އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، އަނެއްކާ ކޮންމެ ދުވަހަކު ކަރަންޓު ކަނޑަމުންދާ މައްސަލަތައް ބޮޑުވެއްޖެ އެވެ. އައްޑޫގައި ދިރިއުޅޭ އެތައް ހާސް ބަޔަކު އެ ތަކުލީފުތައް އުފުލަމުންދާތާ ހަފުތާއެއް ވަނީ ވެފަ އެވެ. މައްސަލަ ހައްލަ ހައްލު ނުކުރެވި ދިގުލައިގެން ދިއުމާއި އިރުއިރުކޮޅާ މުޅި ރަށުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ސޯޝަލް މީޑިއާގައި އައްޑޫ މީހުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.
14 ޖެނުއަރީ 2025
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެފައިވާއިރު، އަނެއްކާ ކޮންމެ ދުވަހަކު ކަރަންޓު ކަނޑަމުންދާ މައްސަލަތައް ބޮޑުވެއްޖެ އެވެ. އައްޑޫގައި ދިރިއުޅޭ އެތައް ހާސް ބަޔަކު އެ ތަކުލީފުތައް އުފުލަމުންދާތާ ހަފުތާއެއް ވަނީ ވެފަ އެވެ. މައްސަލަ ހައްލަ ހައްލު ނުކުރެވި ދިގުލައިގެން ދިއުމާއި އިރުއިރުކޮޅާ މުޅި ރަށުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ސޯޝަލް މީޑިއާގައި އައްޑޫ މީހުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.
އައްޑު އަށް މިދިޔަ އަހަރު ދިރިއުޅުން ބަދަލުކުރި މީހަކު އޭނާގެ ކަންބޮޑުވުންތައް އޮއްސާލަމުން ބުނީ، އެ މީހުން ބަދަލުވި ފަހުން ވެސް ކޮންމެ ހަފުތާއަކު ދެތިން ފަހަރަށް ރަށުން ކަރަންޓު ކެނޑޭ ކަމަށެވެ. އެކަަމަކު މިހާރު ކަރަންޓު ކަނޑައިގެންދާ ކޮންމެ ފަހަރަކު ދެ ގަޑިއެއްހާއިރު ވާ ކަމަށް އެ މީހާ ބުންޏެވެ.
އޭނާ ބުނީ ކުރިއަށް ރޯދަ މަސް އޮތްއިރު، ކަރަންޓުގެ މައްސަލަ ހައްލު ނުވާ ނަމަ އެތައް ތަކުލީފެއް ކުރިމަތިވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ތުއްތު ކުދިންނާއި ދުވަސްވީ މީހުން ދިރިއުޅޭ ގެތަކަށް އުނދަގޫވާ ކަމަށް ބުންޏެވެ.
އަނެއް ބަޔަކު ކަންބޮޑުވުން ފާޅުކުރީ ކަރަންޓު ކެނޑުމުގެ ސަބަބުން ގޭގައި ހުންނަ ކަރަންޓު ސާމާނަށް ގެއްލުން ލިބޭ މައްސަލަ ބޮޑުވެގެންނެވެ. މިހާރު ވެސް ބައެއް ގޭގޭގައި ގެންގުޅޭ ފްރިޖު ފަދަ ތަކެތި ވަނީ ހަލާކުވެފަ އެވެ. ރޯދަމަސް ކުރިއަށް އޮތް އިރު، އެއީ ވެސް އިތުރު ހަރަދުތަކެއް ކުރަން މަޖުބޫރު ކުރުވި ކަމެކެވެ.
އިތުރު މީހަކު ބުނިގޮތުގައި، ފޭދޫ ސްކޫލުގެ ގްރޭޑް 10 ގެ ކުދިންގެ އިމްތިހާނެއް ދެ ފަހަރެއް މަތިން ވަނީ ކަރަންޓު ނެތުމުގެ ސަބަބުން ފަސްކޮށްފަ އެވެ. އެކަމަކު ރައްޔިތުން މިހާ ބޮޑު ތަކުލީފެއްގައި އުޅެމުންދާއިރު ވެސް ސަރުކާރުން އަޅާ ނުލާ ކަމަށް ބުނެ އެ މީހުން ޝަކުވާ ކުރި އެވެ.
