ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް އެނގިވަޑައިގަތުމެއް ނެތި، ސަރުކާރު ހިންގާ ޕީއެންސީ އަށް ބަދަލުކޮށްފައިވާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
13 ޖެނުއަރީ 2025
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް އެނގިވަޑައިގަތުމެއް ނެތި، ސަރުކާރު ހިންގާ ޕީއެންސީ އަށް ބަދަލުކޮށްފައިވާ މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމު ވެސް ފުރުއްވާ ފިއްޓޭ "މިހާރު" އަށް ވިދާޅުވީ، ޕާޓީ ބަދަލުކޮށްފައިވާ ކަން ފާހަގަވީ، ވައިކަރަދޫގެ ގިނަ ބަޔަކަށް ނޭނގި ޕާޓީ ބަދަލުކުރުމުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ބެލި ބެލުމުން ކަމަށެވެ. އެއީ، އޭނާ އަށް އެނގިވަޑައިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ފިއްޓޭގެ ކެމްޕެއިން މެނޭޖަރާއި ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ބައެއް ހިމެނޭހެން ވައިކަރަދޫން ފަންސާހެއްހާ ފޯމު އެއްފަހަރާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އެ އެންމެންގެ ޕާޓީ ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިއްޓޭ ވިދާޅުވިގޮތުގައި، އެމްޑީޕީން އެހެން ޕާޓީއަކަށް ބަދަލުވުމުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާ އެސްއެމްއެސް ވެސް އޭނާގެ ފޯނަކަށް ނުލިބެ އެވެ. އެހެންކަމުން ބެލެވެނީ ފޯމުގައި ޖަހާފައި ވަނީ އެހެން ނަމްބަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވި ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީއަކުން ވަކި ކޮށްފި ނަމަ މަޖިލިހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކޮށްފައި ވުމާ އެކު، ފިއްޓޭގެ ގޮނޑި ގެއްލިދާނެ ކަމާމެދު ވެސް ވަނީ މިހާރު ސުވާލު އުފެދިފަ އެވެ.
އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ފިއްޓޭ ވިދާޅުވި ގޮތުގައި މި މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ސަމާލު ކަމަށް މިހާރު ވަނީ ގެނެސްފަ އެވެ.
"އެހެން ގޮނޑި ގެއްލުވާލެވެގެންޏާ ވަރަށް ގިނަ މީހުންގެ ގޮނޑި ގެއްލުވާލެވިދާނެތާ [ނޭނގި ޕާޓީ ބަދަލުކޮށްގެން] ބާރު އޮތިއްޔާ. މިއީ އަސްލު ބިރުގަންނަ ސަބަބަކީ،" ފިއްޓޭ ވިދާޅުވި އެވެ.
އިލެކްޝަންސް މެދުވެރިކޮށް ފިއްޓޭގެ ނަމުގައި ހުށަހެޅި ފޯމު ހޯދައި، ފޯމުގައި ސޮއިކުރި މީހުންގެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ "މިހާރު" އަށް ވިދާޅުވި ގޮތުގައި މެންބަރު ފިއްޓޭގެ ފޯމް ކޮމިޝަނަށް ހުށަހަޅާފައިވަނީ ޕީއެންސީގެ ފަރާތުންނެވެ.
"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވެސް ވަނީ މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރުމަށް ފަހު ގޮނޑި ގެއްލުވާލުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މީގެ ކުރިން ވެސް ފިއްޓޭއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގަ އެވެ.
މީހުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވުމާއި ޕާޓީތަކަށް ވެއްދުމުގެ މައްސަލަތައް މި ފަހުން އަނެއްކާ ވެސް ވަނީ އިތުރުވެފަ އެވެ. ފާއިތުވީ ހަ މަސް ތެރޭގައި މިފަދަ 300 މައްސަލައެއް އީސީއަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.
މި ފަހުން އެ މައްސަލަތައް އަލުން ފެންމަތިވެފައި ވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގުމަށް ފަހު، އެ ޕާޓީގެ މެމްބަރުންގެ އަދަދު 3،000 އިން 60،000 އަށް އިތުރު ކޮށްފައި ވަނިކޮށެވެ.
ޒިޔާދުގެ މައްސަލާގައި އެމްއެންޕީ އީސީއަށް ހާޒިރުކުރަނީ
ސިޔާސީ ޕާޓީތަކަށް ދެން ވަދެވޭނީ އީފާސް މެދުވެރިކޮށް!
ދަރަންޏާ ހިސާބުން ޕާޓީ ބަދަލުވަނީ ހުސް ތޮށިގަނޑަކަށް!
ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްއާރްއެމް
ޕީޕީއެމް އުވާލައި ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި
ޑީއާރްޕީން ދައުލަތަށް ދޭންޖެހޭ ފައިސާގެމައްސަލަ ނުބެލުނު
ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެއްޖެ
ވަގު ފޯމުގެ މައްސަލަ ޕީޖީން ނުބަލާތީ ކަންބޮޑުވުން!
ފޯމުތަކުގެ މައްސަލަ ބަލަން އެމްޑީޕީން ވެސް އެދިއްޖެ