Roadha Mihaaru

އަންހެނުންނާ މެދު އަމަލުކުރާ ގޮތުން އަފްޣާނިސްތާނުގެ ވެރިން ހައްޔަރުކުރަން އައިސީސީގެ އަމުރެއް ހޯދަނީ

ތާލިބާން ސަރުކާރުން އަންހެނުން ނިކަމެތިކޮށް އެ މީހުންނާ މެދު އަމަލުކުރާ ގޮތަކީ އިންސާނިއްޔަތާ ހިލާފް އަމަލުތަކެއް ކަމަށް ބުނެ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ މައްސަލައިގައި އަފްޣާން ވެރިން އައިސީސީއަށް

ތާލިބާން ސަރުކާރުން އަންހެނުން ނިކަމެތިކޮށް އެ މީހުންނާ މެދު އަމަލުކުރާ ގޮތަކީ އިންސާނިއްޔަތާ ހިލާފް އަމަލުތަކެއް ކަމަށް ބުނެ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ވެރިން ހައްޔަރުކުރުމުގެ އަމުރެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓަރު މިއަދު ވިދާޅުވެއްޖެ އެވެ.

ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން ވިދާޅުވީ ތާލިބާނުންގެ ސުޕްރީމް ލީޑަރު ހައިބަތުﷲ އަޚުންދްޒާދާ އާއި އުއްތަމަ ފަނޑިޔާރު އަބްދުލް ހަކީމް ހައްގާނީ "ވަކި ޖިންސަކަށް ވީތީ މީހުންނާ މެދު ތަފާތުކުރުން ގެންގުޅުމުގެ، އިންސާނިއްޔަތާ ދެކޮޅު ޖަރީމާގެ ޖިނާއީ ޒިންމާ އުފުލަން ޖެހޭ" ކަމަށެވެ.

ޚާން ވިދާޅުވީ އަފްޣާނިސްތާނުގެ އަންހެނުންނާއި އަންހެން ކުދިންނަށް ތާލިބާނުންގެ ފަރާތުން ކުރިމަތިވެފައި ވަނީ ގަބޫލުކުރަން ދަތި، އާންމު ހަމައިން ބޭރު ތަފާތުކުރުންތަކެއް ކަމަށެވެ. އެއްޖިންސުން ގުޅުން ބާއްވަން ހުއްދަ ނެތުން ވެސް ބަލާފައިވަނީ އަނިޔާގެ ގޮތުގަ އެވެ.

"އަފްޣާނިސްތާނުގައި އަންހެނުންނާއި އަންހެން ކުދިންގެ ހާލަތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އަޅުގަނޑުމެންގެ މި ނިންމުމުން ދޭހަވޭ،" ޚާން ވިދާޅުވި އެވެ.

އައިސީސީގެ ފަނޑިޔާރުން ޕްރޮސިކިއުޓަރު ޚާންގެ ހުށަހެޅުއްވުމާ މެދު ގޮތެއް ނިންމަވާނެ އެވެ. އެކަމަށް ހަފުތާތަކެއް ނުވަތަ މަސްތަކެއް ވެސް ހޭދަވެދާނެ އެވެ.

އައިސީސީ އަކީ އެންމެ ނުރައްކާތެރި ޖަރީމާތަކުގެ ގޮތުގައި ބަލަމުން އަންނަ، ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބެލުމަށް އުފައްދާފައިވާ ކޯޓެކެވެ. އެ ކޯޓަކީ އަމިއްލަ ފުލުން ނެތް، ކޯޓުގެ އަމުރުތައް ތަންފީޒުކުރުމުގައި އެ ކޯޓުގެ މެންބަރު 125 މެމްބަރު ގައުމަށް ބަރޯސާވާ ތަނެކެވެ. އެހެންވެ އަމުރުތަކާ ގުޅިގެން އެކި ފަހަރު ނުކުންނަ ނަތީޖާ ތަފާތެވެ.

ހައްޔަރުކުރުމުގެ އަމުރެއް ނެރެފި ނަމަ، އައިސީސީ އެއްވެސް މެންބަރު ގައުމަކަށް އެ މީހަކު ދަތުރު ނުކުރާނެ ކަމަށް އާންމު އުސޫލުގެ ދަށުން އޮންނަނީ ގަބޫލުކުރެވިފަ އެވެ. އެއީ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށެވެ.