Roadha Mihaaru

އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ، އަންނަ ހަފުތާގައި ޖަނަރޭޓަރުތައް މަރާމާތު ކުރެވޭނެ: ފެނަކަ

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާތީ އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ރޭ ބުނެފި އެވެ.

އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ގެންދަނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

17 ފެބުރުއަރީ 2025

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެ، އާންމުންގެ ޝަކުވާތައް ބޮޑުވެފައިވާތީ އައްޑު އަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކައިން ރޭ ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، ހިތަދު އާއި ގުޅިފައިވާ އެހެން ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވާ ސްޓޭޝަނެއްގައި ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓުތަކުގެ ތެރެއިން ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ، އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

އެހެންވެ، ރަށްތަކަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަން ޖެހިފައިވާތީ، އެކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، 1.8 މެގަވޮޓުގެ އާ ޖަނަރޭޓަރު ސެޓެއް ހޯދައި، އައްޑޫއަށް ފޮނުވުމަށް މިހާރު ވަނީ ލޭންޑިން ކްރާފްޓަށް ލޯޑު ކުރެވިފަ އެވެ،" ފެނަކައިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، ހަލާކުވެފައިވާ ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނެރޭޓަރު މަރާމާތުކޮށް، މިހާރު ބޭނުން ކުރަމުން އަންނައިރު ދެ ވަނަ ޖަނެރޭޓަރު މަރާމާތުކޮށް މި ހަފުތާގެ ނިޔަލަށް ހިންމޭނެ އެވެ. ރާއްޖެއިން ބޭރުން ސްޕެއާ ގެނެސްގެން ތިން ވަނަ ޖަނެރޭޓަރު މަރާމާތުކޮށް، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ބުންޏެވެ.

ފެނަކައިން ބުނިގޮތުގައި ރޯދަމަހަކީ ކޮންމެ އަހަރަކު ވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހަކަށް ވާއިރު އައްޑޫގައި ކަރަންޓުގެ ޑިމާންޑު ވެސް އިތުރުވާތީ އެކަމަށް ސަމާލުކަން ދީގެން އެ ކުންފުނިން މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ.

"އައްޑޫގެ ކަރަންޓުގެ މައްސަލައަކީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާކަމަށްވެފައި، ހެޔޮ ނިޔަތުގައި އެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އިހުލާސްތެރި މަސައްކަތްތަކެއް ކުރެވިފައި ނުވާކަމީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނީ އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި ދޮޅު އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މެދަކާ ހިސާބުން ފެށިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދަނީ ކަރަންޓު ކެނޑެމުންނެވެ. އިރުއިކޮޅާ ކަރަންޓު ކަނޑަމުންދާތީ އޭގެ ތަކްލީފު ބޮޑުވެ، އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި އެންމެ މަތިން ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވެ އެވެ. ކަރަންޓު ފޯރުކޮށްދިނުމަށް ހިތަދޫގައި ބަހައްޓާފައި ވަނީ 20 ޖެނަރޭޓަރު ސެޓެވެ. އޭގެ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ. އެކަމަކު އޭގެ ތެރެއިން ފަސް ޖެނަރޭޓަރު ހަލާކުވުމާ ގުޅިގެން ކަރަންޓު އުފެއްދޭ މިންވަރު ދަށްވެ، ރަށްތަކުން ކަރަންޓު ކެނޑެނީ އެވެ.

މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފެނަކައިން ވަނީ ޗައިނާގެ ޑޮންފެން އިލެކްޓްރިކް (ޑީއީސީ) އާ ހަވާލުކޮށްފަ އެވެ.

އައްޑު އަށް ޒަމާނުއްސުރެ ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށް އެ އެއްބަސްވުމުގެ ދަށުން 30 މެގަވޮޓްގެ ކަރަންޓު ބޭނުންކުރެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު، ޕަވާޕްލާންޓެއް ބަހައްޓާނެ ކަމަށް ފެނަކައިން ބުނެފައި ވެ އެވެ. އެކަމަކު އެ މަސައްކަތް އޮތް ހިސާބެއް އަދި ސާފެއް ނުވެ އެވެ.