކުރިން ދައުވާ ކުރެވޭނެ އެވެ. އެކަމަކު އެ ގާނޫނުގެ ދަށުން ހައްޔަރުކުރާ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރެވެނީ ކުރު މުއްދަތަކަށެވެ. އެއީ ފުރަތަމަ ފަހަރު ނަމަ، ހަތް ދުވަހަށް ވުރެ ދިގު ނުވާ ގޮތަށް އަދި އިތުރަށް ބަންދު ކުރިޔަސް، މުޅި ޖުމްލަ 14 ދުވަހަށް ވުރެ އިތުރު ނުވާ ގޮތަށެވެ.
ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހައްޔަރު ކުރިޔަސް، ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އެ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ޓެރަރިޒަމްގެ ގާނޫނުގައި އޮވެ އެވެ. އަދި ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު މުއްދަތު އިތުރުކުރާ ނަމަ ޓެރަރިޒަމްގެ ގާނޫނަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ބަހައްޓަން ލިބެ އެވެ. އެހެންވެ، ފުލުހުން މިހާތަނަށް އަމަލުކުރާ ގޮތަކީ ޓެރަރިޒަމްގެ ތުހުމަތު ކުރެވުނަސް، ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އެ މީހަކު ބަންދުކުރަން އެދުމެވެ.
ނަމަވެސް ދައުވާކުރަމުން އައީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލައިގެންނެވެ. އެއީ ބަންދުގައި ހުރި މީހެއް ނަމަ، 60 ދުވަސް ތެރޭގައި ދައުވާކުރުން އަދި ބަންދުން ދޫކޮށްލާފައިވާ ނަމަ، 75 ދުވަސް ތެރޭގައި ދައުވާކުރުމެވެ. ކުރުކޮށް ބުނާ ނަމަ، ޓެރަރިޒަމްގެ މައްސަލަތަކުގައި މިހާތަނަށް ބަންދު މުއްދަތު އިތުރުކުރަމުން އައީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުންނެވެ. އެކަމަކު ދައުވާ ކުރަނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުގެ ދަށުންނެވެ. ނަޝީދަށް ހަމަލާދިން މައްސަލާގައި ވެސް އަމަލުކުރީ މިގޮތަށެވެ.
ނަމަވެސް، އަމީންގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމުން ކަނޑައެޅީ މިހާތަނަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރަމުން އައި އުސޫލު ގޯސް ކަމަށެވެ. އެ ހުކުމުގައިވަނީ ޖިނާއީ އިޖްރައާތުގެ ދަށުން މީހަކު ބަންދު ކޮށްފި ނަމަ، އެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ކުރަން ޖެހޭނެ ކަމަށެވެ. އެ ހުކުމުގައި ބުނާ ގޮތުން، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ކުރެވޭނީ އެ މީހަކު އެންމެ ފުރަތަމަ ބަންދުކުރީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަމަށް ވެއްޖެ ނަމަ އެވެ.
މާނައަކީ ޓެރަރިޒަމްގެ ތުހުމަތެއްގައި ހައްޔަރު ކުރިޔަސް، ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން އެ މީހެއްގެ ބަންދު މުއްދަތު އިތުރުކޮށްފި ނަމަ، އެންމެ ލަސްވެގެން 30 ދުވަސް ތެރޭގައި ދައުވާކުރަން ޖެހުމެވެ. އަދި ހާއްސަ ހާލަތެއްގައި ދައުވާކުރުމުގެ މުއްދަތު އިތުރުކުރަން ބޭނުންވިޔަސް، އެކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ހުއްދައެއް އޮންނަން ޖެހޭނެ އެވެ. އެފަދަ ހުއްދައެއް ނެތި ދައުވާ ކުރުމުގެ މުއްދަތު ހަމަވެއްޖެ ނަމަ، އެ މައްސަލައެއްގެ ފައިލް އެއްކޮށްހެން ބަންދުވީ އެވެ. އަމީންގެ މައްސަލާގައި ކަން ހިނގީ އެގޮތަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް --- ފޮޓޯ/މިހާރު
ޓެރަރިޒަމްގެ ތުހުމަތުގައި އަމީން ހައްޔަރު ކުރިޔަސް، އޭނާގެ ބަންދު މުއްދަތު އިތުރުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުންނެވެ. ފުލުހުން ގަބޫލުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު މުއްދަތު އިތުރު ކުރިޔަސް، ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތު ދައުވާ ކުރަން ލިބޭނެ ކަމަށެވެ. އެކަމަކު ހައި ކޯޓުން ނިންމީ އޭނާ ބަންދު ކުރުމުގައި ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ އިޖްރައާތަށް އަމަލު ކޮށްފައިވާތީ އޭނާގެ މައްޗަށް ދައުވާ ކުރުމުގައި ވެސް ހިނގާނީ އެ ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު ކަމަށެވެ. އަދި އޭނާއަށް ދައުވާ ކުރިއިރު އެ މުއްދަތު އޮތީ ހަމަވެފަ އެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައި، އެ މައްސަލަ ބޭރުކޮށްލުމުން އޭނާ މިނިވަންވީ އެވެ.
ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ތުހުމަތު ކުރެވޭ މީހުންނާ މެދު ވެސް ފުލުހުން އަމަލު ކޮށްފައި އޮތީ އަމީންގެ މައްސަލާގައި އަމަލުކުރި އުސޫލުންނެވެ. އެ މައްސަލާގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކޮށްފައިި އޮތީ ޖިިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ އިޖްރައާތުގެ ދަށުންނެވެ. އެކަމަކު ދައުވާކުރީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތަށް ބަލައިގެންނެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމް އޮތްގޮތުން ނަމަ، އެ މީހުންނަށް ދައުވާކޮށްފައި އޮތީ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުންނެވެ.
