Roadha Mihaaru

ޑްރަގް މައްސަލަތަކުގައި 16 މިލިއަންގެ ޖޫރިމަނާ ދައުލަތަށް ނުލިބި

މަސްތުވާތަކެތީގެ ޓްރެފިކިންގެ މައްސަލަތަކުގައި ކޯޓުތަކުން ކޮށްފައިވާ ޖޫރިމަނާތަކުން މިހާތަނަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ޑްރަގް މައްސަލަތަކުން 16 މިލިއަންގެ ޖޫރިމަނާ ނުލިބި

މަސްތުވާތަކެތީގެ ޓްރެފިކިންގެ މައްސަލަތަކުގައި ކޯޓުތަކުން ކޮށްފައިވާ ޖޫރިމަނާތަކުން މިހާތަނަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް މީރާއިން ދިން ޖަވާބުގައި ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޯޓުން ކޮށްފައިވާ ހުކުމްތަކުގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 16.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް ކަމަށެވެ.

ނަމަވެސް، އެފަދަ މައްސަލަތަކުގައި މިހާތަނަށް ކުރި ޖޫރިމަނާގެ ޖުމްލަ އަދަދެއް ނޭނގެ އެވެ. މީރާއިން ބުނީ ޖިނާއީ މައްސަލަތަކުގައި ކޯޓުތަކުން ކުރާ ހުރިހާ ޖޫރިމަނާއެއް ރިކޯޑްތައް ބަލަހައްޓަނީ މައްސަލަތައް ވަކިން އެނގޭނެ ގޮތަކަށް ނޫން ކަމަށެވެ.

އެކަމަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޑްރަގް ޓްރެފިކިންގެ 184 މައްސަލައަކުން ޖޫރިމަނާ ފައިސާ ނުލިބި އެބައޮތް ކަމަށް މީރާއިން ބުންޏެވެ. އެއީ އޮކްޓޯބަރު 2017 އިން ފެށިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ ދެމެދު ކޮށްފައިވާ ހުކުމްތަކުގެ ޖޫރިމަނާ އެވެ.

މީރާއިން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދަން، އެ ޖޫރިމަނާކުރި މީހުންނަށް ހަނދާންކޮށްދިނުމަށް ނޯޓިސް ފޮނުވާ ކަމަށެވެ. ނަމަވެސް ޖިނާއީ އެހެން ކުށްތަކުގައި ކޮށްފައިވާ ޖޫރިމަނާތަކަށް މިދިޔަ އަހަރު 2.8 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

އެ ނޯޓިސްއާ އެއްގޮތަށް ފައިސާ ނުދައްކާނަމަ އަދި މަތީ ކޯޓެއްގައި އިސްތިއުނާފް ކުރުމުގެ މަރުހަލާ ކުރިއަށްނުދާ ނަމަ ދައުލަތަށް އެ ފައިސާ އަނބުރާ ހޯދަން މަދަނީ ދައުވާ ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް މީރާއިން ބުންޏެވެ.