ސަރުކާރު ހިންގާ ޕީއެންސީ އަށް މެމްބަރުން އިތުރުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނިންމައިފި އެވެ.
15 ޖެނުއަރީ 2025
ސަރުކާރު ހިންގާ ޕީއެންސީ އަށް މެމްބަރުން އިތުރުކުރަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސް ބޭނުން ކޮށްފައިވާ ކަމަށް ބުނެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ނިންމައިފި އެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ވީ އެންމެ އަވަހަކަށް މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ ޕީޖީ ގުރޫޕުން މިއަދު ފާސްކޮށްފައިވާ ކަމަށެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް 10 މެންބަރުންގެ ސޮއި ބޭނުންވެ އެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގައި ތިއްބަވަނީ 12 މެންބަރުންނެވެ. ނަމަވެސް ވަޒީރަކު މަގާމުން ވަކިކުރަން ބޭނުންވާ އަދަދަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ނެތެވެ.
ޑީއެންއާރްގެ ޑޭޓާ ބޭސް ނަހަމަ ގޮތުގައި ބޭނުންކޮށް، ޒާތީ މައުލޫމާތު ބޭނުންކޮށްގެން ގިނަ ބަޔަކަށް ނޭނގި ޕީއެންސީއަށް ވެއްދީ އިހުސާންގެ ބައިވެރިވުމާއެކު ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އެކި ހިދުމަތްތަކަށް އެދިގެން ސަރުކާރަށް ލިޔެކިޔުން ހުށަހަޅާ ރައްޔިތުންގެ ޒާތީ މައުލޫމާތު ނެގުމުގައި މިނިސްޓަރު ބައިވެރިވުމަކީ މިނިސްޓަރުގެ ހުވަޔާ ވެސް ހިލާފުވާ ކަމެއް ކަމަށެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންތަކެއް ޕީއެންސީއަށް ފޯމު ފުރަން ތިބި ފޮޓޯތަކެއް ކުރިން އާންމުވެފައި ވާތީ، އެކަން ކުރިއަށް ދިޔައީ ސީދާ އިހުސާންގެ ބެލުމުގެ ދަށުން ކަން ހާމަވާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.
އެމްޑީޕީން ވަނީ ފުލުހުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި އިހުސާން ހުންނަވައިގެން މި މައްސަލަ އިންސާފުވެރިކަމާއެކު ފުލުހުންނަށް ނުބެލޭނެތީ އޭނާ މަގާމުން ދުރުކުރުމަށް ސަރުކާރަށް ވެސް ގޮވާލައިފަ އެވެ.
އޮޅުވާލައިގެން ފޯމް ހުށަހަޅާ މައްސަލާގައި މިފަހުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ޕީއެންސީއަށެވެ. އެއީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީ އަށް ބަދަލު ކުރުމުންނެވެ.
އެ މައްސަލައަށް ފަހު އަނެއްކާވެސް ސައްހަ ނޫން ފޯމްތަކެއް މައްސަލަ ފެންމަތިވެ ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް ޕީއެންސީން ވެސް ވަނީ މެންބަރުން އިތުރުކުރުމަށް ހިންގި ޕްރޮގްރާމްގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް އެއްބަސްވެފަ އެވެ.
އޮޅުވާލި ފޯމުތަކުގެ ހެކިންނަށް ފިޔަވަޅު އެޅިތޯ ބަލަނީ
އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެއްޖެ
ފޯމުތަކުގެ މައްސަލަ ބަލަން އެމްޑީޕީން ވެސް އެދިއްޖެ
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި
އެމްޑީޕީގެ އެކްޓިވިސްޓު ދޮންކޮޅު ޕީއެންސީއަށް
ނޭނގި ޕާޓީ ބަދަލުކުރާކަމުގެ ޝަކުވާ ލިބިފައިވޭ: އީސީ
އަންނަ އަހަރުގެ ބަޖެޓުން ފައިސާ ދޫކުރާނީ 5 ޕާޓީއަކަށް
ލެޖިސްލޭޓިވް އެޖެންޑާއާ މެދު އެމްޑީޕީގެ ކަންބޮޑުވުން
ޕާޓީ ބަދަލުކުރުން ހުއްޓުވަން ބޭނުންވަނީ ދާއިމީ ގާނޫނެއް
އާޒިމަށް ފަސް އަހަރަށް އެމްޑީޕީގެ ޓިކެޓް ގެއްލިއްޖެ!