Roadha Mihaaru
މައުމޫނާއި ނަޝީދު ވިއްކެވި ރަށްތައް ހުރީ ނުހެދި

މައުމޫނާއި ނަޝީދު ވިއްކެވި ރަށްތައް ހުރީ ނުހެދި: މިނިސްޓަރު ސައީދު

09 މާޗް 2017

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވިއްކެވި ރަށްތައް އަދިވެސް ނުހެދި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވިއްކެވި ރަށްތައް އަދިވެސް ނުހެދި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ސަރުކާރު ކޯލިޝަނުން ނިކުންނަ ކެންޑިޑޭޓުން ތައާރަފް ކުރަން މިރޭ ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އަތޮޅުތަކާއި ރަށްތަކާއި ގިރިތަކާއި ފަޅުތައް ދިގު މުއްދަތަކަށް ވިއްކާފައިވާ ކަމަށެވެ.

އެ ގޮތުން ބައެއް ރަށްތައް 90 އަހަރަށް ދިންއިރު، ބައެއް ރަށްތައް 50 އަހަރަށާއި 25 އަހަރަށް ބައެއް ވިޔަފާރިވެރިންނަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ތަންތަން ތަރައްގީ ނުކުރެއްވީތީ މިނިސްޓަރު ވަނީ ރައީސް ނަޝީދަށާއި މައުމޫނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"އޭރު ދިން ރަށް ރަށް އެބަހުރި މި ގައުމުގެ ބައެއް ވިޔަފާރިވެރިންގެ އަތުގައި އަދިވެސް ތަރައްގީ ނުކޮށް، އެއީ އަޅުގަނޑަށް އެންމެ ގާތުން އެނގޭ ކަންކަން، އެއީ ތިޔަބޭފުޅުންގެ މުދާ ނޫން ކޮން ބައެއްގެ މުދާތޯ؟" ބްރިޖު ބެލުމަށް ހާއްސަކޮށްފައި އޮތް ޕްލެޓްފޯމްގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަންތަން ދެމުން އަންނަނީ "ހަ ފަރާތް" ފެންނަ ގޮތަށެވެ. ރައީސް ޔާމީންގެ އަމާޒަކީ ދައުރު ހަމަވުމުގެ ކުރިން ރާއްޖޭގައި 50 ރިސޯޓު ހުޅުވައި ހިދުމަތްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދުގެ ވާހަކައިގައި ކުރީގެ ރައީސުންނަށް ގައުމުގައި ވެރިކަން ކުރަން އިތުރު ފުރުސަތެއް ނުދޭން ޖެހޭ ފަދަ މޭރުމަކުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

"ސޮލީބީ ހަނގުރާމަވެރިންގެ ފަންޑުގައި ރައީސް ނަޝީދު ކުރައްވާ ކަމެއް އެ ކުރައްވަނީ. އަޅުގަނޑު މައާފާއެކު އެދެނީ އޭގައި ރައީސް މައުމޫން ވެސް ޖެހުމަކީ ލަދު ގަންނަ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ދިވެހި ގައުމުގެ ހުރިހާ ގިންތިއަކަށް "ފިޓުވާ" ވެރިކަމެއް މި ގައުމުގެ ތާރީހުގައި ކުރައްވަނީ ރައީސް ޔާމީނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކަށް އަންނަ ތަރައްގީ ފެނިފައި ބޭރުގެ އިންވެސްޓަރުން ރާއްޖެއާ މެދު ވަރަށް ބޮޑަށް ޝައުގުވެރިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މި ގައުމުގެ އިސްލާމް ދީނާއި އިސްތިގުލާލު ދަމަހައްޓައި، މިނިވަންކަން ދިފާއުކޮށްގެން ތަރައްގީ ގެނެވޭނެ ވެރިއަކު ރައީސް ޔާމީން ފިޔަވައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި 2.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް އެބަ ކުރެވޭ ކަމަށާއި އެއީ ރާއްޖޭގެ ދެ އަހަރެއްހާ ދުވަހުގެ ބަޖެޓް ކަމަށެވެ.

"މިއަށް ހަސަދަވެރިވެގެން ކުރީގެ ރައީސުންނަށް އިނާމެއް ދޭނަމަ، ރަނގަޅު ލިބާހެއް ފައްސަވާ އެ ބޭފުޅުންނަށް،" ސައީދު ވިދާޅުވި އެވެ.