Appliances like TVs, ACs, and other electronics.
— Anim (@animfromAddu) January 13, 2025
I have visited atleast 10 homes today all same issues. There should be a way for FENAKA to pay for the damages.
އެ މައްސަލާގައި ފެނަކައިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ މައްސަލަ ދިމާވެފައި ވަނީ ސީޕީއެސް ޖެންސެޓްތަކަކަށް ދިމާވި މައްސަލައަކުން ކަމަށެވެ. އެކަން ހައްލު ކުރުމަށް ސްޕެއާ ޕާޓްސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކުންފުނިން ބުންޏެވެ.
އެ ބަޔާނުގައި ބުނީ ހަލާކުވި، އެއް ޖެންސެޓްގެ މައްސަލަ މިއަދު ހައްލު ކުރުމަށް ސްޕެއާ ޕާޓްސް ލިބިފައިވާ ކަމަށެވެ. ދެން ހުރި ޖެންސެޓްތަކަށް ބޭނުންވާ ސްޕެއާ ޕާޓްސް ލިބުނުހާ އަވަހަށް ހައްލު ކުރެވޭނެ ކަމަށް ބުންޏަސް އެކަން ކުރެވޭނެ ވަކި ތާރީހެއް އެ ބަޔާނުގައި ނެތެވެ.
"ސްޕެއާ ޕާޓްސް ލިބުނުހާ އަވަހަކަށް ދެން ހުރި ޖެންސެޓްތައް ހައްލު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމުގައި ދަންނަވަމެވެ،" ފެނަކައިގެ ބަޔާނުގައި ވެ އެވެ.
އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުވާނެ ވަކި އިރެއް ފެނަކައިން ނުބުނެ އެވެ. އެކަމަކު އެކަން އެއްކޮށް ހައްލު ކުރެވެންދެން ކަރަންޓު ލޯޑު ހިފެހެއްޓުމަށް، އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށް ވެސް ބުންޏެވެ.
"މިކަމުގެ ސަބަބުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދެމެވެ. މި މައްސަލަ ވީހާ ވެސް އަވަހަށް ހައްލުކޮށް، ކަރަންޓުގެ ހިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި އަޅިގަނޑުމެންގެ ޓީމުތަކުން މެދުނުކެނޑި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު، "މިހާރު" އަށް ވިދާޅުވި ގޮތުގައި މިފަހަރު މައްސަލަ ދިމާވީ ޖަނަރޭޓަރުތައް އަޕްގްރޭޑް ނުކުރާތާ ގިނަ ދުވަސް ވުމުގެ ސަބަބުންނެވެ.
ކޮންމެ ދުވަހަކު ވެސް ތިން ހަތަރު ގަޑިއިރަށް އައްޑޫގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަމުން ކަރަންޓު ކެނޑޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، ފެނަކައާ އެކު ވެސް އެތައް މަޝްވަރާއެއް ކޮށްފައިވާ ކަމަށެވެ. އެކަމަކު ހައްލު ނުވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
ނިޒާރު ވިދާޅުވިގޮތުގައި، ޖަނަރޭޓަރުތައް ފެއިލްވެ، ބޭނުންވާ ވަރަށް ކަރަންޓު ނުއުފެއްދޭ މައްސަލަ ހައްލުވާން އޮތީ އާ ޖަނަރޭޓަރުތައް އައްޑު އަށް ގެންގޮސްގެންނެވެ.
"ފެނަކައިން މަސައްކަތް ކުރަމުންދާ ކަމަށް މި ބުނަނީ. އެކަމަކު ކުރާ މަސައްކަތެއް ނުއެއް އެނގޭ. ކުރާ މަސައްކަތުން މާ ބޮޑު ބަދަލެއް ނުގެނެވޭނެ. އާ ޖަނަރޭޓަރުތައް ބަހައްޓައިގެން ނޫން ގޮތަކަށް މިކަން ހައްލު ނުކުރެވޭނެ،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓުގެ އިތުރުން ފެނާއި ނަރުދަމާގެ މައްސަލަ ވެސް އެހާ ބޮޑެވެ.
