Roadha Mihaaru

ޕީޕީއެމް އުވާލައި ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި

ރާއްޖޭގައި އުފެދުނު އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް (ޕީޕީއެމް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި އެވެ.

ޕީޕީއެމް އުވާލައި ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

30 ޖެނުއަރީ 2025

ރާއްޖޭގައި އުފެދުނު އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ޕްރޮގްރެސިވް ކޯލިޝަން އޮފް މޯލްޑިވްސް (ޕީޕީއެމް) ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި އެވެ.

ސަރުކާރު ހިންގާ ޕީއެންސީއާ އެކު ކޯލިޝަންގައި އޮތް ޕީޕީއެމް އުވާލާފައިމިވަނީ ޕާޓީ އުވާލަން އެ ޕާޓީގެ ސެނެޓުން ފާސްކުރުމާ ގުޅިގެންނެވެ.

ޕީޕީއެމް އުވާލައި އިލެކްޝަންސް ކޮމިޝަން (އީސީ)އިން ގެޒެޓު ކުރި އިއުލާނުގައި ބުނީ މިއަދުން ފެށިގެން އެ ޕާޓީ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

ޕީޕީއެމް އުވާލިއިރު އެ ޕާޓީއަކީ 2013-2018 އާ ހަމައަށް ވެރިކަން ކުރި ޕާޓީ އެވެ.

ޕީޕީއެމް އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރްޕީ ދެބައިވެ އުފެދުނު "ޒެޑް ޑީއާރްޕީ" ފެކްޝަނުގެ ތެރެއިންނެވެ. އެ ޕާޓީ އުފެއްދުމަށް ފަހު ބޭއްވި ޕްރައިމަރީގައި ޓިކެޓް ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެވެ.

ޔާމީންގެ ވެރިކަމުގައި މައުމޫނާ ހިޔާލު ތަފާތުވެ، ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިގެން ޕީޕީއެމުން އެ މަނިކުފާނު ބޭރުކުރި އެވެ. އަދި ޔާމީންގެ ފުލް ކޮންޓްރޯލާ އެކު 2016 ވަނަ އަހަރުން ފެށިގެން ޕީޕީއެމް ހިންގަމުން ދިޔަ އެވެ.

ނަމަވެސް، ވެރިކަން ގެއްލުމުން ޕީޕީއެމްގެ ބާރު އަނެއްކާވެސް މައުމޫނަށް ފުރޮޅިދާނެ ކަމުގެ ބިރު އޮތުމުން ޕީއެންސީގެ ނަމުގައި ޔާމީން އާ ޕާޓީއެއް އުފެއްދެވި އެވެ. ކޯޓުން މައްސަލަ ނިމުނު ގޮތުން ޔާމީނަށް ޕީޕީއެމްގެ ކޮންޓްރޯލް ދެމި އޮތްއިރު އެ މަނިކުފާނުގެ ލީޑަޝިޕްގެ ދަށުން ދެ ޕާޓީ ވެސް ގެންދެވީ ހިންގަމުންނެވެ.

އެންމެ ފަހުން މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރެވޭނެ ގޮތް ޔާމީނަށް ނުވުމުން ޕީއެންސީގެ ޓިކެޓްގައި އެހެން ކެންޑިޑޭޓަކު ނެރެން ފުރުސަތު ދެއްވި އެވެ. ޕީއެންސީގެ ތެރޭގައި ބޭއްވި އިންތިހާބެއްގައި އެ ޓިކެޓް ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޕީޕީއެމްގެ ހަރަކާތްތައް އޮތީ ހުއްޓިފަ އެވެ. އޭގެ ބަދަލުގައި ކުޑަ ޕާޓީއެއްގެ ގޮތުގައި އޮތް ޕީއެންސީ ވަރުގަދަ ކުރުމުގެ މަސައްކަތް ފެށި އެވެ. މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވެސް ހުރިހާ ކެންޑިޑޭޓުން ނެރުނީ ޕީއެންސީގެ ނަމުގަ އެވެ.

ޕީޕީއެމްގައި ތިބި ގިނަ އަދަދެއްގެ މެންބަރުން ވެސް ވަނީ ޕީއެންސީއަށް ސޮއިކޮށްފަ އެވެ. އެންމެ ގިނަ މެންބަރުން ތިބި އެއް ޕާޓީގެ ގޮތުގައި އޮތް ޕީޕީއެމް އުވާލިއިރު ވެސް އެ ޕާޓީގައި 12،174 މެންބަރުން ތިއްބެވެ.

ރައީސް މައުމޫން އުފެއްދެވި ޕީޕީއެމް އުވާލިއިރު، އެމަނިކުފާނު ޕީޕީއެމް ދޫކުރައްވައި އުފެއްދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ވެސް އިއްޔެ ވަނީ އުވާލައި، ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފަ އެވެ.

ސިޔާސީ ޕާޓީއެއް އުވައިލާތާ ފަސް އަހަރުގެ ތެރޭގައި އެ ޕާޓީއެއްގެ ކުލަ އާއި ނިޝާން ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް މި ފަހުން ވަނީ އިސްލާހެއް ވެސް ގެނެސްފަ އެވެ.