ތަހުގީގީ އިދާރާތަކާއި ކޯޓުތަކުން ހަދާ އިޖްރާއީ ކޮންމެ ގޯހަކީ މައްސަލަ ބޭރުކޮށްލައި ނުވަތަ ތުހުމަތު ކުރެވޭ މީހާ ދޫކޮށްލަންޖެހޭ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވެ އެވެ. މައްސަލަތައް ކޯޓުތަކުން ބޭރުކޮޮށްލެވޭނީ ރަނގަޅު ނުކުރެވޭނެ ފަދަ ބޮޑެތި އިޖްރާއީ ގޯސްތައް ހުންނަ ހާލަތްތަކުގައި އެކަނި ކަމަށް އޭރު ކަނޑައަޅާފައިވެ އެވެ. އެހެންވެ، ދައުވާ ކުރުމުގެ މުއްދަތު ހަމަވުމަކީ މައްސަލަ ބޭރުކޮށްލަންޖެހޭ ފަދަ ބޮޑު އިޖްރާއީ މައްސަލައެއްތޯ ނުވަތަ ނޫންތޯ ހައި ކޯޓުގެ ހުކުމުގައި ޖަވާބު ދީފައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެއްޖެ ނަމަ، އެއީ އިތުރަށް ރަނގަޅު ކުރެވޭނެ ފަދަ އިޖްރައާތެއް ނޫން ކަމަށެވެ. އެ ހާލަތުގައި އެ މައްސަލައެއް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށާއި ކޯޓަށް ޖެހޭނީ އެ މައްސަލަ ބޭރުކޮށްލަން ކަމަށް އެ ހުކުމުގައިިވެ އެވެ.
"ދައުވާ ކުރުމުގެ މުއްދަތަކީ ދައުވާ ކުރުމުގެ މުއްދަތު ފާއިތުވުމަށް ފަހު ރަނގަޅު ކުރެވޭނެ އިޖްރައާތެއް ނޫނެވެ. އަދި އެއީ އެއާ މެދު ސުވާލު އުފައްދައި، ބަހުސް ކުރުމަށްވުރެ ސާފުކޮށް ފެންނަން އޮތް ކަމެކެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެހެންވުމުން އަމީންގެ މައްސަލާގައި ހައި ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، ނަޝީދަށް ހަމަލާދިން މައްސަލަތައް ވެސް ކޯޓުން ބޭރުކޮށްލުމުގެ ފުރުސަތު އެބައޮތެވެ. އެ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށުމާ އެކު، އެ މައްސަލަ ފެންމަތިވާނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެ ނަމަ، ރާއްޖޭގައި ފަހުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޓެރަރިސްޓް ހަމަލާގެ ޝަރީއަތް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިި އަދި އެ މައްސަލާގައި ދައުވާލިބުނު އެންމެން ސަލާމަތްވުމުގެ ފުރުސަތު އެބައޮތެވެ.
ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވަނީ އެކަމުގައި ދައުލަތުން އަމަލު ކުރަމުން އައީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި އަމީންގެ މައްސަލާގައި ހައި ކޯޓުން ގާނޫނު މާނަކުރީ ރަނގަޅަށް ނޫން ކަމަށާއި އެހެންވެ، މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"މި މައްސަލާގައި އަމަލު ކޮށްފައިވާ ގާނޫނުގައިވާ ގޮތަށެވެ." ޝަމީމް ކުރެއްވި ޓްވީޓްގައިވެ އެވެ.
އެ މައްސަލާގައި ދެން ގޮތެއް ކަނޑައެޅޭނީ ސުޕްރީމް ކޯޓުގެ ހުކުމް އަންނަ ގޮތަކުންނެވެ. އަމީނަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި ނަމަ، ނަޝީދަށް ހަމަލާދިން މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމުގެ ފެހި ސިގްނަލެއް ލިބުނީ އެވެ. އެކަމަކު ހައި ކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ، އެ މައްސަލާގެ ފައިލް އެއްކޮށް ބަންދުކުރަން ޖެހި، ބޮޑު ޓެރަރިސްޓް ހަމަލާއެއްގެ ޝަރީއަތް ނުފެށެނީސް، ބޮޑު ނާކާމިޔާބީއަކުން ނިންމާލަން ޖެހުނީ އެވެ.
ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން އަންގައިފި
ބޮމުގެ ހަމަލާ:ޝަރީއަތް އޮބްޒާވްކުރަން ފުރުސަތަށް އެދެފި
ޓެރަރިޒަމްގެ މައްސަލާގައި އަލިމަނިކު 5 އަހަރަށް ޖަލަށް
ބޮމުގެ ހަމަލާ: ހެކީގެ ފުރުސަތު އެކަކަށް އަލުން ދެނީ
މޭ 6 ގެ ހަމަލަށް ދެ އަހަރު، އިންސާފު ނުލިބުނު!
ބޮމުގެ ހަމަލާގެ ޝަރީއަތް އޮގަސްޓް މަހު ނިންމަނީ
ބޮމުގެ ހަމަލާ: ބެންޗް އުވުނަސް ޝަރީއަތް އަލުންނުފަށާނެ
ބޮމުގެ ހަމަލާގެ މައްސަލަ ބަލާ ބެންޗަށް ގާޒީ ދީބާނާޒް
ބޮމުގެ ހަމަލާ: ހެކި ސިއްރު،ދިފާއީ ހެކިތަކެއް ބޭރު
ބޮމުގެ ހަމަލާ: ޝަރީއަތުގެ ކުރިއަށް ހެކީގެ މައްސަލަ