Roadha Mihaaru

މިސްކިތުގައި ކުޅިވަރު ކުޅުނު ކަމަށް ބުނެ ވާހަކަ ދައްކަނީ ހަގީގަތް އޮޅޭގޮތަށް: ވިލުފުށީ ކައުންސިލް

ތ. ވިލުފުށީގެ މިސްކިތެއްގެ ތެރޭގައި ކުޅިވަރު ކުޅުނު ކަމަށް ބުނެ ވާހަކަ ދައްކަމުން ދަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ބުނެ އެކަން އެރަށު ކައުންސިލުން މިއަދު ކުށްވެރިކޮށްފި އެވެ.

މިސްކިތުގެ ހުރުމަތް ކެނޑި ކަމަށްބުނާ ވާހަކައަކީ ދޮގެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

17 ޖެނުއަރީ 2025

ތ. ވިލުފުށީގެ މިސްކިތެއްގެ ތެރޭގައި ކުޅިވަރު ކުޅުނު ކަމަށް ބުނެ ވާހަކަ ދައްކަމުން ދަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށް ބުނެ އެކަން އެރަށު ކައުންސިލުން މިއަދު ކުށްވެރިކޮށްފި އެވެ.

ވިލުފުށީގެ ރަށުގެ މިސްކިތެއްގެ ތެރޭގައި ދެ ޖިންސުގެ މީހުން ބައިވެރިވެގެން އެކި ކަހަލަ ގޭމްތައް ކުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެއާއެކު، އާއްމުންގެ ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ވީޑިއޯއަކީ ޓީޗަރުންގެ ދުވަސް ފާހަގަކުރަން ނަލަހިޔާ އިސްލާމީ މަރުކަޒުގެ ނަލަ މާލަމުގައި މިދިޔަ އަހަރު ބޭއްވި ޓީމް ބިލްޑިން އެކްޓިވީއެއްގެ މަންޒަރު ކަމަށެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ހުރި މިއުޒިކަކީ އެޑިޓެއް ކަމަށް ބުންޏެވެ.

އެ މާލަމަކީ ދީނީ އަދި އިޖުތިމާއީ އެކިއެކި ބޭނުންތަކަށް ބޭނުން ކުރަމުންދާ ތަނެއް ކަމަށާއި އަދި އެރަށުގައި ބާއްވާ އެކިއެކި މުބާރާތްތަކާއި ހަރަކާތްތަކަށް މީގެ ކުރިން ވެސް އެތަން ބޭނުންކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން އެތަނުގައި އަޅާފައި އޮތް ކާޕެޓަކީ މިސްކިތުގެ ނަމާދުކުރާ ބައިގައި ކުރިން ބޭނުންކުރި އެއްޗެކެވެ.

ނަލަ މާލަން ސެމިނާ ހޯލަކަށް ބަދަލުކުރުމުގެ ކުރިން އެތަން ބޭނުން ކޮށްފައިވަނީ އަންހެނުން ނަމާދުކުރާ ތަނެއްގެ ގޮތުގަ އެވެ. އަދި މިހާރު އަންހެނުން ނަމާދު ކުރަނީ މިސްކިތުގެ މަތީބައިގައި ޕާޓިޝަން ޖަހައިގެން ހަދާފައިވާ ބައެއްގަ އެވެ.

ބަޔާނުގައި ބުނީ އެ ކައުންސިލަކީ ދީނީ ކަންކަމަށް އިސްކަމެއްދީގެން އަދި ދީނީ އިލްމުވެރިންގެ ލަފައާ އިރުޝާދުގެ ދަށުން އަބަދުވެސް މަސައްކަތްކުރާ ކައުންސިލެއް ކަމަށެވެ.

ނަމަވެސް، ޓީޗަރުން ކުރާ މަސައްކަތުގެ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށް ކައުންސިލުން ބޭއްވި ހަފުލާއެއްގެ ތަންކޮޅެއް ނަގައިގެން، އެކަމުގެ ހަގީގަތް އޮޅޭގޮތަށް އަދި އެއަށް މިއުޒިކް އަޅައިގެން ސަރުކާރާއި ކައުންސިލާއި ޓީޗަރުންގެ އަގުވައްޓާލައި ނަފްރަތު އުފެއްދުމަށް އެފަދަ ނާތަހުޒީބު އަމަލެއް ހިންގުމުން ހިތާމަކުރާ ކަމަށް ބުންޏެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ކައުންސިލުން މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލެއް ނުކުރާނެ ކަމާއި އެފަދަ ކަމަކަށް ތަރުހީބު ނުދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.