Roadha Mihaaru

އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކަށް ޕީއެންސީ ވެއްޖެ

މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ، ސަރުކާރު ހިންގާ ޕީއެންސީކަން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެއްޖެ
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

23 ޖެނުއަރީ 2025

މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަކީ، ސަރުކާރު ހިންގާ ޕީއެންސީކަން އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިދިޔަ ޑިސެމްބަރު 31 އާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ހިމަނާފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.

މިދިޔަ އަހަރު ފެށިއިރު 28،201 މެމްބަރުން ތިބި ޕީއެންސީން ވަނީ އެ ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް މިދިޔަ އަހަރެއްހާ ދުވަސް ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގައިފަ އެވެ.

ދެ ވަނައަށް މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. މީގެ ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 43،755 އެވެ. އެކަމަކު، މިދިޔަ އަހަރު ފެށިއިރު އެ ޕާޓީގައި 52،142 މެމްބަރުންނެވެ.

ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 13،826 އެވެ. އުވައިލުމުގެ މަރުހަލާގައި އޮތް ޕީޕީއެމްގައި މިވަގުތު ވެސް 12،174 މެންބަރުން ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެހެނިހެން ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދުތައް:

- އަދާލަތު ޕާޓީ، 9،049 މެންބަރުން

- އެމްޑީއޭ، 9،210 މެންބަރުން

- އެމްއެންޕީ، 6،050 މެންބަރުން

- ދަ ޑިމޮކްރެޓްސް، 3،667 މެންބަރުން

- އެމްޓީޑީ، 2،359 މެންބަރުން

- ޕީއެންއެފް، 2،822

މީގެ އިތުރުން އުވާލަން ނިންމާފައިވާ އެމްއާރްއެމްގައި 1،867 މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އެންމެ ބޮޑު ޕާޓީއަކަށް ޕީއެންސީ ވެފައިވާއިރު، ވަގު ފޯމު ފުރައިގެން މެންބަރުން ވެއްދުމުގެ ތުހުމަތުތަކެއް ވެސް އެ ޕާޓީއަށް ވަނީ އަމާޒުވެފަ އެވެ. އެފަދަ ފޯމުތަކެއް ހުށަހެޅުނު ކަމަށް އެ ޕާޓީން ވެސް އެއްބަސްވިއިރު، އެ މައްސަލަ އީސީ އާއި ފުލުހުން އަންނަނީ ބަލަމުންނެވެ.