Roadha Mihaaru

އައްޑޫގައި ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެގެން އަނެއްކާވެސް ކަރަންޓު ކަނޑަނީ

އައްޑޫގައި އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެގެން ބައެއް ސަރަހައްދުތަކުން ވަކި ވަގުތަކަށް ކަރަންޓު ކަނޑަން ފަށައިފި އެވެ.

އައްޑޫގައި ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

10 ފެބުރުއަރީ 2025

އައްޑޫގައި އަނެއްކާވެސް ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވެގެން ބައެއް ސަރަހައްދުތަކުން ވަކި ވަގުތަކަށް ކަރަންޓު ކަނޑަން ފަށައިފި އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން ކޮމިއުނިޓީ ވައިބާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ ޖަނަރޭޓަރަކަށް މައްސަލައެއް ދިމާވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން މިރޭ ގަޑިއިރަކަށް ކަރަންޓު ކެނޑޭނެ ކަމަށެވެ.

މިރޭ އެންމެ ފުރަތަމަ ކަރަންޓު ކަނޑާފައި ވަނީ މަރަދޫ ބޮނޑަގޭ ސަރަހައްދުންނެވެ.

މިރޭ 8:10 އިން ފެށިގެން މަރަދޫ ފެނަކަ އޮފީސް ހުންނަ ސަރަހައްދުން ވެސް އެއް ގަޑިއިރަށް ކަރަންޓު ކެނޑޭނެ ކަމަށް ފެނަކަ އިން ފޮނުވި މެސެޖުގައިވެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން އެއްވެސް ސަރުކާރުން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް ބުނެ އައްޑޫ މީހުން ދަނީ ސޯޝަލް މީޑިއާގައި އަބަދުވެސް ނުރުހުން ފާޅުކުރެ އެވެ.

އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ފެނަކައިން ވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާ ހަވާލުކޮށްފަ އެވެ.