"މުޅި ތަނުން [އައްޑޫން] ޔުޓިލިޓީސްގެ ހިދުމަތްތައް މިއޮތީ ފެއިލްވެފައި،"
ގުޅިފައިވާ ރަށްތަކަށް އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި 20 އަކަށް ޖަނަރޭޓަރު ބަހައްޓާފައިވާއިރު އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު މިދިޔަ އަހަރު ފަހުކޮޅު ވެސް ވަނީ ކަރަންޓުގެ މައްސަލަ ވަރަށް ބޮޑުވި އެވެ. އެ ފަހަރު ފަސް ޖަނަރޭޓަރު ހަލާކުވެގެން ކަރަންޓު އުފައްދާ މިންވަރު ދަށްވީ އެވެ.
ފެނަކައިން ވަނީ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑާނެ ވަކި ގަޑިތަކެއް އާންމުކޮށްފަ އެވެ.
ފެނަކައިން އައްޑޫ ހިތަދޫން ކަރަންޓު ކަނޑާނެ ގަޑިތައް އާންމުކުރުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައި.
އެ މައްސަލާގައި ހިތަދޫ މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު އަޒާން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫން ކަރަންޓު ކެނޑޭ މައްސަލައާ ގުޅޭގޮތުން އެ ސިޓީގެ އެކި ދާއިރާގެ މެމްބަރުންނާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
އައްޑޫ އިން ކަރަންޓު ކެނޑޭ މައްސަލަ އާ ގުޅޭ ގޮތުން މިރޭ އަޅުގަނޑުމެން މަޝްވަރާ ކުރިން. އެ މައްސަލަ ހައްލު ކުރަން، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން. pic.twitter.com/VT9fTzgCSL
— Ahmed Azaan (@axanner) January 13, 2025
މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެއްވެސް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ބުނެ އައްޑޫ މީހުން ދަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކުރަމުންނެެވެ.
އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ފެނަކައިން ވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާ ހަވާލުކޮށްފަ އެވެ.
އައްޑު އަށް ޒަމާނުއްސުރެ ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށް އެ އެއްބަސްވުމުގެ ދަށުން 30 މެގަވޮޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު، ޕަވާޕްލާންޓެއް ބަހައްޓާނެ ކަމަށް ފެނަކައިން ބުނެފައި ވެ އެވެ. އެކަމަކު އެ މަސައްކަތް އޮތް ހިސާބެއް އަދި ސާފެއް ނުވެ އެވެ.
ފެނަކައިން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ އާ އިންޖީނުގެއަށް އިތުރަށް ބޭނުންވާ ބިން ހަމަޖެއްސުމަށް ކައުންސިލާ އެކު މަޝްވަރާކޮށްފަ އެވެ. އޭރު ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ގޮތުގައި އާ އިންޖީނުގެއާ އެކު އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކުރެވޭނެ އެވެ.
އައްޑުއަށް ގެންދިޔަ އާ ޖަނަރޭޓަރު ބޭނުންކުރަން ފަށައިފި
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
އައްޑޫގައި ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ
އައްޑޫގެ ގުޅިފައިވާރަށްތަކުން އަނެއްކާ ކަރަންޓު ކެނޑެނީ
ކަރަންޓު މައްސަލަ ހައްލު ކުރަން އައްޑުއަށް ޖަނަރޭޓަރެއް
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
ކަރަންޓު ކެނޑެނީ މަގު ހަދާއިރު ކޭބަލަށް ގެއްލުންވާތީ
އައްޑޫން ކަރަންޓު ކެނޑޭތީ ކުއްލި މައްސަލައެއް
ހަވީރުން ފެށިގެން އައްޑޫ ރަށްތަކުން ކަރަންޓު ކެނޑިފައި